ނޭޝަނަލް ވޮލީ ބޯލް ލީގު ތަށި ދިވެހި ސިފައިންގެ ކުލަބަށް
ގައުމީ ލީގުގެ ތަށި ސިފައިންގެ ކުލަބުންވަނީ ހޯދާފައި. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 ޖެނުއަރީ 2025 - 07:50
ނޭޝަނަލް ވޮލީ ބޯޅަ ލީގުގެ ތަށި ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ. މި މުބާރާޓުގެ ތަށި ސިފައިންގެ ކުލަބުން ހޯދީ ފައިނަލުގައި އެޗް.ޑީ.ސީ ބަލިކޮށްގެންނެވެ.
ރޭގައި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅެވުނު ފައިނަލް މެޗު ސިފައިގެންގެ ކުލަބުން ކާމިޔާބުކުރީ 1 ސެޓު އެޗް.ޑީ.ސީ އިން ނަގާފައިވަނިކޮށް ފަހަތުން އަރައި 3 ސެޓު ހޯދައިގެންނެވެ. އެގޮތުން ރޭގެ ފުރަތަމަ ސެޓު އެޗް.ޑީ.ސީ އިން ކާމިޔާބުކުރީ 17-25 އިންނެވެ.
ނަމަވެސް ދެވަނަ ސެޓުގައި ސިފައިންގެ ކުލަބުންވަނީ ކުޅުން ރަނގަޅުކޮށް 25-21 އިން މޮޅުވެފައެވެ. މެޗުގެ 3 ވަނަ ސެޓު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 25-21 އިންނެވެ. އަދި ފަހުސެޓު ވާދަވެރިކޮށް 23-25 އިން ކާމިޔާބުކުރީ ސިފައިންގެ ކުލަބެވެ
މިއީ އެންމެފަހުން ސިފައިންގެ ކުލަބު އެޗް.ޑީ.ސީ ގެ އަތުން ބަލިވި ދެ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ ބަދަލުހިފުމެކެވެ.
މުބާރާތުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ ހުސައިން ޝާހިދު އާއި އެޗް.ޑީ.ސީގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓެ) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ސިފައިން ކުލަބުގެ އަހުމަދު ހަމަދު ހޮވިފައިވާއިރު، 19 އަހަރުން ދަށުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ބްލޫސް ފޯ ވޮލީގެ އަހުމަދު އިލްހާމްއެވެ.