ފެނަކައިގެ ''ފާއިތުވި 1 އަހަރު'' ޚަރަދުކުޑަކޮށް، ޚިދުމަތް ފުޅާކުރުމުގައި ކާމިޔާބު އަހަރެއް
23 ޑިސެމްބަރު 2024 - 11:56
ފެނަކަ ކޯޕަރޭޝަނުން ވަނީ ފާއިތުވި އެއް އަހަރުގެ ތެރޭގައި އެ ކުންފުނީގެ ޚިދުމަތްތަކާއި ހިންގުން ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކުރިއަށް ޙާޞިލް ކުރުމަށް އަމާޒު ހިފާފައިވާ ކަންކަމަށް އަލިއަޅުވާލައި ''ފާއިތުވި 1 އަހަރު''ގެ ނަމުގައި ފޮތެއް އެކުލަވާލައި އިއްޔެ އިފްތިތާޙް ކޮށްފައެވެ.
މި ފޮތުގެ އެކި ގަނޑުތަކަށް ނަޒަރު ހިންގާލާއިރު މުޅި އަހަރު އެ ކުންފުނީގެ މަސައްކަތްތައް ހިންގުނުގޮތާއި، ހާސިލްވި މިންވަރާއި، ކުންފުނީގެ އަރަންޏާއި ދަރަނީގެ ހިސާބުގެ ޚުލާސާއާއި، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވުނު މަސައްކަތްތަކާއި، ކައުންސިލްތަކާއި ގާތުން ކުރެވުނު މަސައްކަތްތައް ހިމެނޭހެން ކުންފުންޏާއި މުވައްޒަފުންގެ ތަރައްގީއަށް ކުރެވުނު މަސައްކަތްތަކުގެ ޚުލާސާއެއް ހިމަނާފައެވެ.
މި ފޮތުގައި އެކުންފުނީގެ އެއިރުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ފާއިތުވި އަހަރަކީ ހުރިހާ ގޮތަކުން ވެސް ޤައުމަށް ހެވާއި ލާބަ ހޯދައި ދިނުމުގައާއި ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ.
ކައުންސިލްތަކާއި ގާތުން
ފެނަކައިގެ ޚިދުމަތްތައް ޤާއިމުކޮސްފައިވާ ރަށްތައް ހިމެނޭ 18 އަތޮޅެއްގެ ޖުމްލަ 102 ކައުންސިލާއި ފާއިތުވެ އެއް އަހަރުގެ ތެރޭގައި އެ ކުންފުނީގެ އިސްވެރިން ވަނީ ބައްދަލުކޮށް، ކުންފުނީގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނޭހެން ޚިދުމަތް ދިނުމާއި ގުޅޭގޮތުން މަޝްވަރާތައް ކޮށްފައެވެ. އަދި ކައުންސިލްތަކުގެ އަޑުއަހައި، ކުންފުނިން ހައްލުކޮށްދެވެން ހުރިކަންކަމަށް އަވަސް ހައްލުތަކެއް ހޯދައިދީފައެވެ.
އިޖުތިމާއީ ޒިންމާއާއި ފެނަކަ
ކުންފުނީގެ މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދެމުން އައި ފައިސާގެ އެހީތެރިކަން ދިނުން ފާއިތުވި އަހަރު މަޑުޖައްސާލާފައިވީނަމަވެސް ކުންފުނީގެ އެންމެ ބޮޑު ރައުސްމާލު ކަމުގައިވާ ފަންނީ މުވައްޒަފުންގެ ފަންނީ އެހީއާއި ޢަމަލީ ބައިވެރިވުމާއި، ކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ދާއިރާއިން 22 ހަރަކާތަކަށް ފާއިތުވި އަހަރު ފެނަކައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ނަމަވެސް ފެނަކައިން ވަނީ މިދިޔަ އަހަރު، އިޖުތިމާއީ ޒިންމާގެ ދަށުން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ހިންގި ތެލެތޯނަށް ޖުމްލަ 125،000 ރުފިޔާ ހަރަދުކޮށްފައެވެ. މީގެ ތެރެއިން 25000 ރުފިޔާ އަކީ މުވައްޒަފުންގެ ފަރާތުން ދިފައިވާ އެހީތެރިކަމެކެވެ.
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް
މި ފިޔަވަޅުތަކުގެ ދަށުން އެ ކުންފުންޏަށް އިންތިހާއަށް ގެއްލުންވަމުން އައި މަޝްރޫޢުތައް މެދުކަނޑާލައި އަދި ބައެއް މަޝްރޫޢުތައް ވަނީ އެއްކޮށް ހުއްޓާލާފައެވެ.
