މާމައަށް ވިސާ ލިބުމަކީ ކުއްޖާގެ މަސްލަހަތު ބަދަލުވުމެއް ނޫން: ހައިކޯޓު
12 ސެޕްޓެމްބަރު 2026 - 16:00

ފެމިލީ ކޯޓުގައި ހިނގަމުންދާ ހަޟާނަތުގެ މައްސަލައެއް ނިމެންދެން ކުޑަކުއްޖަކު ވަގުތީގޮތުން މަންމައާ ހަވާލުކުރުމަށް އެ ކޯޓުން ނެރުނު އަމުރު، ފަހުން އެ ކޯޓުން އަމިއްލައަށް ބާތިލުކުރި ނިންމުން ހައިކޯޓުން ބާތިލުކޮށް، ވަގުތީ އަމުރު ދަމަހައްޓައިފިއެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން 10 ސެޕްޓެންބަރު 2026 ގައި ކުރި މި ހުކުމާއެކު، ފެމިލީ ކޯޓުން ހަޟާނަތުގެ މައްސަލަ ނިންމަންދެން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މޮނިޓަރިންގ ޕްލޭނެއްގެ ދަށުން ކުއްޖާ ބަލަހައްޓަން ޖެހޭނީ މަންމައެވެ. މިއީ ކުއްޖާގެ ނަމާއި މައިންބަފައިންގެ ނަން ފޮރުވައިގެން ހައިކޯޓުން ނެރުނު ނަންބަރު 2026/HC-A/103 ގަޒިއްޔާއެވެ.

Ad by Hajj Corporation
ދެމަފިރިން ކައިވެނިކުރީ 2016 ވަނަ އަހަރުއެވެ. ތިން ދަރިން ލިބިފައިވާ މި ދެމަފިރިންގެ ވަރި ފެމިލީ ކޯޓުން ސާބިތުކުރީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އެންމެ ހަގު ދަރިފުޅު އޭރު ހުރީ ބައްޕަގެ ގާތުގައި ކަމުން، އެ ގަޒިއްޔާގައި މި ކުއްޖާގެ ހަޟާނަތާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ. އެއަށްފަހު ކުއްޖާގެ ހަޟާނަތު ހޯދުމަށް މަންމަ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެދުނެވެ.
އެގޮތުން، މަންމައަށް ގެވެށި އަނިޔާކުރި ކުށް ސާބިތުވެ ބައްޕަ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ޖަލު ހުކުމެއް ތަންފީޒުކުރަން ފެށުމުން، ކުއްޖާ ދިރިއުޅެމުންދިޔައީ ބައްޕަ ފަރާތު މާމައާއެކުއެވެ. މާމައަކީ އޭރު އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީއެއް ކަމަށާއި، އެފަދަ ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ ބެހެއްޓުމަކީ ކުއްޖާގެ މަސްލަހަތަށް އެންމެ އެދެވޭ ގޮތް ނޫން ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބުނެފައިވެއެވެ. މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، 22 ޖަނަވަރީ 2026 ގައި އެ ކޯޓުން ނަންބަރު B4/2026/2 ވަގުތީ އަމުރުން ނިންމީ، މޮނިޓަރިންގ ޕްލޭނެއްގެ ދަށުން ކުއްޖާ މަންމައާ ހަވާލުކުރުމަށެވެ.
ނަމަވެސް އެ އަމުރު މުރާޖައާކޮށްދިނުމަށް ބައްޕަ އެދުމުން، 15 ފެބުރުވަރީ 2026 ގައި ނަންބަރު B4/2026/8 ނިންމުމުން ފެމިލީ ކޯޓުން ވަގުތީ އަމުރު ބާތިލުކުރިއެވެ. އެ ކޯޓުން ދެކުނީ، މާމަގެ ވިސާގެ ހާލަތު ބަދަލުވެ، 2031 ވަނަ އަހަރާ ހަމައަށް މުއްދަތު އޮތް ވިސާއެއް މާމައަށް ލިބިފައިވާތީ، އަމުރު ނެރުނުއިރު އޮތް ހާލަތު ބަދަލުވެފައިވާ ކަމަށެވެ.
