އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑަށް ބޭސްފަރުވާ އަށް ފޮނުވަން ހުޅުވާލައިފި
އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު
15 ޖެނުއަރީ 2025 - 07:04
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި އެކުވެރި އަރަބި އިމާރަތް (ޔޫއޭއީ)އަށް ބޭސްފަރުވާ އަށް ފޮނުވަން ހުޅުވާލައިފިއެވެ.
އާސަންދައިގެ ދަށުން ތައިލެންޑާއި ޔޫއޭއީން ބޭސް ފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު، ޗައިނާގެ ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެ ދުވަހު ރައީސް ވިދާޅުވީ، އާސަންދައަކީ ހަމައެކަނި ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީތަކުން ލިބޭ އެއްޗަކަށްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމުގެ ތެރެއިން އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަށް ކަމުގައިވާ ޔޫއޭއީ އަދި ތައިލެންޑަށް ބޭސް ފަރުވާކުރުމަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް އެދުވަހު ވިދާޅުވިއެވެ.
ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްުޒ -- ފޮޓޯ: ރައީސް އޮފީސް
އެގޮތުން، އެ މަސައްކަތް ކުރުމަށްޓަކައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޔޫއޭއީގެ ހޮސްޕިޓަލަކާއި އަދި ތައިލެންޑްގެ ހަތަރު ހޮސްޕިޓަލަކާއެކު އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން، އެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ.
އެކަމާ ގުޅިގެން އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސަންދައިގެ ދަށުން ތައިލެންޑް އައި ޔޫއޭއީ އަށް ފޮނުވާނީ، މިހާރު ވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިން ކަމަށެވެ. އެގޮތުން އެ ޚިދުމަތަށް އެދި ހުށަހަޅާނީ މިހާރު ވެސް އާސަންދައިން ބޭނުންކުރާ އާސަންދަ މޯބައިލް އެޕުންނާއި، މައި އާސަންދަ ޕޯޓަލް އިންނެވެ.
އެހެން ނަމަވެސް އެ ޚިދުމަތުގެ ތެރެއިން އެންމެ ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރު" ނުވަތަ އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓް ކުރާނެ ފަރާތެއް ނުލިބުމުގެ ސަބަބުން ، ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލުކުރަންދާ ފަރާތްތައް ކަމުގައި އާސަންދައިން ބުންޏެވެ.
އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް ތައިލެންޑް އަދި ޔޫއޭއީގެ ހޮސްޕިޓަލްތަކާ އެކު ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: އާސަންދަ
އަދި އޭގެ ސަބަބަކީ އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޮނާ"އަކަށްވުން އެ ގައުމުތަކުގެ ގާނޫނާ ގަވާއިދުތަކުން ލާޒިމުކޮށްފައިވާތީ، ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.
އެހެން ނަމަވެސް އާސަންދަ ސްކީމަށް އިތުރުކުރެވޭ އެމްޕެނަލްމެންޓާއެކު، އެފަދަ ޙާލަތްތަކުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓު ކުރުމުގެ މަގު ވެސް ފަހި ވާނެ ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް، އެ ފަރާތެއްގެ ބަލި ހާލަތަށް ކުރިއެރުމެއް ނުލިބި ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ވެސް ތައިލެންޑް އަދި ޔޫއޭއީން ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމުގައި ވެސް އާސަންދައިގެ ބަޔާނުގައި ބުންޏެވެ.