މޫނަށް ރުލެއް އަރުވައިނުލާ އެ ފެތުރީ ދޮގު، އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭ
25 ސެޕްޓެމްބަރު 2026 - 17:10

ޑިސެމްބަރު 12، 2024 ގެ ހެނދުނު އިރުއަރައިގެން އައީ މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ޚަބަރަކާއި އެކުގައެވެ. ދައުލަތުގެ މުހިންމު ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތްތަކުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެތަންތަން އަނދައި އަޅިއަށްވެގެން ދިޔައީ އެވެ. މިފަދަ ހިތާމަވެރި އަދި ހައްސާސް ދަނޑިވަޅެއްގައި ގައުމުގެ އެއްބައިވަންތަކަން އިސްކުރުމުގެ ބަދަލުގައި، ސިޔާސީ މަންފާއަށްޓަކައި މޫނަށް ރުލެއްވެސް އަރުވައިނުލާ ދޮގު ފެތުރުމުގެ ހުތުރު ޢަމަލުތަކެއް އިދިކޮޅަށް ނިސްބަތްވާ ސިޔާސީ ވެރިންނާއި މީހުންގެ ކިބައިން ވަނީ ފެނިގެން ގޮސްފައެވެ.
ސިޔާސީ ބޭނުމަށް ހެދި ބުހުތާން ދޮގުތައް
.png&w=750&q=75)
Ad by Hajj Corporation
ހާދިސާ ހިނގި ވަގުތުން ފެށިގެން، ޒިންމާދާރުކަމެއް ނެތް ސިޔާސީ ބައެއް ފަރާތްތަކުން ދެއްކީ ބަލައިގަނެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ. އެއީ ސަރުކާރުން ގަސްދުގައި ރޯކޮށްލި އަލިފާނެއް ކަމަށް ބުނެ، ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެއްވެސް އަސާސެއް، ހެއްކެއް ނެތި ހަމައެކަނި ސިޔާސީ ގޮތުން ސަރުކާރު ބަދުނާމުކުރުމަށް މޫނަށް ރުލެއް އަރުވައިނުލާ ދޮގު ހެދުމަކީ ދަށު ދަރަޖައިގެ ކަމެކެވެ. ރައްޔިތުންނަކީ އެފަދަ ދަށު ދަރަޖައިގެ ވާހަކަތަކަށް ހެއްލޭނެ ބައެއް ނޫންކަން އެ ފަރާތްތަކަށް ވިސްނައިގަންނަން ޖެހެއެވެ.
ތަހުގީގުގެ އަލީގައި ހާމަވި ހަގީގަތް
ދިވެހި ފުލުހުންނާއި ބޭރުގެ ކަމާބެހޭ މިނިވަން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ފުޅާ ތަހުގީގުން ވަނީ ހުރިހާ ދޮގެއް ފުނޑުފުނޑުކޮށްލާފައެވެ. ފުލުހުންގެ ތަހުގީގަށް 14 ކެމެރާއެއްގެ 676 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ވަނީ އެނަލައިޒްކޮށްފައެވެ. އެ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ދުވަހުގެ ފަތިހު 5:33 ހާއިރު ހައުސިން މިނިސްޓްރީގެ ގޯތިތެރެއިން ކަރަންޓު ކެނޑިގެންދެއެވެ. އަދި އޭގެ 45 މިނެޓު ފަހުން، ކަރަންޓު ނަރުތަކުގައި ރޯވެގެން ގްރީން ބިލްޑިންގގެ ސެކިއުރިޓީ ގާޑާއި އޮފް ޑިއުޓީ ސިފައިންގެ މީހަކު އެ އަލިފާން ނިއްވުމަށް ހަރަކާތްތެރިވި މަންޒަރު ވަނީ ސާފުކޮށް ފެނިފައެވެ.
