މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް: ރައީސް
10 ޑިސެމްބަރު 2024 - 07:08
މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ.
ރައީސް އެފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން، ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގެވެ. އެ ޕޯސްޓުގައި ރައީސް ވަނީ އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރީންކުރާ ހިންމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއްކަމުގައި ފާހަގަކުރައްވާފައެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ގިނަ ކަންކަމެއް ކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ކަމުގައި ސަރުކާރުން ބުނެއެވެ. އެގޮތުން މިއަދުން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ލިބޭނެ ގޮތް ސަރުކާރުން ފަހިކޮށްދީފައިވާއިރު، އެކަން އަދި ފަހިވެފައިވަނީ ބީއެމްއެލްގެ އެކައުންޓްތަކުގައި ހުޅުވާފައިވާ ދޯނިތަކަށެވެ.
އެގޮތުން އިއްޔެ އެކަނި ވެސް މަސްވެރިންނަށް ނުދެވި ހުރި 38 މިލިއަން ރުފިޔާ ދީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ބެކްލޮގް އެއްކޮށް ސަރުކާރުން ވަނީ ޚަލާސްކޮށްފައެވެ.