ބަހަނާދެއްކުމަށްފަހު ވަޤުތީގޮތުން އޮލްމޯ އާއި ވިކްޓޯ ރެޖިސްޓްރީކޮށްދީފި، އެތްލެޓިކޯ އަދި ލީގު ރައީސް ރަތަށް
ބާސާއަސް ހާއްސަ އިމްތިޔާޒުތަކެއް ހަމަޖެއްސި މައްސަލައިގައި ބައެއް ކުލަބުތަކުން ދަނީ ނުރުހުން ފާޅުކުރަމުން
10 ޖެނުއަރީ 2025 - 07:17
ސްޕެއިންގެ ޤައުމީ ޓީމުކުޅުންތެރިންނޭ ކިޔަ ބަހަނާދެއްކުމަށްފަހު ވަޤުތީގޮތުން އޮލްމޯ އާއި ވިކްޓޯ ރެޖިސްޓްރީކޮށްދިނުމަށް ހުއްދަދޭން ސްޕެއިންގެ ކުޅިވަރާބެހޭ އެންމެ މަތީކައުންސިލުން ނިންމައިފިއެވެ.
ސްޕޯރޓްސް ކައުންސިލުން ބުނިގޮތުގައި އެދެކުޅުންތެރިންނަކީ ސްޕެއިންގެ ޤައުމީ ޓީމުގެ 2 ކުޅުންތެރިން ކަމަށާއި އެހެންކަމުން މި 2 ކުޅުންތެރިން ރެޖިސްޓްރީ ނުކުރެވި ދާކޮންމެ ދުވަހަކީ ސްޕެއިންގެ ޤައުމީޓީމަށް ލިބޭނެ ގެއްލުމެކެވެ. މިފަދައިން ސްޕެއިންގެ ސްޕޯޓްސް ކައުންސިލުން ނިންމުމާއި ގުޅިގެން ކުލަބުތަކުގެ މެޗުގައި ވަނީ ޚިޔާލު ދެކަފިވެފައެވެ. މިފަދަ ސުވާލުއުފެދޭ ނިންމުމެއް ނިންމުމާއި ގުޅިގެން އެތްލެޓިކޯ މެޑްރިޑުން ވަނީ ބަޔާނެއްވެސް ނެރިފައެވެ. އެގޮތުން ވަކި ޤައުމަކަށް ނިސްބަތްކޮށް ކައުންސިލުން އެގޮތަށް ނިންމުން ނިންމުމަކީ އެއްވެސް ހަމަޖެހޭ އުސޫލެއް ނޫންކަމަށާއި ހުރިހާ ޓީމުތަކެއްގެ މެދުގައި ލަލީގާގެ މުސާރައިގެ ޤަވާއިދު ހިނގަންވާނީ އެއްގޮތަކަށް ކަމުގައި އެތްލެޓިކޯއިން ޤަބޫލުކުރާކަމަށް ބުނެފައިވެއެވެ.
މީގެކުރިންވެސް އެކިޓީމުތަކަށް މުސާރައިގެ މައްސަލަތަކާހެދި ކުޅުންތެރިން ރެޖިސްޓްރީ ކުރެވިފައި ނުވާއިރު، ބާސެލޯނާއަށް ހާއްސަކޮށްގެން މިފަދަ އިމްތިޔާޒުތަކެއް ހަމަޖައްސައިދޭތީ ލަލީގާގެ ރައީސް ޓެބާސް ވެސް ވަނީ ފާޑުކިޔާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ލަލީގާގެ ރައީސް އަކީ ރެއާލް މެޑްރިޑުގެ ސަޕޯޓަރެކެވެ.
މިދެކުޅުންތެރިންގެ ރެޖިސްޓްރީ މައްސަލަތަކާހެދި ބާސާގެ ރައީސްގެ އިސްތިއުފާގެ އަޑުގަދަވެފައިވާ މި ދަނޑިވަޅުގައި މި ނިންމި ނިންމުމާއި ގުޅިގެން ބާސެލޯނާގެ ރައީސް ވަނީ އުފާ ފާޅުކޮށް ނުސީދާގޮތުން ލަލީގާ އާއި އެފް.އެފް.ޕީ އާއި ދިމާކޮށްފައެވެ.
ލަލީގާއިން ވަނީ މިހާރު ރަސްމީކޮށް މިދެކުޅުންތެރިން ވަޤުތީގޮތުން ރެޖިސްޓްރީ ކޮށްދީފައެވެ. އެހެންކަމުން މި އާދިއްތަދުވަހު ކުޅޭ އެލް ކްލެސިކޯގައި މިދެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.