logo
Bank of Maldives

Bank of Maldives

ކޯޓް ރޫމް

ތަރިކައިގެ ބައި ހަދިޔާކުރެވޭނީ ޝަރުޠަކާ ނުލައި: ހައިކޯޓު

މެންދުރު ޓީމް
22 ސެޕްޓެމްބަރު 2026 - 11:04
ތަރިކައިގެ ބައި ހަދިޔާކުރެވޭނީ ޝަރުޠަކާ ނުލައި: ހައިކޯޓު

ވާރިޘަކު އޭނާއަށް ތަރިކައިން ލިބޭ ބައި އެހެން ވާރިޘަކަށް ދޫކޮށްލެވިދާނެ ނަމަވެސް، ބަންޑާރަ ގޯތީގެ ބިމުން ވެސް އެ މިންވަރުގެ ބައެއް ލިބޭގޮތަށް ޝަރުޠުކޮށްގެން އެ ބައި ހަދިޔާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައި، މ. ދިއްގަރު ގެއެއްގެ ތަރިކައިން ބޭބެއަކު ދައްތައަށް ދިން ބައި އަނބުރާ ބޭބެއަށް ލިބިދީފި އެވެ.

ހައިކޯޓުގެ ނަންބަރު ‪2025/HC-A/83 ގަޒިއްޔާގައި މިއަދު ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި، މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ‪2024-K8C-CIV-10 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، މަރީނާ އިބްރާހީމްގެ ތަރިކައިގައި ހިމެނޭ "ޒިންދަގީގެ" ބަންޑާރަ ގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދަލުން ހަތަރު ވާރިޘުންކުރެ ކޮންމެ މީހަކަށް 1/4 ބައި މިލްކުވާ ކަމަށް ކަނޑައެޅި އެވެ. ދަށު ކޯޓުން ތިން ވާރިޘުންނަށް ބަހައިގެން 1/3 ބައި ލިބުނު ޙައްވާ މުޙައްމަދު، ތަރިކައިގެ ދެބައިކުޅަ އެއްބައި ހޯދަން ހުށަހެޅި އިސްތިއުނާފުގެ ނަތީޖާއަކަށް ވީ، އޭނާގެ ބައި 1/4 އަށް ކުޑަވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މ. ދިއްގަރު ޒިންދަގީގެ މަރީނާ އިބްރާހީމް 6 އޮގަސްޓު 2023 ގައި ނިޔާވިއިރު ދުނިޔޭގައި ތިބީ ދެ އަންހެން ދަރިން، ޙައްވާ މުޙައްމަދާއި އާޤިޞާ މުޙައްމަދު، އަދި ދެ ފިރިހެން ދަރިން، ޢަބްދުއްރަޙީމް މުޙައްމަދާއި މޫސާ ޙަނީފެވެ. ތަރިކައިގައި ހިމެނެނީ 1320 އަކަފޫޓުގެ ބަންޑާރަ ގޯތީގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލެވެ. ހަތަރު ވާރިޘުން ވެސް އެދުނީ ތަރިކަ ހަމަހަމައަށް ބަހައިދިނުމަށެވެ. އޭގެ ތެރެއިން މޫސާ ޙަނީފް، އޭނާއަށް ލިބޭ ބައި އެއްބަނޑު އެއްބަފާ ދައްތަ ޙައްވާއަށް ހަދިޔާކުރާ ކަމަށް ބުނެ، ޙައްވާ އެ ހަދިޔާ ގަބޫލުކުރި އެވެ. ނަމަވެސް ދިއްގަރު މެޖިސްޓްރޭޓް ކޯޓުން 31 ޑިސެމްބަރު 2024 ގައި ނިންމީ، މޫސާ ޙަނީފް ނުހިމަނައި ދެންތިބި ތިން ވާރިޘުންނަށް ހަމަހަމައަށް މިލްކުވާ ކަމަށެވެ. ހަދިޔާކުރި ބައި ޙައްވާއަށް ނުދިން ސަބަބެއް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތް ކަމަށް ހައިކޯޓުން ފާހަގަކުރި އެވެ.

ޙައްވާގެ ފަރާތުން ހައިކޯޓުގައި ބުނީ، ހަދިޔާކުރި ބައި އޭނާއަށް ލިބިގެން ތަރިކައިގެ 2/4 ބައި ލިބެންޖެހޭ ކަމަށާއި، އެގޮތަށް ނުނިންމުމަކީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއް ކަމަށެވެ. މޫސާ ޙަނީފް ހައިކޯޓުގައި ބުނީ ދައްތައަށް އޭނާގެ ބައި ހަދިޔާކުރީ "ބިމުން ވިޔަސް ނުވަތަ/އަދި ތަރިކަ މުދަލުން ވިޔަސް" ކަމަށާއި، އެގޮތަށް ނުދެވޭނަމަ އޭނާގެ ބައި އޭނާ ބޭނުންވާ ކަމަށެވެ. ޢަބްދުއްރަޙީމް ބުނީ މޫސާ ޙަނީފްގެ ބައި ޙައްވާއަށް ދެވޭނެ ކަމަށް ދެކޭ ކަމަށެވެ. އާޤިޞާގެ ފަރާތުން އިތުރު ކަމެއް ފާހަގައެއް ނުކުރެ އެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ލިޔުއްވި ރައުޔުގައި ފުރަތަމަ ކަނޑައެޅުއްވީ، ތަރިކަ ބަހާނެ ގޮތް ކީރިތި ގުރުއާނުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ވާރިޘުން އެއްބަސްވާނަމަ ހަމަހަމައަށް ބެހުމާއި، ވާރިޘަކަށް ލިބޭ ބައި އެހެން ވާރިޘަކަށް ދޫކޮށްލުން ނުވަތަ ހަދިޔާކުރުމަކީ ހުއްދަ ކަމެއް ކަމެވެ. އެކަމަށް ސުޕްރީމް ކޯޓުގެ ޞާބިރާ ޙުސައިން މޫސާ ވ. ޢަޒީޒާ ޙުސައިން ގަޒިއްޔާއިން ބާރު ލިބޭ ކަމަށާއި، ވާރިޘުންގެ މެދުގައި ރުހި ގަބޫލުވާ ގޮތެއް ނެތްނަމަ ބަހަން ޖެހޭނީ އިސްލާމީ ޝަރީއަތުގެ އުސޫލުން ކަމަށް އާދަމް ޙަލީމް ވ. ފާޠިމަތު އާދަމް ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ރައުޔުގައި ފާހަގަކުރެއްވި އެވެ.

ދެވަނަ ކަމަކީ ބަންޑާރަ ބިމުގެ މައްސަލަ އެވެ. ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވުމުން، އެ ބިމަކީ އޭގެ ޒާތުގައި ތަރިކައިގައި ހިމެނޭ މުދަލެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ މިލްކެއް ކަމަށާއި، ގޯތީގައިވާ އިމާރާތުން ބައި ލިބޭ ވާރިޘަކަށް ބިމާމެދު ގޮތެއް ނިންމުމުގެ ހައްގު ނުލިބޭ ކަމަށް ޞާބިރާ ޙުސައިން މޫސާ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ގޮތުން، "ތަރިކައިގައި ހިމެނޭ ޢިމާރާތާއި ނުއުފުލޭ މުދަލުން ވާރިޘަކަށް ޙައްޤުވާ ބައި، އެ ގޯތީގެ ބިމުން އޭނާއަށް ޙައްޤުވާ ބަޔާއެކު ލިބިދެވޭ ގޮތަށް ޝަރްޠުކޮށް ހަދިޔާކުރުމަކީ ޞައްޙަ ތަޞައްރުފެއް ނޫން" ކަމަށް ރައުޔުގައި ބުނެފައިވެ އެވެ. އަދި ތަރިކައިގެ ބައި ޝަރުޠަކާ ނުލައި ދޫކޮށްލި ވާރިޘަކީ، ފަހުން ބިން ބައިކުރާއިރު ބިން ލިބިދެވޭ މީހެއް ނޫން ކަމަށް ވެސް އެ ގަޒިއްޔާއިން އެނގޭ ކަމަށް ފާހަގަކުރެއްވި އެވެ.

