ގޭންގެއް އުފައްދައިފިނަމަ 25 އަހަރަށް ޖަލަށް
12 ޑިސެމްބަރު 2024 - 14:04

އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު ދެލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް ބަޔާންކޮށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިންނެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

Ad by Hajj Corporation
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއްވެސް މީހަކު, އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ ކުށެކެވެ. އެކަން ކޮށްފިނަމަ 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު ދެލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން, އަދި އެކަން ކުރަން އުޅުމަކީ ނުވަތަ ކުށްކުރުމުގައި އެހީތެރިވެދިނުމަކީ އަދި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަދި ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ. އާއި 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ހަމައެހެންމެ ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ޤާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެ ނަމަ އެ ޝަހުސެއް އުވާލުމާއެކު އެކުށެއް ކުރި މީހަކު 100،000ރ. އާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.