ވިލާ އެއާގެ މުވައްޒަފަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
7 ސެޕްޓެމްބަރު 2026 - 14:46

ޖިންސީ ފުރައްސާރައިގެ ތުހުމަތަކާ ގުޅިގެން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ، އެ ތުހުމަތު މަދަނީ މިންގަނޑުން ސާބިތުކޮށްދިނުމެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި ހަ މަހުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ހައިކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
ހައިކޯޓުގެ ނަންބަރު 2024/HC-A/91 ގަޒިއްޔާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވީ، ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. މި ހުކުމާއެކު، މަހަކު 10,200 ރުފިޔާގެ ރޭޓުން ހަ މަހުގެ މުސާރައާއި އިނާޔަތްތައް، ވިލާ އެއާއިން އެ މުވައްޒަފަށް ދޭންޖެހޭނެ އެވެ.

Ad by Hajj Corporation
މި މައްސަލައިގައި ވަޒީފާއިން ވަކިކުރީ، 2019 ވަނަ އަހަރުން ފެށިގެން ވިލާ އެއާގެ ގްރައުންޑް އޮޕަރޭޝަންސްގައި މަސައްކަތްކުރި މުޙައްމަދު މަޙްމޫދެވެ. ވިލާ އެއާގެ މާލޭ ލައުންޖުގައި މަސައްކަތްކުރި އަންހެން މުވައްޒަފަކަށް 2023 ވަނަ އަހަރުގެ ޖަނަވަރީ 1 ގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ހުށަހެޅުނު ޝަކުވާ، ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ތަހުގީގުކުރުމަށްފަހު، އޭނާ ވަކިކުރަން ނިންމައި، އެއް މަހުގެ ނޯޓިހުގެ ބަދަލަށް މުސާރަ ދިނުމަށްފަހު 2023 ވަނަ އަހަރުގެ މާޗް 8 ގައި ވަޒީފާއިން ވަކިކުރި އެވެ.
ނަމަވެސް، ޓްރައިބިއުނަލުން ފާހަގަކުރި ގޮތުގައި، ކޮމިޓީގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމުގައި ފުށުއެރުންތަކެއް ހުއްޓެވެ. ޝަކުވާކުރި ފަރާތުން ހާދިސާ ހިނގިކަމަށް ބުނި ވަގުތުގައި މުޙައްމަދު މަޙްމޫދު ލައުންޖަށް ވަދެފައި ނުވާކަން ސެކިއުރިޓީ ފުޓޭޖުން ފެންނަކަމާއި، ލިބުނު ކަމަށް ބުނި އަނިޔާ ފުޓޭޖުން ފާހަގަނުކުރެވޭކަން، ކޮމިޓީގެ ރިޕޯޓުގައި ވެސް ބަޔާންކޮށްފައިވެ އެވެ. މި ފުށުއެރުންތަކާއެކު، އިތުރު ހެއްކެއް ނެތި، ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، އެއީ އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރި ވަކިކުރުމެއް ކަމަށް ޓްރައިބިއުނަލުން 2023 ވަނަ އަހަރުގެ ޑިސެންބަރުގައި ކަނޑައެޅި އެވެ.
ވިލާ އެއާއިން ހައިކޯޓުގައި ބުނަމުން ދިޔައީ، ކޮމިޓީން ފުރިހަމަ ތަހުގީގެއް ހިންގައި، ޖަވާބުދާރީވުމަށާއި ވަކީލަކު އައްޔަންކުރުމަށާއި ހެކި ހުށަހެޅުމަށް މުޙައްމަދު މަޙްމޫދަށް ފުރުސަތު ދިން ކަމަށާއި، މިއީ މިފަދަ ތުހުމަތެއް ކުރެވުނު ތިންވަނަ ފަހަރު ކަމަށްވާތީ، ވަކިކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާ ކަމަށެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގައި، ޖިންސީ ފުރައްސާރައިގެ އަމަލުތައް އާންމުކޮށް ހިނގަނީ މީހުން ނުތިބޭ، ކެމެރާ ނުހުންނަ ތަންތަނުގައި ސިއްރިއްޔާތުގައި ކަމަށްވާތީ، އެކަށީގެންވާ މިންވަރަށް ހެކި ހޯދުމަކީ ދަތިކަމެއްކަން ފާހަގަކުރެއްވި އެވެ. ނަމަވެސް، މުވައްޒަފަކު ވަކިކުރާނަމަ، އެ އަމަލެއް ހިންގިކަން މަދަނީ މިންގަނޑުން — އެބަހީ، އެކަން ހިނގިކަން ބޮޑަށް ބުރަވެވޭ މިންވަރަށް — ސާބިތުވާންޖެހޭނެ ކަމަށާއި، ވިލާ އެއާއިން ސާބިތުކުރުމަށް ހުށަހެޅީ ހަމައެކަނި ތަހުގީގު ރިޕޯޓު ކަމަށާއި، ބަޔާންތައް ވެސް އެއްކަރުދާސްކޮށްފައި ނުވާއިރު، ގާނޫނުގައި ބަޔާންކުރާ ފަދަ އަމަލެއް ހިންގިކަން އެ ރިޕޯޓުން ސާބިތުނުވާ ކަމަށް ކަނޑައެޅުއްވި އެވެ.
ވަކިކުރުމުގެ އެއް އަސާސެއްގެ ގޮތުގައި ވިލާ އެއާއިން ހަވާލާދިން، 2019 ވަނަ އަހަރުގެ އެޕްރީލްގައި ދިން ފުރަތަމަ އިންޒާރާ ގުޅޭގޮތުން ހުކުމުގައި ބުނެފައިވަނީ، އެ އިންޒާރަށްފަހު ގާތްގަނޑަކަށް ހަތަރު އަހަރު ފާއިތުވިއިރު އެފަދަ އަމަލެއް ހިންގައިގެން ފިޔަވަޅެއް އަޅާފައި ނެތްކަމާއި، އާ ޝަކުވާ ސާބިތުނުވާ ހާލަތުގައި، ކުރީގެ އިންޒާރުގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށެވެ. ކުންފުނިން ހުށަހެޅި "އެކްޝަން ރެކޯޑް ފޯމަކީ" އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި ބެލެވޭނެ ލިޔުމެއް ނޫން ކަމަށް ވެސް ކަނޑައެޅި އެވެ.
ބަދަލުގެ މިންވަރާ ގުޅޭގޮތުން ހުކުމުގައި ބުނީ، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ބަދަލު ކަނޑައެޅުމުގައި ވަކި މިންވަރެއް ކަނޑައެޅިފައި ނެތްކަމާއި، ކޮންމެ މައްސަލައެއްގެ ހާލަތަށް ބަލައި ބަދަލު ކަނޑައެޅުމުގެ ތަގުދީރީ އިހުތިޔާރު ޓްރައިބިއުނަލަށާއި ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ. ހަ މަހުގެ ބަދަލަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި އިސްތިގުރާރުވެފައިވާ އުސޫލުތަކާ އެއްގޮތް، އެކަށީގެންވާ ބަދަލެއް ކަމަށް ކަނޑައެޅި އެވެ.
މި ގަޒިއްޔާ ބެއްލެވީ ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު އިސްމާޢީލް ޝަފީޢެވެ. ހައިކޯޓުގެ މި ހުކުމް، ހުކުމްކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ދެފަރާތަށް ވެސް ލިބިގެންވެ އެވެ.


