"ވައިޑް ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފެށުމަކީ ފަތުރުވެރިކަމަށް ލިބެ ބޮޑު ކުރިއެރުމެއް"

މޯލްޑިވިއަންގެ މަތިންދާބޯޓެއް

05 ޖެނުއަރީ 2025 - 09:44
ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި އަދި ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު މާދަމާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތައް ޚާއްސަކޮށް މޯލްޑިވިއަންއަށް ވަރަށް ތާރީޚީ ދުވަހެކެވެ.
މިމަހުގެ ތެރޭގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޗައިނާގެ 3 މަންޒިލަކަށް ދަތުރުފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަންގެ ޗީފް ކޮމާޝަލް އޮފިސަރ އިސްމާއިލް އަމްރާހު އުމަރު ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ރާއްޖެއިން ޗައިނާއަށް މުދާ ގެންދިއުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވޭނެ ކަމަށާއި ، ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމުން ވިޔަފާރިވެރިންނަށް މީގެ މަންފާކުރާނެކަމަށް ވެސް އަމްރާހު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ 17 ޑިސެމްބަރު ގައި އެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ޤައުމުތަކެއް ނޫނެވެ. އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިން' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެއެވެ. މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފައެވެ. އަދި، މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ޤައުމީ އެއަރލައިނަށް 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.
އިތުރު ލިޔުންތައް

މޯލްޑިވިއަންއިން ޑޭޝް މަރުކާގެ ބޯޓެއް ވިއްކާލައި، އެއާބަސްގެ ބޮޑު ބޯޓެއް ގެންނަނީ
މަހެއް ކުރިން
މޯލްޑިވިއަން އެއާ، އީސާ ޕާޓް 145 ސެޓްފިކެޓް ހާސިލުކޮށްފި
މަހެއް ކުރިން
މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ދަތުރުތައް ކޮޗިންއާއި ޓްރިވެންޑްރަމަށް
11 ދުވަސް ކުރިން