އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތުގެ %50 ނިމިއްޖެ
13 އޮކްޓޯބަރު 2026 - 07:51

އޮޑިޓަރ ޖެނެރަލް އޮފީހަށް ހަދަމުންދާ އައު އިމާރާތުގެ މަސައްކަތުގެ %50 މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އިމާރާތް ނިންމައި އެތަނަށް ބަދަލުވެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ ހުރިގޮތުން އިމާރާތްކުރުމުގެ ދާއިރާގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް މަޑުނުޖެހި ކުރަމުންދާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލު ކުރީ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 138.6 މިލިޔަން ރުފިޔާއަށެވެ.
މަޝްރޫޢުގެ %50 މަސައްކަތް ނިމިފައިވާއިރު، މިހާތަނަށް 74.5 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. 6 ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނައިރު، އެ އިމާރާތުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ ފާޅުކުރައްވާފައެވެ.
މިހާރު އޮފީސް ހިންގަމުންދަނީ ކުއްޔަށް ހިފައިގެން ކަމަށްވާތީ، އައު އިމާރާތަށް ބަދަލުވުމުން ކުލީގެ ގޮތުގައި ދައްކާ ފައިސާ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެގޮތުން، އިމާރާތަށް ބަދަލުވާތާ 10 ނުވަތަ 12 އަހަރުގެ ތެރޭގައި އިމާރާތްކުރުމަށް ހޭދަވި ފައިސާ ކުލީގެ ގޮތުން ސަލާމަތްކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
