logo
MPL

MPL

ކޯޓް ރޫމް

ކުޑަކުއްޖަކަށް ބައެއް "ބާއްވާފައި" ގޯތި ދޮށީ ދަރިފުޅަށް ހިބައިން ދިން މައްސަލައިގައި ރަސްމާދޫ ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފި

މެންދުރު ޓީމް
4 ސެޕްޓެމްބަރު 2026 - 18:36
ދިވެހިރާއްޖޭގެ ހައި ކޯޓު
ދިވެހިރާއްޖޭގެ ހައި ކޯޓު

ރ. ރަސްމާދޫ "ގަގުނަސް" ގޯތިން 600 އަކަފޫޓު، ގޯތީގެ ވެރިފަރާތުގެ 18 އަހަރު ނުފުރޭ ދަރިފުޅަށް ބޭއްވުމަށްފަހު، ބާކީ އޮތް ބައި ދޮށީ ފިރިހެން ދަރިފުޅަށް ހިބައިން ދިނުން ސައްހަކަމަށް ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ހައިކޯޓުގެ ނަންބަރު ‪2023/HC-A/224 ގަޒިއްޔާގައި މިދިޔަ ހަފުތާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމުގައި މައިގަނޑު ދެ ކަމެއް ކަނޑައެޅި އެވެ. އެއް ކަމަކީ، ބިމުގެ ތަނަވަސްކަން ނެތް 18 އަހަރު ނުފުރޭ ކުއްޖަކު ހުއްޓައި ގޯއްޗެއް ހިބައިން ދޭނަމަ، ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އެ ކުއްޖާއަކީ ހިބައަށް އިއުތިރާޒުކުރާ ފަރާތެއްކަމަށް ބަލަންޖެހޭނެ ކަމެވެ. އަނެއް ކަމަކީ، ގޯތިން ބައެއް ކުއްޖަކަށް ދިނުމުގެ ނިޔަތެއް އޮތުމަކުން އެ ބައި އެ ކުއްޖާއަށް މިލްކުނުވާނެ ކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ހިމެނޭ ގަގުނަސް ގޯއްޗަކީ 4,902.075 އަކަފޫޓުގެ ބަންޑާރަ ގޯއްޗެކެވެ. ދިރިއުޅުމަށް ގެދޮރު އެޅުމަށް 1986 ވަނަ އަހަރު ދޫކުރި އެ ގޯތީގެ ރަޖިސްޓްރީ 2004 ވަނަ އަހަރުން ފެށިގެން އޮންނަނީ ރަސްމާދޫ ނަރުގިސްވިލާ މުޙައްމަދު ޢަރީފްގެ ނަމުގަ އެވެ. ރަސްމާދޫ މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު ޢަރީފް ހުށަހެޅީ، އެ ގޯތިން 600 އަކަފޫޓު އޭނާގެ 18 އަހަރު ނުފުރޭ ދަރިފުޅަށް ބޭއްވުމަށްފަހު، ބާކީ އޮތް 4,302.075 އަކަފޫޓު ދޮށީ ދަރިފުޅު ޢަބްދުﷲ މާނިޢުއަށް ހިބައިން ދިނުމަށެވެ. އެ ކޯޓުގެ ނަންބަރު ‪2023-E10C-CIV-2 ގަޒިއްޔާގައި ހުކުމްކުރީ، އެ ހިބައިގެ ޝަރުއީ އަދި ގާނޫނީ ހުރިހާ ރުކުނެއް ފުރިހަމަވާ ކަމަށާއި، ބާކީ ބައި ޢަބްދުﷲ މާނިޢުއަށް މިލްކުވެއްޖެ ކަމަށެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ، 18 އަހަރު ނުފުރޭ ކުއްޖާގެ މަސްލަހަތުގައި ކަމަށް ބުނެ، މާލޭ ހ. މީނާޒް ޢައްޒާ ޙަމީދެވެ. އިސްތިއުނާފުގައި ފާހަގަކުރީ، އެ ކުއްޖާގެ ނަމުގައި ރާއްޖޭގެ އެއްވެސް ތަނަކުން ބޯހިޔާވަހިކަމެއް ނެތްއިރު، ހިބައިގައި އެ ކުއްޖާ ހިމަނާފައި ނުވާކަމަށާއި، މައްސަލައިގެ ހަސްމެއްގެ ގޮތުގައި ވެސް ހިމަނާފައި ނުވާ ކަމަށެވެ. އަދި ބިމާބެހޭ ގާނޫނާއި ހިބަ ގަވާއިދުގެ ދަށުން، ހިބައިގައި ނުހިމެނޭ ދަރިއެއްގެ ބިމުގެ ތަނަވަސްކަން ހުރިތޯ ބަލަންޖެހޭއިރު، ބިމުގެ ތަނަވަސްކަން ނެތް ކުޑަކުއްޖަކީ ގަވާއިދު ބުނާގޮތުން ހިބައަށް އިއުތިރާޒުކުރާ ފަރާތެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އިސްތިއުނާފު ރައްދުވި ދެފަރާތް ކަމަށްވާ ބައްޕަ މުޙައްމަދު ޢަރީފާއި ހިބައިން ގޯތި ލިބުނު ޢަބްދުﷲ މާނިޢު ވެސް، ދަށު ކޯޓުގެ ހުކުމް ބާތިލުކުރުމަށް ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވި ކަމެވެ. މުޙައްމަދު ޢަރީފް ބުނީ، ގޯތިން ބައެއް ބާއްވާފައި ދޮށީ ދަރިފުޅަށް ދިނީ، ބޭއްވި ބައި ފަހުން ހަގު ދަރިފުޅަށް ހިބައިން ދިނުމުގެ މަގުސަދުގައި ކަމަށެވެ.