އެ އުސޫލު މި މައްސަލައަށް ފައްތަވަމުން ފަނޑިޔާރު ވިދާޅުވީ، މޫސާ ޙަނީފްގެ ބަހުން، ގޯތީގެ ބިން ބައިކުރާއިރު އެ މިންވަރުގެ ބައެއް ޙައްވާއަށް ދިނުމަށް އޭނާ ބޭނުންވާކަން ދޭހަވާތީ، އޭނާގެ ހަދިޔާއަކީ ބިމުން ވެސް ބައެއް ދިނުމަށް ޝަރުޠުކޮށް ކުރި ހަދިޔާއެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. އެފަދަ ޝަރުޠެއް ޞައްޙަ ނުވާނެތީއާއި، ތަރިކައިން ބައި ދެވުނަސް ބިން ވަކިކުރާއިރު އެ ބައި ޙައްވާއަށް ނުލިބިދާނެ ހާލަތެއް މެދުވެރިވެދާނެތީ، އެންމެ އަދުލުވެރި ގޮތަކީ މޫސާ ޙަނީފް ވެސް އެދުނު ފަދައިން އޭނާގެ ބައި އޭނާއަށް ލިބިދިނުން ކަމަށް ކަނޑައެޅުއްވި އެވެ. ދަށު ކޯޓަށް ހުށަހެޅީ ގޯތީގައިވާ އިމާރާތްތަކާއި މުދާ ބެހުމަށް ކަމަށާއި، ބަންޑާރަ ބިން ބަހައިދިނުމަކަށް އެދިފައި ނުވާކަން ވެސް ރައުޔުގައި ފާހަގަކުރެއްވި އެވެ.

ދަށު ކޯޓުގެ ހުކުމް ބާތިލުކުރީ، ވާރިޘުން ހުށަހަޅައި އެއްބަސްވި ގޮތަށް ރިއާޔަތް ނުކޮށް، އަދި ތަރިކަ ބެހުމުގެ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާތީ ކަމަށް ރައުޔުގައި ބުނެފައިވެ އެވެ. ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުވި ކަމަށް ޙައްވާގެ ފަރާތުން ބުނި ނަމަވެސް، ޚިލާފުވީ ގޮތެއް ބުނެދީފައި ނުވާކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމާއި، ފަނޑިޔާރު ޙުސައިން މަޒީދާއި، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ރައުޔު ލިޔުއްވީ ފަނޑިޔާރު ޢަބްދުއްރައޫފެވެ. އަނެއް ދެ ފަނޑިޔާރުން އެ ރައުޔަށް ތާއީދުކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރިކައިގެ ބައި ހަދިޔާކުރެވޭނީ ޝަރުޠަކާ ނުލައި: ހައިކޯޓުކޯޓް ރޫމް | ގަޑިއިރެއް ކުރިންމާމައަށް ވިސާ ލިބުމަކީ ކުއްޖާގެ މަސްލަހަތު ބަދަލުވުމެއް ނޫން: ހައިކޯޓުކޯޓް ރޫމް | 10 ދުވަސް ކުރިންލޭންޑިންގ ކްރާފްޓް ކެޕްޓަނަކަށް މުސާރަ ދޭން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފިކޯޓް ރޫމް | 14 ދުވަސް ކުރިންލިޓަސް އިން ކޮވިޑްގައި ވަޒީފާއިން ވަކިކުރި ކެޕްޓަންގެ ވަޒީފާ އަނބުރާ ދޭން ހައިކޯޓުން ވެސް އަމުރުކޮށްފިކޯޓް ރޫމް | 15 ދުވަސް ކުރިން