ބައްޕަގެ ފަރާތުން ފެމިލީ ކޯޓުގައި ބުނެފައިވަނީ، މަންމަގެ ގާތަށް ދާން ކުއްޖާ އިންކާރުކޮށް ރޮމުންދާ ކަމަށާއި، މާމަގެ ވިސާ އާކުރަން ޖެހުނީ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުން ކަމަށްވާއިރު، އެއީ ގާނޫނާ ހިލާފަށް އުޅުމެއް ނޫން ކަމަށެވެ. މަންމަގެ ފަރާތުން ބުނެފައިވަނީ، ވިސާގެ ލިޔުމުގައި އޮތް ތާރީހަށް ބަލާއިރު އަމުރު ނެރުމުގެ ކުރިން ވެސް އެ ލިޔުން ހުށަހެޅުނީސް ކަމަށާއި، އަމުރަށް އަމަލުނުކޮށް މުރާޖައާއަށް އެދުމަކީ ޝަރީއަތުގެ ވަގުތު ނަގާލުން ކަމަށެވެ. ކުއްޖާ ކުރިން ބައްޕަގެ ބެލުމުގެ ދަށަށް ދިޔައީ، ކުއްޖާ އެކަނި ގޭގައި ބަހައްޓާފައި މަންމަ ބޭރުގައި އުޅުނު ކަމަށް ބުނެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފާހަގަކުރި ކަންކަމާ ގުޅިގެންނެވެ.
ހައިކޯޓުގެ ރައުޔު ލިޔުއްވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ފާހަގަކުރެއްވީ، ވަގުތީ އަމުރެއް މުރާޖައާކުރުމަކީ އަލުން މައްސަލަ ބެލުމެއް ނޫން ކަމަށާއި، ބަލަންޖެހެނީ އަމުރު ނެރުނުއިރު އޮތް އަސާސީ ހާލަތެއް ބަދަލުވެފައިވޭތޯ ކަމަށެވެ. މާމަގެ ވިސާގެ ހާލަތު ބަދަލުވިކަން ފެމިލީ ކޯޓުން ކަނޑައެޅީ އެ މިންގަނޑުގެ ތެރެއިން ކަމަށް ހައިކޯޓުން ބަލައިގަތެވެ.
އެހެންނަމަވެސް، ވަގުތީ އަމުރު ނެރުނީ ކުއްޖާގެ މަސްލަހަތާ ގުޅޭގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، މުރާޖައާކުރިއިރު އެ މައުލޫމާތަށް ރިއާޔަތްކޮށްފައިނުވާ ކަމަށާއި، މަސްލަހަތާ ގުޅުވައިގެން ނިންމި ނިންމުމުގެ އަސާސް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައިނުވާ ކަމަށް އެ ރައުޔުގައި ކަނޑައެޅިއެވެ. އެ ސަރވިސްގެ ފެބުރުވަރީ މަހުގެ ސިޓީގައި، މަންމަ ދިރިއުޅެން ގަސްދުކުރި މާހައުލަކީ ވެސް ކުއްޖާގެ އަސާސީ ބޭނުންތައް ފުއްދޭނެ ރައްކާތެރި މާހައުލެއް ކަމަށާއި، މިވަގުތަށް ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅީ މަންމަގެ ބެލުމުގެ ދަށުގައި ހުރުން ކަމަށް ބަޔާންކޮށްފައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ކުއްޖާގެ މަސްލަހަތުގެ މިންގަނޑު ވަގުތީ އަމުރުތަކަށާއި އެ އަމުރުތައް މުރާޖައާކުރުމަށް ވެސް ހިނގާނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި މި މަރުހަލާގައި ކުއްޖާގެ މަސްލަހަތު ވަޒަންކުރާނީ މައުލޫއީ މައްސަލައަށް ނުފީނައި، އެހިނދު ފާޅުވާން ހުރި ހަގީގަތްތަކުގެ މައްޗަށް ކަމަށާއި، އެކަމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މައުލޫމާތަކީ ވަކި ފަރާތަކަށް ނުޖެހޭ ފަންނީ ރައުޔެއްގެ މައްޗަށް ބިނާވާ، ޝަރީއަތަށް ބުރަވެވޭނެ މައުލޫމާތެއް ކަމަށް ފާހަގަކުރިއެވެ.
