logo
Bank of Maldives

Bank of Maldives

ކޯޓް ރޫމް

ލިޓަސް އިން ކޮވިޑްގައި ވަޒީފާއިން ވަކިކުރި ކެޕްޓަންގެ ވަޒީފާ އަނބުރާ ދޭން ހައިކޯޓުން ވެސް އަމުރުކޮށްފި

މެންދުރު ޓީމް
7 ސެޕްޓެމްބަރު 2026 - 14:48
ދިވެހިރާއްޖޭގެ ހައި ކޯޓު
ދިވެހިރާއްޖޭގެ ހައި ކޯޓު

ކޮވިޑް-19 ގެ ދުވަސްވަރު ކުންފުނީގެ މާލީ ހާލަތު ދަށްވި ކަމަށް ބުނެ ވަގުތީގޮތުން ވަޒީފާއިން ދުރުކުރި ބޯޓު ކެޕްޓަނަކު އަލުން ވަޒީފާއަށް ރުޖޫއަކޮށް، މުސާރައާއި އިނާޔަތްތައް ދިނުމަށް ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފި އެވެ.

މިދިޔަ ޖުލައި 20 ގައި ހައިކޯޓުން ނިންމި ގަޒިއްޔާގައި، ޓްރައިބިއުނަލްގެ ނަންބަރު ‪86/VTR/2021 މައްސަލައިގެ ނިންމުން  އިސްތިއުނާފުކޮށް ލިޓަސް އިން ހުށަހެޅި ނުކުތާތައް ހައިކޯޓަށް މައްސަލަ ބަލައިގަންނަން ބަލާ ޤާނޫނީ އޮޅިގަނޑު ގިރާ ނުކުރުކަމަށް ކަނޑައަޅާފައިވެއެވެ. އަދި ޓްރައިބިއުނަލްގެ ނިންމުން ބަދަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ލިޓަސްއަށް ބުނެދެވިފައިނުވާކަމަށް އެ ނިންމުމުގައި ބަޔާންކުރައްވާފައިވެއެވެ. ލިޓަސް އަށް ނާކާމިޔާބުވެފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‪2023/HC-A/141 ޤަޟިއްޔާގެ ނަތީޖާއަކީ އެ އިސްތިއުނާފު ރައްދުވާ ކެޕްޓަން އަބޫބަކުރު ޢަބްދުއްރަޙްމާން އަށް ވަޒީފާ އަބުރައިދީ ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އަނބުރައި ނަގައިދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އއ. ތޮއްޑޫ، ކާމަރަގަގަސްދޮށުގޭ އަބޫބަކުރު ޢަބްދުއްރަޙްމާނަކީ 2018 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން ލިޓަސްގައި ބޯޓު ކެޕްޓަނެއްގެ ވަޒީފާ އަދާކުރި ފަރާތެކެވެ. ކޮވިޑާ ގުޅިގެން ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާ ކަމަށް ބުނެ، 2020 ވަނަ އަހަރުގެ އެޕްރީލްގައި ފޮނުވި ސިޓީއަކުން އޭނާ ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަޑުޖައްސާލި އެވެ. ނަމަވެސް، ލޭއޮފްކުރި އެހެން ބައެއް މުވައްޒަފުން އަލުން ވަޒީފާއަށް ނެރުނުއިރު، އޭނާ ނުނެރި، ސިޓީގައި ބުނި މުސާރައާއި އިނާޔަތްތައް ވެސް ނުދިން ކަމަށް ބުނެ، 2021 ވަނަ އަހަރުގެ މާޗްގައި އޭނާ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އެވެ.

ޓްރައިބިއުނަލުން 2022 ވަނަ އަހަރުގެ ނޮވެންބަރުގައި ނިންމީ، ރިޑަންޑަންސީގެ ހާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، އެއީ ވަޒީފާއާބެހޭ ގާނޫނާ ހިލާފު ވަކިކުރުމެއް ކަމަށެވެ. އަދި އޭނާ ކުރިން އަދާކުރި ވަޒީފާއަށް ރުޖޫއަކުރުމަށާއި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ މުއްދަތު ހަމަވި ފަހުން — 2022 ވަނަ އަހަރުގެ މޭ 13 އިން ފެށިގެން — ވަޒީފާގެ ކަންކަން ހަމަޖެހެންދެން މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކުރި އެވެ.

ލިޓަސްގެ އިސްތިއުނާފު ރައްދުކުރަމުން ހައިކޯޓުން ކަނޑައެޅީ، ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ އަސާސީ ފަރުވާއަކީ ވަޒީފާއަށް ރުޖޫއަކުރުން ކަމަށެވެ. އިތުބާރު ގެއްލުން ނުވަތަ ދިގު މުއްދަތެއް ފާއިތުވުން ފަދަ، ރުޖޫއަކުރެވެން ނެތް އިސްތިސްނާ ހާލަތެއް އޮތްކަން ސާބިތުކޮށްދޭންޖެހޭއިރު، ކުންފުނީގެ މާލީ ހާލަތު ދަށްކަމަށް ބުނި ނަމަވެސް އެކަން ދަލީލުކޮށްދޭ ލިޔުމެއް ލިޓަސްއިން ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނީ ގޯހެއް ހުރި ކަމަށް ހަމައެކަނި ބުނުމަކުން އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރެވޭނެ ކަމަށް ވެސް ކަނޑައެޅި އެވެ. ކޮވިޑްގެ ހާއްސަ ގާނޫނަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ފަރުވާ ހޯދުމަށް ހުރަހެއް ނޫން ކަމަށް ވެސް ހުކުމުގައި ފާހަގަކުރި އެވެ.

އެ ގަޒިއްޔާ  ބެއްލެވީ ފަނޑިޔާރު ޙުސައިން މަޒީދާއި، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމާއި ފަނޑިޔާރު އިސްމާޢީލް ޝަފީޢެވެ. މި ހުކުމް، ހުކުމްކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ދެފަރާތަށް ވެސް ލިބިގެންވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިޓަސް އިން ކޮވިޑްގައި ވަޒީފާއިން ވަކިކުރި ކެޕްޓަންގެ ވަޒީފާ އަނބުރާ ދޭން ހައިކޯޓުން ވެސް އަމުރުކޮށްފިކޯޓް ރޫމް | 28 މިނިޓު ކުރިންވިލާ އެއާގެ މުވައްޒަފަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފިކޯޓް ރޫމް | 30 މިނިޓު ކުރިންކުޑަކުއްޖަކަށް ބައެއް "ބާއްވާފައި" ގޯތި ދޮށީ ދަރިފުޅަށް ހިބައިން ދިން މައްސަލައިގައި ރަސްމާދޫ ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 3 ދުވަސް ކުރިންގެގް އޯޑަރު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފިޚަބަރު | 4 މަސް ކުރިން