ބޭސް ސިޓީއެއް ފޯޖްކޮށްގެން ބައްޕަގެ ނަން މަތީގައި އޮޅުވާލައިގެން ބޭސް ނެގި މައްސަލައެއް ފެންމަތިވެއްޖެ
6 ޖެނުއަރީ 2026 - 20:55
ބޭސް ސިޓީ ފޯޖުކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ބޭސް އާސަންދަ މެދުވެރިކޮށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާކަން އާސަންދަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހަކު އޭނާގެ ބައްޕަގެ ނަމުގައި އޮޅުވާލައިގެން ބޭސް ނަގަމުންދިޔަ މައްސަލައަކަށެވެ.

Ad by Hajj Corporation
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، މި މީހާގެ ބައްޕައަކީ މާލޭގައި ދިރިއުޅޭ މީހަކަށް ނުވިޔަސް، މާލޭގެ އެކި ފާމަސީތަކުން އޭނާގެ ނަމުގައި ބޭސް ނަގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން ފެބްރުއަރީ 2023 އިން ފެށިގެން އޭޕްރީލް 2024 އާ ހަމައަށް މާލެ އާއި އައްޑޫގެ ހޮސްޕިޓަލްތަކަށް ދައްކައިގެން ޖުމްލަ 137,000 އަށް ވުރެ ގިނަ ރުފިޔާގެ ބޭސް އޭނާ ވަނީ ނަގާފައެވެ. މިއީ ނުހައްގުން އާސަންދަ ނިޒާމުގެ ތެރެއިން ހޯދާފައިވާ ފައިސާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހަށް މައްސަލަ ހުށަހެޅި ތާރީޚުގެ ފަހުން ވެސް އެ މީހާގެ ބައްޕަ ދިރިއުޅޭ ރަށް އަދި މާލޭ ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަން ނޫން ގޮތަށް ރާއްޖޭގެ ދެ ހިސާބެއްގައި ހުރެގެން އެއް ތާރީޚެއްގައި ޑޮކްޓަރަށް ދައްކައި ބޭސް ނަގައިފައިވާކަން ފާހަގަކުރެވުނު ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
މި މައްސަލަ އާސަންދަ ކުންފުނީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ ޑިސެމްބަރު 2023 ގައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، އާސަންދަ ނިޒާމުގެ ތެރެއިން މިފަދަ އޮޅުވާލުންތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ލަފާދީފައިވެއެވެ.


