އޭސީ މިލާން ކޯޗު ފޮންސެކާ ވަކިކޮށް، ސަރޖިއޯ ކޮންސެއިސާއޯ ގެނައުމަށް ނިންމައިފި

މިލާނުގެ އައު ކޯޗު ސަރޖިއޯ ކޮންސެއިސާއޯ. ފޮޓޯ؛ ފަބްރީޒިއޯ

30 ޑިސެމްބަރު 2024 - 07:25
އިޓަލީގެ ނަންމަޝްހޫރު ފުޓްބޯޅަ ކްލަބް އޭސީ މިލާންގެ ހެޑް ކޯޗު ޕައުލޯ ފޮންސެކާ މަޤާމުން ވަކިކޮށްފިއެވެ. އެންމެ 6 މަސްދުވަހު މަޤާމުގައި ހުރުމަށްފަހު ފޮންސެކާ ވަކިކުރުމަށް ނިންމާފައިވަނީ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ.
މި ނަތީޖާއާއެކު މިލާން މިހާރު ސެރީ އޭގެ 8 ވަނައަށް ވެއްޓި، ޗެމްޕިއަންސް ލީގު ޖާގައަކާ ހަމައަށް އައުމަށް 8 ޕޮއިންޓްގެ ފަރަގެއް ވަނީ އައިސްފައެވެ. ޖޫން މަހު ލިލްއިން މިލާނަށް ބަދަލުވި ފޮންސެކާއަށް 3 އަހަރުގެ އެއްބަސްވުމެއް ދީފައިވީ ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން ޓީމުގެ ފޯމުވަނީ ދަށަށްގޮސްފައެވެ.
މިލާންގެ ސެރީ އޭގެ އެންމެ ގިނަ ގޯލުޖެހި ކޫލުންތެރިޔާ ކަމުގައިވާ އެމެރިކާގެ ކްރިސްޓިއަން ޕުލިސިކް ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. ފަހަކަށް އައިސް ލީގުގައި މިލާން ހޯދާ ނަތީޖާތައް ދަށް ނަމަވެސް ޗެމްޕިއަންސް ލީގުގައި މިލާން ވަނީ ނޮކްއައުޓް ރައުންޑަށް ދިއުމުގެ ފުރުސަތު ހޯދާފައެވެ.
ޔޫއެސް އިންވެސްޓްމަންޓް ގްރޫޕް ރެޑްބާޑް ކެޕިޓަލްގެ މިލްކިއްޔާތުގައިވާ އޭސީ މިލާނުން މިހާރު ވަނީ ޕޯޗުގީޒް ކޯޗު ސަރޖިއޯ ކޮންސެއިސާއޯ ގެނައުމަށް ނިންމާފައެވެ. 7 އަހަރު ދުވަހު ޕޯޓޯގައި މަސައްކަތްކޮށް 11 ޓްރޮފީ ހޯދުމަށްފަހު މިދިޔަ އަހަރުގެ ކުރީކޮޅު އެ ކްލަބުން ވަކިވި ކޮންސެއިސާއޯ، މިލާންގެ ޖެނުއަރީ 3 ގައި ޖުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މަޤާމާ ހަވާލުވާނެ ކަމަށް ބެލެވެއެވެ.
އިތުރު ލިޔުންތައް

އިޓާލިއަން ލީގު: އިންޓަރ އާއި ޔުނެވްޓަސް ގެ ގަދަހިފުން ހަމަހަމަ.
6 މަސް ކުރިން
އޭސީ މިލާން ބަލިކޮށް ނަޕޮލީނިން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި.
6 މަސް ކުރިން
ޔުއޭފާ ޗެމްޕިއަންސް ލީގު: ދުނިޔޭގެ އެންމެ ކާމިޔާބު ދެ ކުލަބުގެ ކުރިމަތިލުން މިރޭ
5 މަސް ކުރިން