ޑިސެމްބަރު 12، 2024 ގެ ފަތިހު ހައުސިން މިނިސްޓްރީގެ ގޯތިތެރެއިން ކަރަންޓު ކެނޑުމަށްފަހު، އެ މިނިސްޓްރީގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާއާ ދެމެދު ހުރި ކަރަންޓު ނަރުތަކެއްގައި އަލިފާން ރޯވި މަންޒަރު ފެންނަ ވީޑިއޯ އިއްޔެ ވަނީ އާންމުވެސް ކޮށްފައެވެ. ފުލުހުން އިއްޔެ އާންމުކުރި މި ވީޑިއޯ އިން ފެންނަ ގޮތުގައި އަލިފާން ރޯވުމުން ގްރީން ބިލްޑިންގްގެ ސެކިއުރިޓީ ގާޑު ފެން ޖަހައިގެން އެ އަލިފާންގަނޑު ނިއްވާލި ނަމަވެސް، ކަމާގުޅޭ އިދާރާތަކަށް ގުޅޭނެ ގޮތެއް ނެތުމުން އޮފް ޑިއުޓީ ސިފައިންގެ މީހެއްގެ އެހީތެރިކަން ހޯދައި ހައުސިން މިނިސްޓްރީއަށް އެކަން ރިޕޯޓުކުރިއެވެ.
އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޮޑު ހުޅުގަނޑު ފަޅައިގެން ދިޔައިރު، އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:40 ހާއިރު ކަމަށާއި އެއްކޮށް ނިއްވާލެވުނީ މެންދުރުފަހު 3:30 ގައެވެ.
އަލިފާން ރޯވި ދުވަހުގެ ކުރީ ރޭ އެއޮފީސް ބަންދުކުރުމާއި އަދި އަނެއް ދުވަހު އޮފީހުގެ މުވައްޒަފުން އޮފީހަށް އައުމާ ދެމެދު އިތުރު އެއްވެސް ފަރާތަކުން އެއިމާރާތަށް ވަދެފައިނުވާކަން ތަހްގީގުން އެނގިފަވެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް
ފުލުހުންނާއި ސިފައިންގެ ބޮޑީ ވޯން ކެމެރާގެ ފުޓޭޖްތަކުންނާއި ފޮރެންސިކް ތަހުލީލުތަކުން ހާމަވި ގޮތުގައި މި ހާދިސާއަކީ އިމާރާތުގެ ކަރަންޓު ވަޔަރިންގައި ހުރި މައްސަލަތަކެއްގެ ސަބަބުން ހިނގި ހާދިސާއެކެވެ. އިމާރާތުގައި ނަރުތައް އަޅާފައި ހުރި ގޮތުން އަލިފާން ނިއްވަން އުނދަގޫވި އިރު، ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓުގެ މައްސަލަތައް ކުރިންވެސް ހުރިކަން ވަނީ މުވައްޒަފުންގެ ބަޔާންތަކުން ކަށަވަރުވެފައެވެ. މިއިން އެނގެނީ މިއީ އެއްވެސް ގޮތަކަށް ބަޔަކު ގަސްދުގައި ކުރި ކަމެއް ނޫން ކަމާއި، ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއް ކަމެވެ.
ދޮގު ފަތުރާ ފަރާތްތަކަށް ނޫނެކޭ ބުނަންޖެހޭ
ހެއްކާއި ގަރީނާއިން ހަގީގަތް ހާމަވެފައިވާއިރުވެސް، ބައެއް ފަރާތްތަކުން އަދިވެސް މަސައްކަތް ކުރަމުން ދަނީ އެ ދޮގުތައް ތަކުރާރުކޮށްގެން ރައްޔިތުން މަގުއޮޅުވާލުމަށެވެ. ގައުމީ މިފަދަ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ އިތުބާރު ގެއްލުވާލައި، ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ހޭލުންތެރިވާން ޖެހެއެވެ. ސިޔާސީ މަންފާއަށްޓަކައި ހަގީގަތް އޮޅުވާލާ ފަރާތްތަކަށް ރައްޔިތުން ސާބިތުކަމާއެކު "ނޫނެކޭ" ބުނަން ވެއްޖެއެވެ.


