logoEN
ޚަބަރު

މެންބަރު ޒިޔާދަށް ނޭނގި ފުރި ފޯމް ބާތިލްކޮށްފިން، ފިޔަވަޅު އަޅާނަން: އީސީ

ރައްޔިތުން މަޖިލީހިގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު -- ފޮޓޯ: އެޑިޝަން އެމްވީ

ރައްޔިތުން މަޖިލީހިގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު -- ފޮޓޯ: އެޑިޝަން އެމްވީ

ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު، ޙުސައިން ޒިޔާދަށް ނޭނގި ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީ އަށް ރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމު ބާތިލުކޮށްފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސިއިން މިފަދައިން ބުނީ، މެންބަރު ޒިޔާދުގެ ނަމުގައި ވަގު ފޯމެއް ޕީއެންސީއަށް ރަޖިސްޓަރީކުރުމަށް އެ ކޮމިޝަނަށް ހުށަހަޅައި، ޒިޔާދުގެ ރަޖިސްޓްރީ ޕީއެންސީގެ ދަފުތަރުގައި އިނުމާ ގުޅިގެން އެކަމުގެ ޝަކުވާ އެމްޑީޕީގެ ފަރާތުން ހުށަހެޅުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިއަދު އީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ފޯމު މިހާރު ބާތިލުކޮށްފައިވާ ކަމަށާއި، އެ މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމަށެެވެ.

އެކަމާ ގުޅިގެން ޒިޔާދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އެކަން ކުށްވެރިކުރަމުން އެމްޑީޕީގެ ބަޔާނުގައި ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައެފެ.

މީގެ އިތުރުން، އެކަމާ ގުޅިގެން މިއަދު އެމްޑީޕީގެ ފަރާތުން އީސީއާ ބައްދަލުކޮށްފައިވާއިރު، މަޖިލީހުގެ މެންބަރެއް ޕާޓީ ބަދަލުކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނު އަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން އެ ޕާޓީން ވަނީ އީސީއާ ހިއްސާކޮށްފައެވެ. އެހެން ނަމަވެސް، މި މައްސަލައާ ގުޅިގެން ޒިޔާދުގެ މަޖިލީހުގެ މެންބަރުކަމުގެ ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމުގައި އީސީން ވަނީ ބުނެފައެވެ.

އަދި އެ މައްސަލައާއި ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް އެ ކޮމިޝަނުން ކުރަމުންދާ ކަމަށާއި، އެ ފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން ދޭ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީއިން ބުނި ގޮތުގައި، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ދަފުތަރުގައި ވަނީ ހިމަނާފައެވެ. އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އެކި ފަހަރު މަތިން ގެނެސްފައިވާކަމަށް އެ ޕާޓީއިން ބުނާއިރު، މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އެމްޑީޕީން ވަނީ އީސީގައި އެދިފައެވެ.

އެ މައްސަލަ ފެންމަތިވެފައިވަނީ ގިނަ ބައެއްގެ އައިޑީ ކާޑު މަުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގު ފޯމަ ފުރާފައިވާކަމަށް ތުހުމަތުކުރެވެމުންދާ ދަނޑިވަޅުގައެވެ. އެކަމާ ގުޅިގެން ރަސްމީ ގޮތުން، ޕީއެންސީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder