ސްޕެނިޝް ސުޕަކަޕް: ދެވަނަ ފަހަރަށް ނިކޯ ވިލިއަމްސް އުލު ބޭންދުމަށްފަހު ބާސާ ފައިނަލަށް
ބާސެލޯނާގެ ގަވީ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ބާސެލޯނާ
09 ޖެނުއަރީ 2025 - 07:03
ސަޢޫދީގެ ކިންގް އަބްދުﷲ ސްޕޯރޓްސް ސިޓީގައި ކުޅެވުނު ސްޕެނިޝް ސްޕަރކަޕް ސެމީފައިނަލުގައި އެތްލެޓިކް ބިލްބާއޯއާއި ބައްދަލުކުރިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ. މިމެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-0 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ބާލްޑޭގެ ޕާހަކުން މެޗުގެ 17 ވަނަ މިނެޓުގައި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރ ގަވީ އެވެ. ބާސެލޯނާގެ ދެވަނަ ގޯލަކީ ގަވީ ދިން ބޯޅައަކުން ބާސެލޯނާގެ ގޯލްޑަން ބޯއީ ލަމީން ޔަމާލް ޖެހި ގޯލެކެވެ. މިއީ ޔަމާލް މިހާތަނަށް މިސީޒަނުގައި ޖެހި 7 ވަނަ ގޯލެވެ.
މިއީ މިދިޔަ ޓްރާންފަރ މާކެޓްގައި ބާސެލޯނާއި ހޯދަން ބޭނުންވެގެން އުޅުނު އެތްލެޓިކް ކްލަބްގެ ނިކޯ ވިލިއަމްސް ބާސެލޯނާއަސް ނޫނެކޭ ބުނިފަހުން މިދެޓީމު ބައްދަލުކުރި ދެވަނަމެޗެވެ. މި ދެމެޗުވެސް ބާސެލޯނާއިން ވަނީ ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ބާސެލޯނާއިން ވަނީ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މި މުބާރާތުގެ ފައިނަލުގައި ވާދާކުރާނެ ދެވަނަ ޓީމެއް ކަނޑައަޅާނީ މިރޭގައި ރެއާލް މެދްރިޑާއި މަޔޯކާ ބައްދަލުކުރާމެޗުންނެވެ.
މި މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގައި ވިނީޝިއުސް ގެ ހެޓްރިކަކާއެކު ރެއާލް މެޑްރިޑުން ވަނީ ތަށި ނަގާފައެވެ.