ފަނޑިޔާރު އިބްރާހީމް މާހިރު ލިޔުއްވި ރައުޔުގައި، ހިބަ ގަވާއިދުގެ 15 ވަނަ މާއްދާ އޮތްގޮތުން، ބިމުގެ ތަނަވަސްކަން ނެތް 18 އަހަރު ނުފުރޭ ކުއްޖަކީ ހިބައަށް އިއުތިރާޒުކުރާ ފަރާތެއްކަމަށް ބަލަންޖެހޭކަން އެނގެން އޮތްއިރު، އެ ކުއްޖާގެ ބިމުގެ ތަނަވަސްކަން އޮތްގޮތަށް ރިއާޔަތްކުރުމެއް ނެތި ހިބަ ސައްހަކަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅީ ރަނގަޅަށް ނޫންކަމަށް ވިދާޅުވި އެވެ.

ދެން ފާހަގަކުރެއްވީ، ކުއްޖާއަށް 600 އަކަފޫޓު ބޭއްވިކަމަށް ބުނުމަކުން އެ ބައި ކުއްޖާއަށް ނުލިބޭ ކަމެވެ. ހިބައިން ނުދެވި އޮތް އެ ބައި އަދިވެސް އޮތީ ބައްޕަގެ ނަމުގައި ކަމަށާއި، "ހަމައެކަނި އެ މަގުސަދު އޮތްއޮތުމުގެ މައްޗަށް ބިނާކޮށް، އެއީ އެފަރާތަށް ލިބިފައިވާ ނުވަތަ ލިބޭނެ ބައެއްކަމަށް ބެލޭނެ ހަމައެއް ނެތް" ކަމަށް ހުކުމުގައިވެ އެވެ.

ދަށު ކޯޓުގެ ހުކުމް ބާތިލުކުރުމުގެ ނަތީޖާއަކީ ކޮބައިތޯ ޝަރީއަތުން ސުވާލުކުރުމުން ދެފަރާތުން ވެސް ބުނެފައިވަނީ، ހިބަ ބާތިލުވެ، މުޅި ގޯތި އަނބުރާ މުޙައްމަދު ޢަރީފްގެ ތަނެއްގެ ގޮތުގައި އޮތުން ކަމަށެވެ.

މި ގަޒިއްޔާ ބެއްލެވީ ފަނޑިޔާރު އިބްރާހީމް މާހިރާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އާއި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނެވެ. ހުކުމްކުރީ އޮގަސްޓް 27 ގަ އެވެ. މި ހުކުމް، ހުކުމްކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ދެފަރާތަށް ވެސް ލިބިގެންވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކަށް ބައެއް "ބާއްވާފައި" ގޯތި ދޮށީ ދަރިފުޅަށް ހިބައިން ދިން މައްސަލައިގައި ރަސްމާދޫ ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | ގަޑިއިރެއް ކުރިންގެގް އޯޑަރު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފިޚަބަރު | 4 މަސް ކުރިންހައިކޯޓާއި ފެމެލީކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކޮށްފިޚަބަރު | 4 މަސް ކުރިންހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ރައޫފް އާއި ޝަފީއު އައްޔަންކޮށްފިޚަބަރު | 7 މަސް ކުރިން