ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފައިސާ ހަމަވެއްޖެ


11 ޖޫން 2025 - 11:00
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ފައިސާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަމަވެއްޖެއެވެ.
ޚިދުމަތް ޖަމްޢިއްޔާއިން އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެކަމުގައި ބައިވެރިވުމަށް އެހީ ދިނުމުގެ ފުރުސަތު ހުޅުވާލީ އިއްޔެގެ ވަގުތެއްގައެވެ.
އެއާއެކު މިސްކިތް ބިނާކުރުމަށް ބޭނުންވާ 7 ލައްކަ ރުފިޔާ 24 ގަޑިއިރު ނުވަނީސްވަނީ ހަމަވެފައެވެ.
ޚިދުމަތް ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މިސްކިތް ބިނާކުރުމަށް ނިންމާފައިވަނީ ބަންގްލަދޭޝްގައި 250 އަކަފޫޓުގެ ބިމެއްގައެވެ. މި މިސްކިތަކީ 455 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ޖާގައެއް އޮންނާނެ މިސްކިތެކެވެ.
މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.
ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ނިޔާވި އިއްޔެ މެލޭޝިޔާއަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށެވެ. ޝައިޚްގެ ޢާއިލާއިން ނިންމާފައިވަނީ ޖަނާޒާގެ ކަންތައް މެލޭޝިޔާގައި ކުރިއަށް ގެންދިއުމަށެވެ. މިއީ ދިވެހިރާއްޖެއަށް ގެނެސްފިނަމަ ޕޯސްޓްމޯޓަމް ހަދަންޖެހުމާއި، މިއީ ޝައިޚް އަބަދުވެސް އިންކާރު ކުރައްވާ ކކުރައްވާ ކަމަކަށް ވާތީއެވެ.
ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. އަދި އެތައް އަހަރެއްގައި ދިވެހި މުޖުތަމަޢުއަށް ދީނީ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މި މިސްކިތް ބިނާކުރުމަކީ އެ މަނިކުފާނުގެ ހަނދާނުގައި ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ޚިދުމަތް ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.
އިތުރު ލިޔުންތައް

ދިވެހިންގެ އެހީގައި ތަންޒޭނިއާގައި އިތުރު މިސްކިތެއް!
7 މަސް ކުރިން
ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެޕްލިކޭޝަނެއް
6 މަސް ކުރިން
ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލަން ނިންމައިފި
21 ދުވަސް ކުރިން