ހައްޖު ކިއުގައި މިވަގުތުވެސް 9،000 އަށް ވުރެ ގިނަ މީހުން
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް
06 ޖެނުއަރީ 2025 - 05:15
ހައްޖަށް ދާން އެދިގެން ކިއުގައި މި ވަގުތު 9،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
މައްކާގައި ހުންނަވައި މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ 9،115 މީހުން ވެއިޓިންގް ލިސްޓްގައި ހިމެނޭ އިރު، މި ކިޔޫގައި ހިމެނެނީ އަލަށް ހައްޖަށް ދާ 8،623 މީހުންނާއި 492 ރިޕީޓް ބައިވެރިންކަމަށެވެ.
ވެއިޓް ލިސްޓުގައި އެންމެ ގިނައީ އަލަށް ހައްޖަށް ދާން ނަން ނޯޓުކުރި 65 އަހަރުން ދަށުގެ މީހުންނެވެ. އެ ކެޓަގަރީގައި 7،150 މީހުން އެބަތިއްބެވެ. އަދި އެ އުމުރުގައި ރިޕީޓްކޮށް ހައްޖަށް ދާން ނަން 393 މީހުން ނަން ނޯޓުކޮށްފައި އެބަތިއްބެވެ. މީގެ އިތުރުން މި އުމުރުފުރާގެ 393 މީހަކު އަނެއްކާ ހައްޖަށް ދިއުމަށް ނަން ނޯޓުކޮށްފައިވެ އެވެ.
އަލަށް ހައްޖަށް ދާން ދެ ވަނަ އަށް އެންމެ ގިނައިން ތިބީ 65-75 އަހަރާ ދެމެދުގަ އެވެ. އެ އުމުރުގެ 1،370 މީހުން ނަން ނޯޓުކޮށްފައި ވެ އެވެ. އެ އުމުރުގައި ރިޕީޓުކޮށް ހައްޖަށް ދާން 91 މީހުން އަދި 75 އަހަރުން މަތީގައި، އަލަށް ހައްޖަށް ދާން 103 މީހުންނާއި ރިޕީޓުކޮށް އަޅުކަމަށް ދާން އަށް މީހުން ވެއިޓްލިސްޓުގައި އެބަތިބި ކަމަށް ޝަކީލް ވިދާޅުވި އެވެ.
ހައްޖަށް ދާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ ކޯޓާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރުން ފެށިގެން ހައްޖު ކޯޓާ ދޫކުރަން ސަރުކާރުން ނިންމާފައިވަނީ ހަމައެކަނި ސަރުކާރު ހިންގާ ހައްޖު ކޯޕަރޭޝަނަށެވެ. މީގެ އިތުރުން ވެއިޓިން ލިސްޓު މިހާރަށްވުރެ ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށް ސަރުކާރުން ވަނީ އާ ފިޔަވަޅުތަކެއް ތައާރަފްކޮށްފައެވެ.
މީގެތެރޭގައި:
- އަލަށް ހައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް އިސްކަންދިނުން
- ހައްޖުގެ އަޅުކަން އަދާނުކުރާ މީހުންގެ ތެރެއިން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ހައްޖު ކޯޕަރޭޝަނުން ކޮންމެ އަހަރަކު، ހައްޖު ކޯޓާއިން ވަކި އަދަދެއް ކަނޑައެޅުން
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން. އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހެއް އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކު އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ހައްޖަށް ނުދާ މީހަކު ލިބެން ނެތް ހާލަތުގައި ކަމަށް ކަނޑައެޅުން.
- ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން އެ އަޅުކަން އަދާކުރިތާ ފަސް އަހަރު ވުމުން ކަމަށް ކަނޑައެޅުން.
މިމަސައްކަތްތަކާއެކުވެސް، ޙައްޖަށް މީހުން ގެންދިއުމަށް އަހަރަކު ކަނޑައަޅާފައިވާ ކޯޓާ ކުޑަވުމުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އަދިވެސް އެބައޮތެވެ. ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދޫކުރަނީ އެންމެ 1،000 ސްޕޮޓް ކަމަށާއި އޭގެ ސަބަބުން ހައްޖުވެރިން ފުރުމުގެ ކުރިން ފައިސާ ދެއްކުމަށް ފަހު މަދުވެގެން ހައެއްކަ އަހަރުގެ އިންތިޒާރުގެ މުއްދަތެއް ލިބެ އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.