އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފައިސާ ގެއްލުނު މައްސަލާގައި ވަޒީފާއިން ވަކިކުރުން ހައިކޯޓުން ދަމަހައްޓައިފި
23 ސެޕްޓެމްބަރު 2026 - 09:39

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ރެކްރިއޭޝަނަލް ކްލަބްގެ ފައިސާތަކެއް ގެއްލުނު މައްސަލާގައި، 34 އަހަރު އެ އޮފީހުގައި މަސައްކަތްކުރި މުވައްޒަފަކު ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުގެ ގަޒިއްޔާ ނަންބަރު 2022/HC-A/188 ގައި ތިން ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ނިންމީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 247/VTR/2021 މައްސަލައިގެ ނިންމުން ބާތިލްކުރާނެ ތަނެއް ނެތް ކަމަށެވެ. މި ނިންމުމާއެކު، ވަޒީފާއަށް އަނބުރާ ރުޖޫއަކޮށްދިނުމަށާއި، ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި އިނާޔަތްތައް އެއްފަހަރާ ނަގައިދިނުމަށް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން އެދުނު އެދުން ނާކާމިޔާބުވީއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މައްސަލަ ފެށުނީ 2020 ވަނަ އަހަރުގެ މާރިޗު މަހު، ކޮވިޑް-19 އާ ގުޅިގެން ގައުމު ލޮކްޑައުންގެ ހާލަތަށް ގެނައި ދުވަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ތިންވަނަ ފަންގިފިލާގައި ހުންނަ ޕްރިންޓިންގ އޭރިއާއިން ފައިސާ ހުރި ސިޓީއުރައެއް ޢަބްދުއްރައްޒާޤަށް ފެނުމުންނެވެ. އޭގައި ހުރީ މުވައްޒަފުންގެ ރެކްރިއޭޝަނަލް ކްލަބްގެ 44,399.90 ރުފިޔާއެވެ.
ތަހުގީގަށް ދިން ބަޔާނުގައި ޢަބްދުއްރައްޒާޤު ބުނެފައިވަނީ، ފައިސާ ފެނުނުކަން އޭނާގެ ސުޕަވައިޒަރަށް ދެއްކި ކަމަށާއި، އެ ފައިސާ ހުރި ތަނުގައި ބެހެއްޓުމަށް ސުޕަވައިޒަރު ބުނި ކަމަށެވެ. ނަމަވެސް އެ ތަނުގައި ނުބަހައްޓައި، އޮފީހުގައި ގެންގުޅޭ ބާލީހެއްގެ ދަށުގައި އެ ސިޓީއުރަ ބޭއްވިކަމަށާއި، އޭގެ ފަހުން އެ ފައިސާގެ މަތިން ހަނދާން ނެތްކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފައިސާ ގެއްލުނު މައްސަލަ 8 ސެޕްޓެންބަރު 2021 ގައި އެ އޮފީހުގެ ހިއުމަން ރިސޯސް އެންޑް އެތިކްސް ކޮމިޓީއަށް ހުށަހެޅުމަށްފަހު، 23 ސެޕްޓެންބަރު 2021 ގައި ޢަބްދުއްރައްޒާޤު ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން 24 މެއި 2022 ގައި ނިންމީ، އޭނާ ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ގާއިމުކުރަންޖެހޭ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާ ކަމަށެވެ.
ހައިކޯޓުގައި ޢަބްދުއްރައްޒާޤުގެ ފަރާތުން ބުނީ، އޭނާ ޚިޔާނާތެއް ވެފައިނުވާ ކަމަށާއި، ފައިސާ ފެނުނުކަން ސުޕަވައިޒަރަށް އެންގުމުން އޭނާގެ ތެދުވެރިކަން ހާމަވާ ކަމަށެވެ. ގެއްލުނު ފައިސާއަށް އަމިއްލައަށް ޒިންމާވެ، ބަހާލައިގެން ދައްކަން ފަށާފައިވާކަން ވެސް ފާހަގަކުރިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އޮފީހުގެ އެސެޓްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އޮތް ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފަކު އެފަދައިން އަމަލުކުރުމުން، އޭނާގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
“މިއީ އަމަނާތްތެރި މީހެއްގެ އަމަލުތައް ހުންނާނެ ގޮތްކަމަށް ސަބަބުވެރި އިންސާނެއްގެ ނަޒަރުން ވިސްނާއިރު އަހުރެންނަށް ގަބޫލެއް ނުކުރެއެވެ،” ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.
ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު މިއާ ތަފާތެވެ. އެމަނިކުފާނު ދެކެވަޑައިގަތީ، ފައިސާ ފެނުނުކަން ސުޕަވައިޒަރަށް އަންގައި، ފަހުން އެ ފައިސާއަށް އަމިއްލައަށް ޒިންމާވި މުވައްޒަފެއްގެ ނުބައި ނިޔަތެއް އޮތްކަމަށް ބެލެވޭނެ ހެއްކެއް ހުށަހެޅިފައި ނެތް ކަމަށެވެ. އޮފީހުގެ ވައިބަރ ގްރޫޕްގައި އެ ވާހަކަ ނުލިޔުމުން ހެޔޮ ނިޔަތާމެދު ސުވާލު އުފައްދައި ވަޒީފާއިން ވަކިކުރުމަކީ، ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއްކަމަށް ކަނޑައެޅުމުގައި ސުޕްރީމް ކޯޓުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެނޑިޔާރުގެ ރައުޔުގައި، ޢަބްދުއްރައްޒާޤު ވަޒީފާއަށް ރުޖޫއަކޮށް، ބަދަލު ނަގައިދިނުމާ ގުޅޭ ގޮތެއް ނިންމުމަށް މައްސަލަ އަލުން ޓްރައިބިއުނަލަށް ފޮނުވަންޖެހެއެވެ.
މި ގަޒިއްޔާ ބެލީ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ބެންޗުންނެވެ.


