ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކުގެ މަހާސިންތާ އުކުޅަހުގައި ފަށައިފި
4 އޯގަސްޓު 2026 - 02:33

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އިދާރާތަކުގެ މެދުގައި ބާއްވާ ޚާއްޞަ މަހާސިންތާއެއް އއ. އުކުޅަހުގައި ފަށައިފިއެވެ.
"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް" ގެ ނަމުގައި ކުރިއަށްގެންދާ މި މަހާސިންތާއަކީ އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމިއްޔާއާއި ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ބާއްވާ ހަރަކާތެކެވެ.

Ad by Hajj Corporation
މި މަހުގެ 3 އިން 5 އަށް ކުރިއަށްދާ މި މަހާސިންތާ ރަސްމީކޮށް ފައްޓަވައިދެއްވީ އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި 26 ޤައުމަކުން 46 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ އޮޑިޓްކުރުމުގައި ބޭނުންކުރާ އަމަލީ އުސޫލުތައް ހިއްސާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (SDGs) ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމުގައި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމެވެ.
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، "ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިފަދަ ބައްދަލުވުންތަކަކީ ނުހަނު މުހިންމު ބައްދަލުވުންތަކެއް" ކަމަށެވެ. މި ބައްދަލުވުމުގެ ތެރެއިން ޖަވާބުދާރީވުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުއެޅޭނެ ގޮތްތަކާ މެދު ބައިވެރިން މަޝްވަރާ ކުރާނެއެވެ.
ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަހާސިންތާގެ ފުރަތަމަ ދުވަހު ޚާއްޞަކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޮޑިޓް އޮފީސްތަކުގެ ދައުރަށެވެ. އަދި ދެވަނަ ދުވަހު މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި އޮޑިޓް އިދާރާތަކުން އަދާކުރާ ދައުރާއި، އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން ސެޝަންތައް ކުރިއަށްދާނެއެވެ.
މި މަހާސިންތާ ނިމުމާއެކު، މި މަހުގެ 6 އިން 7 އަށް އުކުޅަހުގައި "އައިޑީއައި ގްލޯބަލް ސަމިޓް" ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ އޮޑިޓްކުރުމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާ 'އިންޓޯސައި' އާއި އޮޑިޓަރ ޖެނެރަލް އޮފީސް ގުޅިގެން ބާއްވާ ސަމިޓެކެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބައިނަލްއަޤްވާމީ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ބޭއްވުމަކީ ރާއްޖޭގެ ރަށްފުށުގެ ފަތުރުވެރިކަމަށާއި، ލޯކަލް އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.


