ބޭރު ފައިސާއާބެހޭ ބިލު، ރައީސް ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ--/ ރައީސް އޮފީސް
14 ޑިސެމްބަރު 2024 - 10:51
ބޭރު ފައިސާއާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ، 2024 ޑިސެންބަރު 12 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ މަޤުޞަދަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމެވެ. މީގެ އިތުރުން ބޭރު ފައިސާ ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާއާބެހޭ މުޢާމަލާތްތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވައިލުމެވެ.
މި ބިލުން، ބިލުގައި ކަނޑައަޅައިފައިވާ ވަކި ހާލަތުތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި، އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާކޮށް، ދިވެހިރާއްޖޭގައި ދިވެއްސަކު ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް ލާޒިމު ނުކުރެވޭ ގޮތަށް އުސޫލު ކަނޑައަޅައިފައިވެއެވެ.
އަދި މި ބިލުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އެހެން ފަރާތަކުން ވިއްކާ މުދާ ، އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން ފަނަރަ މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކުން، ވަކި މުއްދަތުތަކެއްގައި އެމް.އެމް.އޭ ގައި ރަޖިސްޓްރީކޮށް، އެފަރާތްތަކުން ވިއްކާ މުދަލުން ލިބޭ ބޭރު ފައިސާގެ އާމްދަނީ، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވައިފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ކުރާގޮތަށް ކަނޑައަޅައިފައިވެއެވެ.