މިގޮތުން އޮފީހާއި އިންޖީނުގެ އިމާރާތްކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުތަކަކީ މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކުރިއަށް ގެންދިޔަ މަޝްރޫޢުތަކެއްކަމުން އެ މަޝްރޫޢުތައް މެދުކަނޑާލިއެވެ. އަދި 48 ރަށެއްގައި އޭޓީއެމް އެޅުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢު ވެސް ގެއްލުން ބޮޑުކަމުން ހުއްޓާލިއެވެ.
މީގެ އިތުރުން އައިސްޕްލާންޓް އިމާރާތްކުރުމާއި ހިންގުމާއި ވަޓްސަން ޕްރޮޖެކްޓްތައް ވަނީ ފޫނުބެދޭ ގެއްލުންވާތީ ހުއްޓާލާފައެވެ.
ފެނަކައިން ވަނީ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ސަރވިސް ސެންޓަރ އަދި ޓްރެއިނިން ސެންޓަރ ޤާއިމުކޮށް ސެންޓަރަލް ވެއަރ ހައުސްއެއް ގާއިމުކުރަން ނިންމާފައެވެ. އަދި ކުންފުންޏަށް އަމިއްލައަށް ދޯންޏެއް ހޯދުމާއި، ލޭންޑިން ކްރާފްޓެއް ހޯދުން ފަދަ ކަންކަން ކުރަން ނިންމިއެވެ. މި ނިންމުންތަކުގެ ސަބަބުން އައުޓް ސޯސްކޮށް ކުރަމުން ދިޔަ ބޮޑު ޚަރަދު ކުންފުންޏަށް ވަނީ ބޮޑުތަނުން ކުޑަކުރެވިފައެވެ.
މީގެ އިތުރުން ކުންފުނި ސަލާމަތްކުރުމުގެ އަމާޒަށް ވާސިލް ވުމަށް އައު އޮނގަނޑެއް ތަޢާރަފް ކުރުމާއި، އައު ޕްރޮިކިއުމަންޓް ޕޮލިސީ އަކާއި، މުޅިން އަލަށް ކަސްޓަމަރ ސާވިސްގެ ޚިދުމަތް ފެށުމާއި އަދި އީއާރޕީ ސިސްޓަމެއް ގާއިމުކުރުންފަދަ މުހިންމު ފިޔަވަޅުތައް ފެނަކައިން ވަނީ އަޅާފައެވެ.
މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް
ވޭތުވި އަހަރު ފެނަކައިިން ވަނީ މުވައްޒަފުން ތާޒާކޮށް، ތަމްރީނުކޮށް ކުރިއެރުވުމަށް ތަފާތު ގިނަ ޕްރޮގްރާމްތަކަކާއި ކޯސްތަކެއް ހިންގާފައެވެ. މިގޮތުން ސަރޓިފައި ކުރެވިފައިވާ ހަތަރު ޕްރޮގްރާމެއް ވެސް މީގައި ހިމެނޭއިރު، މި ކޯސްތަކާއި ޕްރޮގްރާމްތަކުގައި ކުންފުނީގެ 2065 މުވައްޒަފުން ބައިވެރިވެ ތަމްރީންވެ، އުނގެނިފައި ވެއެވެ.
ފެނަކަ ޑިޖިޓަލް ކުރުމުގެ ދަތުރު ފެށުން
ފެނަކަ ޑިޖިޓަލް ކުރުމަށް އެކުންފުނިން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެ ކުންފުނީގެ މަސައްކަތްތައް ޚަރަދުކުޑަކޮށް، ހަލުވިކުރުމަށާއި، ކަސްޓަމަރުންނަށް ފަސޭހަކަން ލިއްބައިދޭނެ މަގުން ޑިޖިޓަލް މަގުޗާޓެއް އެކުލަވާލައި ވަނީ ތަންފީޒުކުރަން ފަށާފައެވެ.
މިގޮތުން ފިއުލް މޮނިޓަރިން ސިސްޓަމްގެ މަސައްކަތް ފަށާފައިވާއިރު، ސްމާޓް ކަރަންޓް މީޓަރާއި، ފެން މީޓަރުގެ ޚިދުމަތް ތަޢާރަފްކޮށް، އިޔާދަ ކުރުވަނިވި ހަކަތައާއިބެހޭ ޑާޓާ މޮނިޓަރ ކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ވެސް ވަނީ ތަޢާރަފްކޮށްފައެވެ. އަދި ކުންފުނީގެ ޑާޓާތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޑޭޓާ ސެންޓަރެއް ވެސް ވަނީ އުފައްދާ މަސައްކަތް ފަށާފައެވެ.
ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުން
ވޭތުވި އަހަރު ފެނަކައިން ޚިދުމަތް ފޯރުކޮށްދޭ 53 ރަށަކަށް ޖުމްލަ 61 ޖެނެރޭޓަރު ފޯރުކޮށްދީފައިޗާއިރު މި ޖެނެރޭޓަރުތަކުން 3.76 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ވަނީ މައްޗަށް ޖައްސާފައެވެ.
މީގެ އިތުރުން 20 ރަށެއްގައި ކަރަންޓް ނެޓްވޯކު އަޕްގްރޭޑް ކޮށްފައިވާއިރު، ހަތަރު ރަށެއްގައި 360 ގޭބިސީއަކަށް ވަނީ އައު ކަނެކްޝަން ގުޅައިދީފައެވެ.
ކަރަންޓްގެ ޚިދުމަތް ވަރުގަދަ ކުރުމަށް އައްޑޫ ސިޓީގައިސެންޓްރަލް ޕަވަރ ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށާފައިިވާއިރު، މި ޕަވަރ ޕްލާންޓާއެކު 32 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލުކަން އިތުރުވެގެން ދާނެއެވެ. މިއީ ކުރިއަށް 25 އަހަރަށް އެ ސިޓީ އަށް ކަރަންޓްގެ ޚިދުމަތް ވަރުގަދަ ކުރުމުގެ ބިޔަ މަޝްރޫޢޫ އެކެވެ.
ފެނަކައިން ވޭތުވި އަހަރު 21 ރަށެއްގައި ފެނުގެ ޚިދުމަތް ވަނީ އަލަށް ފަށާފައެވެ. މިރަށްތަކުގައި 21،092 އަށްވުރެ ގިނަ ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. އަދި އަލަށް އާބާދުވާ 360 ގޭބިސީއަކަށް އަލަށް ނަރުދަމާ ގުޅައިދީފަވެއެވެ.
މިއާއެކު ފެނަކައިން މި އަހަރުގެ ތެރޭގައި ހިންގި ސޯލާ މަޝްރޫޢުތަކުގެ ދަށުން 2،2298 ކިލޯ ވޯޓު ސޯލާ ހަރުކޮށް، 7005 ކިލޯވޯޓުގެ ބެޓެރީ ކެޕޭސިޓީ އިތުރުކޮށްފަވެއެވެ. އިޔާދަ ކުރުވަނިވި ހަކަތައިގެ ދާއިރާއިން ފެނަކަ ރޫފްޓޮޕް ސޯލަރ ޕްރޮޖެކްޓާއި، މަގޭ ސޯލާ ޕްރޮޖެކްޓް ވެސް މި އަހަރުގެ ތެރޭގައި ފަށާފަވެއެވެ.
އާމްދަނީ އާއި ދަރަނި
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފެނަކައިން ދައްކަން ޖެހިފައިވާ ލޯނުތަކުގެ ޖުމްލައަކީ 1300 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުނިން ވަނީ ދައްކާފައެވެ.
2024 ވަނަ އަހަރު 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާއިރު، މިއަހަރު 3400 މިލިއަން ރުފިޔާ އަދި ވެންޑަރުންނަށް ނުދައްކާ އެބަހުއްޓެވެ. އެއީ 1094 ވެންޑަރުންނެވެ.
2024 ވަނަ އަހަރު ލޯނު އަދި ވެންޑަރުންނަށް ދައްކާފައިވާ ޖުމްލަ 900 މިލިއަނަށް އަރާއިރު، އޭގެ ތެރޭގައި 600 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ވެންޑަރުންނަށް ދެއްކި ފައިސާގެ ގޮތުގައި ހިމެނެއެވެ. އެއީ 281 ވެންޑަރުންނަށް ދެއްކުނު ފައިސާއެވެ.
ފެނަކައިން ވޭތުވި އަހަރު ނިންމާލާފައި ވަނީ ކުންފުނީގެ ޚަރަދުން 60 އިންސައްތަ ކުޑަކޮށްފައެވެ. ނަމަވެސް ޚަރަދުތައް ކުޑަކުރުމަކުން ކުންފުނި ސަލާމަތްވާކަށް ނެތެވެ. އެކަން ވާންއޮތީ ކުންފުނީގެ ލޯނުތައް ޚަލާސްކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެވިގެންނެވެ.