logoEN
ދުނިޔެ

އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ފުރަތަމަ ތިން މީހުން ދޫކޮށްލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

19 ޖެނުއަރީ 2025 - 19:05

ޣައްޒާ ސަރަޙައްދުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުވުމާއެކު، ހަމާސްއިން ފުރަތަމަ ތިން އަންހެން އިސްރާއީލުގެ މީހުން ދޫކޮށްލާފައިވާކަމަށް އިސްރާއީލީ އޮތޯރިޓީތަކުން ކަށަވަރުކޮށްދީފިއެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި އިސްރާއީލީ ސިފައިންގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ ޑެނިއަލް ހަގާރީ އާދީއްތަ ދުވަހުގެ ހަވީރު ބުނެފައިވަނީ 24 އަހަރުގެ ރޯމީ ގޯނެން، 28 އަހަރުގެ އެމިލީ ދަމާރީ، އަދި 31 އަހަރުގެ ދޯރޯން ސްޓެއިންބްރެޗަރ ރެޑް ކްރޮސްއާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މީހުން މިހާރު ވަނީ އިސްރާއީލުގައި "ރައްކާތެރި އަތްތަކުގައި" ކަމަށެވެ.

ހަމާސްގެ ބަންދުގައި ތިބި މި މީހުން އަސް-ސަރާޔާ މައިދާނަށް ގެނައުމުން،، ރެޑް ކްރޮސްގެ އުޅަނދުގައި އެމީހުން ވަނީ އިސްރާއީލާ ހަވާލުކުރަން ގެންގޮސްފައެވެ. އެވަގުތު އެތަނަށް އެތައް ސަތޭކަ މީހުންނެއް ޖަމާވެފަވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ އޯފަރ ޖަލުން ދޫކޮށްލުމަށް ހަމަޖެހިފައިވާ 90 ފަލަސްޠީނު މީހުން، ކާކުކަން ކަށަވަރުކުރުމުގެ މަސައްކަތް ރެޑް ކްރޮސްގެ ވަފުދަކުން ކުރަމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން މަރުޙަލާއެއްގެ މަތިން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު ގިނަ އަދަދެއްގެ އިންސާނީ އެހީގެ ޓްރަކުތައް ޣައްޒާއަށް ފޮނުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މަރުޙަލާ 42 ދުވަހަށް ދެމިގެންދާނެއެވެ. އަދި މި މުއްދަތުގައި އިސްރާއީލުގައި އިސްރާއީލީ ސިފައިން ޣައްޒާގެ ބައެއް ސަރަޙައްދުތަކުން ފަހަތަށް ޖެހޭނެއެވެ.

ހަމާސްގެ ސިފައިންގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ އަބޫ އުބައިދާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފަލަސްޠީނުގެ މި ޖަމާޢަތުން މި އެއްބަސްވުމަށް އިޙްތިރާމްކުރާނެ ކަމަށާއި، ނަމަވެސް އެއްބަސްވުން ދެމެހެއްޓުމަކީ އިސްރާއީލުން އެއްބަސްވުމަށް އިޙްތިރާމްކުރާ މިންވަރަށް ބަލައި ނިންމާނެ ކަމެއް ކަމަށެވެ.

ކޮމެންޓް

871x217_placeholder