ބައްޝާރާ ދެކޮޅަށް ހަނގުރާމަ ކުރި ޖަމާއަތްތައް ރޫޅާލަނީ
18 ޑިސެމްބަރު 2024 - 06:28
ހަނގުރާމަވެރި ޖަމާއަތްތަކާއި ހަތިޔާރުއެޅި ޖަމާއަތްތަކަށް ސޫރިޔާގައި މިހާރު ޖާގަނެތް ކަމަށާއި ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ހުރިހާ ޖަމާއަތްތަކެއް ރޫޅާލާނެކަމަށް އެގައުމުގައި މިހާރު ވެރިކަންކުރާ "ހައިއަތު ތަހްރީރް އައްޝާމް" ނުވަތަ ކުރީގެ ޖަބްހަތުއްނުސްރާ އިން ބުނެފިއެވެ.
ސޫރިޔާގެ ހުޅަނގުގެ އައްލާޒިގިއްޔާ ޕްރޮވިންސްގައި ވާހަކަ ދައްކަވަމުން އެޖަމާއަތުގެ އަސްކަރީ ކޮމާންޑަރު އަދި ސޫރިޔާގެ މިހާރުގެ ސަރުކާރުގެ ބާރުގަދަ ބޭފުޅެއް ކަމަށްވާ އަބޫހަސަން އަލްހަމަވީ ވިދާޅުވި ގޮތުގައި ޚުދު "ހައިއަތު ތަހްރީރް އައްޝާމް" ނުވަތަ ކުރީގެ ޖަބްހަތުއްނުސްރާ ޖަމާއަތުގެ އަސްކަރީ ގޮފިވެސް އުވާލާނެ ކަމަށެވެ. އަދި އެ އެޖަމާއަތް ދެމި އޮތް ނަމަވެސް، ބަދަލުވާނީ މަދަނީ ޖަމްއިއްޔާއަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ކަމުގައި އަބޫ ހަސަން ވިދާޅުވިއެވެ.
ދައުލަތުގައި ހަނގުރާމަ ވެރި ޖަމާއަތްތަކާއި ހަތިޔާރު އެޅި ޖަމާއަތްތައް ނުހިމެނޭނެ ކަމަށާއި އެ ޖަމާއަތްތައް ރޫޅާލައި އެ ޖަމާއަތްތަކުގައި ހިމެނޭ ސޫރިޔާގެ ރައްޔިތުން ބޭނުން ނަމަ ސިފައިންނާއި ފުލުހުން ފަދަ ދައުލަތުގެ އަމަނާ ބެހޭ މުއައްސަސާތަކަށް ވަދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޖަމާއަތްތަކުގައި އުޅުނު ބޭރު ގައުމުތަކުގެ މީހުން ޖެހޭނީ އެމީހުންގެ ގައުމުތަކަށް އެނބުރި ދާންކަމަށާއި އެކަމަށް މުއްދަތެއް ދޭނެކަމަށް އަބޫހަސަން އަލްހަމަވީ ވިދާޅުވިއެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ސޫރިޔާގެ ރައްޔިތުން ކުރި ހަނގުރާމައިގައި ބައިވެރިވެ އެހީތެރިވެދިން ބޭރު ގައުމުތަކުގެ މީހުންނަށް ޝުކުރުވެރިވާ ކަމަށް ވެސް އަބޫހަސަން އަލްހަމަވީ ވިދާޅުވިއެވެ.
އެމީހުން އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ ކުރިން ވަގުތީގޮތުން ކުރު މުއްދަތަކަށް ސޫރިޔާގައި ތިބުމުގެ ފުރުސަތު ދޭނެކަމަށް އެމީހުންނާ މެދު މުއާމަލާތްކުރާނީ ވަގުތީ މެހުމާނުންގެ ގޮތުގައި ކަމަށް ވެސް ކުރީގެ ޖަބްހަތުއްނުސްރާ އަދި މިހާރު ސޫރިޔާގައި ވެރިކަންކުރާ "ހައިއަތު ތަހްރީރް އައްޝާމް" ޖަމާއަތުގެ އަސްކަރީ ކޮމާންޑަރު ވިދާޅުވިއެވެ.
އަބޫހަސަން އަލްހަމަވީގެ އަސްލު ނަމަކީ މުރްހަފު އަބޫގަސްރާ އެވެ. އަބޫހަސަން އަލްހަމަވީގެ ލަގަބުން އޭނާ މަޝްހޫރުވެފައިވަނީ ހަނގުރާމަވެރިއެއްގެ ގޮތުގައި ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް ސަލަފީ ތަކްފީރީ ޖަމާއަތްތައް އެއްކޮށްގެން އޭނާ އުޅުނުއިރުއެވެ. "ހައިއަތު ތަހްރީރް އައްޝާމް" ޖަމާއަތަކީ ވެސް މިގޮތުން ސަލަފީ ތަކްފީރީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި މިހާރު ވެސް ދުނިޔޭގެ ގައުމުތަކާއި އދ.ގެ މުއައްސަސާތަކުގައި ލިސްޓް ކޮށްފައިވާ ޖަމާއަތެކެވެ.