ދިވެހިންގެ އެހީގައި ތަންޒޭނިއާގައި އިތުރު މިސްކިތެއް!

ދިވެހިންގެ އެހީތެރިކަމާއެކު ބިނާ ކުރި މިސްކިތް

15 ޑިސެމްބަރު 2024 - 04:24
ދިވެހިންގެ އެހީގައި އެފްރިކާ ޓެންޒޭނިއާގެ ޓަންގާ އަވަށުގައި މިސްކިތެއް ބިނާކޮށް ދީފިއެވެ.
މއީ ޚިދުމަތް ޖަމިއްޔާގެ ފަރާތުން ނިމިދިޔަ ރަމަޟާން މަހު ހުޅުވާލެވުނު މިސްކިތު ފަންޑަށް ދިވެހިން ދެއްވި ދީލަތި އެހީގައި ތަންޒޭނިއާގައި ބިނާ ކުރެވުނު ދެވަނަ މިސްކިތްކަމަށް ހިދުމަތް ޖަމިއްޔާއިން މައުލޫމާތުދެއެވެ. އަދި މިއީ އެތައް އަހަރެއްވަންދެން މިއަވަށުގައި މިސްކިތެއް ނެތި ދުރު ހިސާބު ތަކަށް ދަތުރުކޮށް ޖަމާއަތުގައި ނަމާދުކުރާ ގިނަ ރައްޔިތުން ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީވެ ޖަމިއްޔާއިން ހާއްސަ އިސްކަމެއްދީގެން ކުރެވުނު ބުރަމަސައްކަތެއްކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.
ހިދުމަތް ޖަމިއްޔާއިން ވަނީ ސިޓީ ދަރަޖައިގެ ސަރަހައްދުތަކުގައި އާއްމުކޮށް މިސްކިތް ބިނާކުރުމަށް ކުރާ މަސައްކަތަށް ވުރެ މިކަހަލަ އަވަށްތަކުގައި ބިނާކުރާ މިސްކިތް ތަކަށް ކުރާ ހަރަދު އިތުރުވެ، އަދި މަސައްކަތަށް ބޭނުންވާ ސާމާނު އަވަށާއި ހަމައަށް ފޯރުކޮށްދިނުމުގައި އެތައް ގޮންޖެހުންތަކެއް ހުރިނަމަވެސް މިމަސައްކަތް ކާމިޔާބު ކަމާއެކީ ނިންމާ ލެވިފައިވާކަން ފާހަގަކޮށްފައެވެ. ޚިދުމަތް ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި މިހާރު މިޕްރޮޖެކްޓް ނިންމާ ހުޅުވުމަށް ފަހު އެއަވަށުގެ ރައްޔިތުންގެ އުފާވެރި އިހުސާސްތައް އަދި މިސްކިތާއި ގުޅޭ މަންޒަރުތައް ވަނީ ގެނެސްދީފައިއެވެ.
އެ ޖަމިއްޔާއިންވަނީ މިފަދަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާ ލެވިފައިވަނީ ދިވެހި ރައްޔިތުން ދެއްވާ ދީލަތި އެހީގެ ސަބަބުންކަން ފާހަގަކޮށް ދިވެހިންނަށް ޝުކުރު ދަންނަވާފައެވެ.
ދިވެހިންގެ އެހީތެރިކަމާއެކު މިހާރުވެސް އަންނަނީ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮޖެކްޓްތައް ހިންގަމުންނެވެ.