logoEN
ޚަބަރު

ރައީސްއަށް އަމާޒުކޮށް އިދިކޮޅުން ކޮރަޕްޝަންގެ ތުހުމަތުކުރަނީ ސިޔާސީ ބޭނުމަށް: ޕީއެންސީ

ޕީއެންސީގެ ޖަލްސާއެއްގައި ރައީސް މުޢިއްޒު އަދި ދައުލަތުގެ އެންމެ އިސް ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް

ޕީއެންސީގެ ޖަލްސާއެއްގައި ރައީސް މުޢިއްޒު އަދި ދައުލަތުގެ އެންމެ އިސް ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް

29 ޑިސެމްބަރު 2024 - 16:14

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން އެފަދައިން ބުނީ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ޕީއެންސީން ބުނީ، ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް ތަހުގީގަށް ގޮވާލި ނަމަވެސް ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅު އަޅާފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެ ވާހަކަތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން ގައުމުގައި މިހާރު ހިނގަމުންދާ މަރުހަލާތަކާއި ޖަވާބުދާރީވުމުގެ ނިޒާމުތަކުގެ ނަޒާހަތްތެރިކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އަދި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އެފަދަ ފަރާތްތަކަށް ދޭންޖެހޭ ހައްގު އަދަބު ދިނުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އެ ޕާޓީން ވަނީ އިދިކޮޅުން ރައީސް މުޢިއްޒުއަށް އަމާޒުކޮށް ދައްކާ ކޮރަޕްޝަންތަކުގެ ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ.

މީގެ އިތުރުން، މި ސަރުކާރުން ކޮރަޕްޝަނަށް ޖާގައެއް ނުދޭނެ ކަމަށާއި، ކޮރަޕްޝަނުގެ ކަމެއް ހިނގާއިރު ހަނު ވެސް ނުތިބޭނެ ކަމަށް ޕީއެންސީގެ ބަޔާނުގައި ވެއެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެ ޕާޓީ އަބަދު ވެސް ދެމި އޮންނާނީ ރައީސް މުޢިއްޒު އަދި ސަރުކާރުން ކުރާ ކޮރަޕްޝަނާ ދެކޮޅު މަސައްކަތްތަކާ އެކީގައި ކަމުގައި ވެސް އެ ޕާޓީން ބަޔާނުގައި ބުންޏެވެ.

ޕީއެންސީން އެފަދަ ބަޔާނެއް ނެރުނީ، ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެފަދަ ގިނަ މައްސަލަތަކެއް ފުލުހުން ބަލަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތި ބެހުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފެންމަތިވެ، އެއާ ގުޅުން ހުރި ފޯޖުކުރުމުގެ މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. އަދި މިދިޔަ ސަރުކާރުގައި އާރްޑީސީގައި ހިންގި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ވެސް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ގެތަކަށް ތަހުގީގުގެ ބޭނުމަށް ފުލުހުން ވަނީ ވަދެފައެވެ. އެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް

871x217_placeholder