logo
Bank of Maldives

Bank of Maldives

ކޯޓް ރޫމް

ލޭންޑިންގ ކްރާފްޓް ކެޕްޓަނަކަށް މުސާރަ ދޭން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފި

މެންދުރު ޓީމް
8 ސެޕްޓެމްބަރު 2026 - 18:31
ލޭންޑިންގ ކްރާފްޓް ކެޕްޓަނަކަށް މުސާރަ ދޭން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފި

މުސާރަ ނުދީ ހުރުމަށްފަހު، ނޯޓިހެއް ވެސް ނުދީ ވަޒީފާއިން ވަކިކުރި ލޭންޑިންގ ކްރާފްޓް ކެޕްޓަނަކަށް 123,333.33 ރުފިޔާ ދިނުމަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، އެ ކުންފުނީގެ އިސްތިއުނާފު ހައިކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ހައިކޯޓުގެ ނަންބަރު ‪2024/HC-A/23 ގަޒިއްޔާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމާއެކު، ޓްރައިބިއުނަލްގެ ނަންބަރު ‪257/VTR/2022 މައްސަލައިގައި 2023 ވަނަ އަހަރުގެ މޭ މަހު ނިންމި ނިންމުން ދެމިއޮންނާނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގއ. މާމެންދޫ، މޯރާ، މުޙައްމަދު ރަފީޤު، ނޯތު ކޯސްޓްގެ ލޭންޑިންގ ކްރާފްޓް ކެޕްޓަނެއްގެ ވަޒީފާއަށް ސޮއިކުރީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ. މަހު މުސާރައަކީ 25,000 ރުފިޔާ އެވެ. ނަމަވެސް، ލިބުނީ އެންމެ 15 ދުވަހުގެ މުސާރަ ކަމަށާއި، އެއަށްފަހު މުސާރަ ނުދީ ހުރެ، އެއްވެސް ނޯޓިހެއް ނެތި ނޮވެންބަރު 10 ގައި ވަޒީފާއިން ވަކިކުރި ކަމަށް ބުނެ އޭނާ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އެވެ. ވަކިކުރީ ނޯޓިހެއް ނެތިކަމާމެދު ދެފަރާތުގެ މެދުގައި ހިލާފެއް ނެތެވެ.

ކުންފުނިން ޓްރައިބިއުނަލްގައި ބުނީ، މުސާރަ ނުދިނީ ވެސް، ވަކިކުރީ ވެސް، އޭނާ ވަޒީފާއަށް ހާޒިރުނުވާތީ ކަމަށެވެ. ނަމަވެސް އެކަމަށް ބުރަނުވެވޭ ކަމަށް ކަނޑައަޅައި، ޖުލައި އިން އޮކްޓޫބަރަށް ހަތަރު މަހުގެ މުސާރަ (100,000 ރުފިޔާ) އާއި ނޮވެންބަރު މަހުގެ 10 ދުވަހުގެ މުސާރަ (8,333.33 ރުފިޔާ) އާއި، ނޯޓިހެއް ނެތި ވަކިކުރުމުގެ ބަދަލެއްގެ ގޮތުގައި އެއް މަހުގެ މުސާރަ (25,000 ރުފިޔާ) ގެ ތެރެއިން، އެހީއެއްގެ ގޮތުގައި ކުންފުނިން ކުރިން ދިން 10,000 ރުފިޔާ އުނިކުރުމަށްފަހު، ޖުމްލަ 123,333.33 ރުފިޔާ ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރި އެވެ.

ހައިކޯޓުގައި ކުންފުނިން މައިގަނޑު ގޮތެއްގައި ބުނަމުން ދިޔައީ، ކެޕްޓަންގެ ހާޒިރީއާ ގުޅިގެން ކުންފުނިން ހުށަހެޅި ހެއްކާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ޓްރައިބިއުނަލުން މައްސަލަ ނިންމީ ކަމަށެވެ.

ނަމަވެސް، މައްސަލަ ބެއްލެވި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގައި ކަނޑައެޅުއްވީ، ވަޒީފާގެ ގުޅުމާއި މުސާރަ ނުދިންކަމާއި ނޯޓިހެއް ނެތި ވަކިކުރިކަމަށް ކުންފުނިން އަމިއްލައަށް އިއުތިރާފުވެ، އެކަން ދިފާއުކުރަން ހަމައެކަނި ބަރޯސާވަނީ ކެޕްޓަން ހާޒިރުނުވި ކަމުގެ ވާހަކައަށް ކަމަށްވާތީ، ހާޒިރުނުވިކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކުންފުނިން ކަމަށެވެ. އެ ބުރަ އުފުލުމަށް ހާޒިރީ ރެކޯޑެއް ކުންފުނިން ހުށަހަޅާފައި ނުވާއިރު، މައުގޫލު ވަޒީފާދޭ ފަރާތަކުން ހާޒިރީ ލިޔެކިޔުމަށް ތިރިކުރާނެކަމާއި، ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ ހެކިބަސް ބިނާވެފައިވަނީ ހީވުމެއްގެ މައްޗަށްކަން ޓްރައިބިއުނަލުން ފާހަގަކުރި ފާހަގަކުރުމުގައި ގޯހެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

މި ހުކުމުގައި، މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް ދެނެގަތުމަށް ތިން ސުވާލެއް، އަދި ބުރަ އުފުލާ ފަރާތް ކަނޑައެޅުމަށްފަހު މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމަށް ހަތަރު ސުވާލެއްގެ އޮނިގަނޑެއް ފަނޑިޔާރު ޙަސަން ޝަފީޢު ބަޔާންކުރެއްވި އެވެ. މިއީ ވަޒީފާގެ މައްސަލަތަކުގައި ހެކީގެ ބުރަ ބެހިގެންދާ ގޮތް ސާފުކޮށްދޭ، ވަކީލުންނަށް މުހިންމުވާނެ އޮނިގަނޑެކެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ޓްރައިބިއުނަލުން ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާއާ ހިލާފުވި ކަމަށް ބުނެ ކުންފުނިން ހުށަހެޅި ނުކުތާއާމެދު ފަނޑިޔާރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމެވެ. ފަނޑިޔާރު ޙަސަން ޝަފީޢާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ދެކެވަޑައިގަތީ، ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރުން މާނަކުރާއިރު ޓްރައިބިއުނަލްގެ މެންބަރުން ނުހިމެނޭތީ، އެ ގާނޫނާ ހަވާލާދީ ޓްރައިބިއުނަލްގެ ނިންމުމަކާމެދު އިސްތިއުނާފީ ނުކުތާއެއް ނުހުށަހެޅޭނެ ކަމަށެވެ. ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ވަކި ރައުޔުގައި، ޓްރައިބިއުނަލްގެ ގަވާއިދުގެ 106 ވަނަ މާއްދާއިން ހަމަ އެ އުސޫލުތައް ޓްރައިބިއުނަލްގެ މެންބަރުންގެ މައްޗަށް ވެސް ހިނގާތީ، ގާނޫނު ބަޔާންކުރުމުގެ ފަންނީ މައްސަލައެއްގެ ސަބަބުން ނުކުތާ ދޫކޮށްލުމުގެ ބަދަލުގައި، އެކަން ސާފުކޮށް އިސްލާހުކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މި ގަޒިއްޔާ ބެއްލެވީ ފަނޑިޔާރު ޙަސަން ޝަފީޢާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އާއި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޭންޑިންގ ކްރާފްޓް ކެޕްޓަނަކަށް މުސާރަ ދޭން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފިކޯޓް ރޫމް | 35 މިނިޓު ކުރިންލިޓަސް އިން ކޮވިޑްގައި ވަޒީފާއިން ވަކިކުރި ކެޕްޓަންގެ ވަޒީފާ އަނބުރާ ދޭން ހައިކޯޓުން ވެސް އަމުރުކޮށްފިކޯޓް ރޫމް | ދުވަހެއް ކުރިންވިލާ އެއާގެ މުވައްޒަފަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފިކޯޓް ރޫމް | ދުވަހެއް ކުރިންކުޑަކުއްޖަކަށް ބައެއް "ބާއްވާފައި" ގޯތި ދޮށީ ދަރިފުޅަށް ހިބައިން ދިން މައްސަލައިގައި ރަސްމާދޫ ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 4 ދުވަސް ކުރިން