ފަނޑިޔާރު ހުޒައިފާގެ ރައުޔަށް ތާއީދުކުރައްވަމުން ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަކިން ލިޔުއްވި ރައުޔުގައި، ހާލަތު ބަދަލުވުމުގެ މާނަ ތަފްސީލުކުރެއްވިއެވެ. އެގޮތުން، ބަދަލުވުމެއް ކަމަށް ބެލެވޭނީ ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް މައުނަވީ ގޮތުން އަސަރުކުރާ ބޮޑު ބަދަލެއް އައިސްފައިވާ ކަން ސާބިތުކޮށްދިނުމުން ކަމަށާއި، އެ ބުރަ އުފުލަން ޖެހޭނީ އަމުރު ބަދަލުކުރަން އެދޭ ފަރާތުން ކަމަށް ބަޔާންކުރެއްވިއެވެ. މާމަގެ ވިސާ ހަމަޖެހުމަކީ މާމައަށް އައި ހެޔޮ ބަދަލެއް ކަމުގައި ވިޔަސް، އެއީ ކުއްޖާގެ މަސްލަހަތަށް މައުނަވީ ގޮތުން އަސަރުކުރާ ބަދަލެއް ކަމަށް ބައްޕަގެ ފަރާތުން ބަޔާންކޮށްދެވިފައިނުވާ ކަމަށް ފާހަގަކުރެއްވިއެވެ.
"ބަދަލުވާ ކޮންމެ ކަމަކުން ކޯޓުގެ އަމުރު ބަދަލުކުރަންޖެހޭ ކަމަށް ބަލަންފަށައިފިނަމަ، ކުއްޖާގެ މުޅި ހަޔާތް ވޭތިކުރަން ޖެހޭނީ ނިމުމެއް ނެތް ސަރިޔަތެއްގެ މަތީގައެވެ،" އެ ރައުޔުގައި ބުނެފައިވެއެވެ.
އެ ރައުޔުގައި އިތުރަށް ބުނެފައިވަނީ، ކުއްޖާ މަންމައާ ހަވާލުކުރަން ކޯޓުން އަމުރުކުރުމާއެކު ގާނޫނީ ގޮތުން ކުއްޖާގެ އަސްލު ހާލަތު ނުވަތަ ސްޓެޓަސް ކޯ ބިނާވަނީ އެ އަމުރުގެ މައްޗަށް ކަމަށާއި، އެހެންކަމުން ހާލަތު ބަދަލުވުން މާނަކުރަން ޖެހޭނީ އަމުރު ތަންފީޒުވެ ކުއްޖާ މަންމައާ ހަވާލުކުރާ ހިސާބުން ފެށިގެން ކަމަށެވެ. އަމުރު ތަންފީޒުނުކޮށް މުރާޖައާއަށް އެދުމަކީ އުސޫލެއްގެ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކޯޓުގެ އަމުރަށް ގޮންޖެހުމަށްފަހު ނުސާފު އަތަކައިގެން އަދާލަތަށް ހާޒިރުވުމަކީ ކްލީން ހޭންޑްސް ޑޮކްޓްރިންގެ ދަށުން ކޯޓުން އިސްވެ ރިއާޔަތްކުރަން ޖެހޭނެ ކަމެއް ކަމަށް ބަޔާންކުރެއްވިއެވެ.
މި މައްސަލަ ބެލީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްގެ ބެންޗަކުންނެވެ. ފަނޑިޔާރު އަބްދުއްރައޫފު ވަނީ އަނެއް ދެ ފަނޑިޔާރުންގެ ރައުޔަށް ތާއީދުކުރައްވައިފައެވެ.


