ޚާރިޖީ ވަޒީރުގެ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
9 ޖެނުއަރީ 2025 - 05:39

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އިސްފަރާތްތަކާ ވަނީ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން، އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެ ޤައުމު ގުޅިގެން މުހިންމު ގިނަ ދާއިރާތަކަކުން، ޚާއްސަކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޔޫއޭއީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ad by Hajj Corporation
ވަޒީރުގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ވަނީ ބައްދަކުރައްވާފައެވެ. އެގޮތުން، ފަތުރުވެރިކަމާއި މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި ދަތުރުފަތުރާއި އުމްރާނީ ތަރައްގީގެ ދާއިރާތަކުން އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ޔޫއޭއީގެ އިންވެސްޓަރުންނާވެސް ޚަރިޖީ ވަޒީރު ބައްދަލުކުރައްވައި މަޝްވަރާތައް ކުރެއްވި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޔޫ.އޭ.އީ.އިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދިޔައެވެ.
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޔޫއޭއީއަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ދަތުރުފުޅަކީ ޔޫ.އޭ.އީ.ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެހިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.


