މަތީތައުލީމަށް ދޫކުރި ލޯނުތަކުން 191 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
20 އޮކްޓޯބަރު 2025 - 06:52

މަތީ ތައުލީމުގެ ލޯނުތަކަށް 2022ގެ ނިޔަލަށް 191 މިލިއަން ނުލިބި ހުރި ކަމަށާއި އެ ފައިސާ ހޯދަން މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތެއް ނުކުރާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
އޮޑިޓު އޮފީހުން ވަނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު އާންމުކޮށްފައެވެ.

Ad by Hajj Corporation
އެ ރިޕޯޓުގައި ވަނީ، މަތީ ތައުލީމު ފޯރުކޮށްދިނުމުގެ މަގުސަދުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 2022ގެ ނިޔަލަށް ޖުމުލަ 3.1 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 2.9 ބިލިއަން ރުފިޔާގެ ލޯނުތައް ބަލަހައްޓަނީ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮޓޯރިޓީ (މީރާ)އާއި ބޭންކް އޮފް ސިލޯނުންނެވެ. އެއީ، ފިނޭންސް މިނިސްޓްރީއާ އެ އިދާރާތަކާ ދެމެދު ވެފައިވާ ފަހުމުނާމާއެއްގެ ދަށުންނެވެ.
އޮޑިޓް ރިޕޯޓުގައިވަނީ، ލޯނުތަކުގެ ދަށުން ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ އިދާރާތަކުން ކުރާ ގޮތަށް ފަހުމުނާމާތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބާކީ 134 މިލިއަން ރުފިޔާއަކީ މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ލޯނުތައް ކަމަށް ރިޕޯޓުގައިވެއެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ، ލޯނު ސްކީމްގެ ދަށުން އަނބުރާ ދައްކަން ޖެހޭ މުއްދަތު ހަމަވުމާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް 651 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2022ގެ ނިޔަލަށް 190 މިލިއަން ރުފިޔާ އަދިވެސް ނުލިބިވާ ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ލޯނު ފައިސާގެ ތެރެއިން މިނިސްޓްރީން މެނޭޖްކުރާ ލޯނުތަކަށް ލިބެންޖެހޭ 81 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ފިޔަވަޅު އަޅާފައި ނުވާކަމަށެވެ. އަދި ދެ ބޭންކު މެދުވެރިކޮށް ދޫކުރި ލޯނުތަކުން ލިބެންޖެހޭ 106 މިލިއަން ރުފިޔާ ހޯދުމަށްވެސް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށެވެ.
މީގެ ތެރެއިން ބީއެމްއެލުން ބަލަހައްޓަމުންދާ ލޯނުތަކުގެ ތެރެއިން އަނބުރާ ދައްކަންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ ބޭންކުން ނަގާ އިދާރީ ފީތައް އިތުރުވެ، 2021 އަދި 2022 ވަނަ އަހަރު އިދާރީފީގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ނަގާފައިވާކަމަށް އޮޑިޓު އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.


