ސޫރިޔާގެ އައު ސަރުކާރުން އަސްކަރިއްޔާގައި ބޭރު ޤަައުމުތަކުގެ ހަނގުރާމަވެރިން ހިމަނައިފި
31 ޑިސެމްބަރު 2024 - 06:21
.jpg&w=3840&q=75)
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، އެ ޤައުމުގެ ހިންގުމާ ޙަވާލުވި އައު ސަރުކާރުން އެ ޤައުމުގެ އަސްކަރިއްޔާގައި ބޭރު ޤަައުމުތަކަށް ނިޞްބަތްވާ ހަނގުރާމަވެރިން ހިމަނައިފިއެވެ. ސޫރިޔާގެ ދެ މަސްދަރަކުން ބުނީ އެ ޤައުމުގެ އަސްކަރިއްޔާގައި އުއިގޫރާއި އުރުދުންނާއި ތުރުކީވިލާތަށް ނިޞްބަތްވާ ހަނގުރާމަވެރިން ހިމަނާފައިވާ ކަމަށެވެ.
ސޫރިޔާގެ ހިންގުމާ ޙަވާލުވެފައިވާ ހައިޔަތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް)އަކީ އަލް-ޤާއިދާއާއި އައިސިސްއާ ކުރިން ގުޅުން އޮތް ޖަމާޢަތެކެވެ. ނަމަވެސް އެޗްޓީއެސުން ފަހުން ވަނީ އެ ޖަމާއަތްތަކާ ދުރުވެ ގުޅުން ކަނޑާލައިފައެވެ. އެ ޖަމާޢަތަކީ އެންމެންގެ ބައިވެރިވުމަށް ވެސް އިސްކަންދޭ މެދުމިނުގެ ޖަމާޢަތެެއްގެ ގޮތުގައި ދެއްކުމަށް އެ ޖަމާޢަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Hajj Corporation
އެގޮތުން ސޫރިޔާގެ ދިފާޢީ ވުޒާރާއިން ވަނީ އަސްކަރިއްޔާގެ 49 މަޤާމަކަށް މީހުން ޢައްޔަނު ކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދަކަށް ބޭރުގެ ހަނގުރާމަވެރިން ހިމެނެއެވެ.
އަސްކަރިއްޔާގެ އިސް މަޤާމުތަކަށް ޢައްޔަނު ކޮށްފައިވާ މީހުންގެ ތެރޭގައި އުއިގޫރުގެ ހަނގުރާމަވެރިއެއް ކަމަށްވާ އަބްދުލްޢަޒީޒް ދާވޫދު ޚުދާބަރުދީ ހިމެނެއެވެ.
ސޫރިޔާގެ 13 އަހަރުވީ ދިގު ދާޚިލި ހަނގުރާމައިގައި އަސަދާއި އޭނާއަށް ވާގިވެރިވަމުން ދިޔަ އީރާނުގެ ޝީޢީ ހަނގުރާމަވެރިންނާ ދެކޮޅަށް އެތައް ހާސް ސުންނީ މުސްލިމު ހަނގުރާމަވެރިންނެއް ވަނީ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިފައެވެ. ބޭރުގެ ބައެއް ހަނގުރާމަވެރިން ވަނީ އެ މީހުންގެ އަމިއްލަ ހަނގުރާމަވެރި ޖަމާޢަތްތައް އުފައްދައިފައެވެ. ބައެެއް މީހުން ވަނީ އައިއެސް ފަދަ ޖަމާޢަތްތަކާ ގުޅިފައެވެ. އަދި ބައެއް ހަނގުރާމަވެރިން ވަނީ އަސަދުގެ ވެރިކަން ވައްޓައިލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އެޗްޓީއެސާ ވެސް ގުޅިފައެވެ.
ސޫރިޔާގެ ހިންގުމާ ޙަވާލުވެ ހުރި އެޗްޓީއެސްގެ އަޙްމަދު އަލް-ޝަރާޢު ވަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ގިނަ ހަނގުރާމަވެރި ޖަމާޢަތްތައް އުވައިލާނެ ކަމަށް ބުނެފައެވެ. އޭނާ ވަނީ އެކި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ވިސްނުމާއި ފިކުރުގެ މައްޗަށް ބިނާކޮށް ޤައުމެއް ނުހިންގޭނެ ކަމަށް ބުނެފައެެވެ. ޤައުމު ހިންގަން ގަސްތުކުރަނީ ހަނގުރާމަވެރި ޖަމާޢަތްތައް ނައްތާލައި ހުރިހާ ޖަމާޢަތެއް ދިފާޢީ ވުަޒާރާގެ ދަށަށް ގެނެސް ހުރިހާ ޖަމާޢަތެއްގެ ބައިވެރިވުމާ އެކު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ސޫރިޔާގެ އައު ވެރިން ވަނީ އަސަދާ ދެކޮޅަށް ކުރި ހަނގުރާމައިގައި ކޮށްދީފައިވާ މަސައްކަތް ފާހަގަކޮށް ބޭރުގެ ހަނގުރާމަވެރިންނާއި އެ މީހުންގެ ޢާއިލާއަށް ސޫރިޔާގެ ރަށްވެހިކަން ދީ އެ ޤައުމުގައި ދެމި ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