ލަލީގާ: ހެޓްރިކް ހަދައި އެމްބާއްޕޭ ފޯމަށް، ޔޫރަޕުގެ ޓީމުތަކުން ތުރުތުރުއަޅަނީ

އެމްބާއްޕޭ ވަނީ ރޭގައި ރެއާލް ޖޯޡީގައި ފުރަތަމަ ފަހަރަށް ހެޓްރިކް ހަދާފައި. ފޮޓޯ: ރެއާލް މެޑްރިޑް

26 ޖެނުއަރީ 2025 - 11:24
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް ވަޔޮޑެލިޑް ބައްދަލުކުރި މެޗުގައި އެމްބާއްޕޭ ހެޓްރިކް ހަދައި، ތާވަލުގެ އެއްވަނައިގައިވާ އެތްލެޓިކޯ މެޑްރިޑާއި ދެމެދުގައިވާ ލީޑު ފުޅާކޮށްފިއެވެ.
ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ރައީސްކަން ކުރަމުން އަންނަ ރެއާލް ވަޔޮޑެލިޑް އާއި ވާދަކުރި މެޗު މެޑްރިޑުން ކާމިޔާބުކުރީ 3-0 އިންނެވެ. މިމެޗުގައި އެމްބާއްޕޭ ވަނީ އޭނާގެ ރެއާލް މެޑްރިޑް ގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. ސީޒަން ފެށުނުއިރު އެންމެ އެދެވޭ ކުޅުމެއް އެމްބާއްޕޭގެ ފަރާތުން ނުފެނުނެނަމަވެސް ފަހަކަށް އައިސް އޭނާ ވަނީ ރަނގަޅު ފޯމަކަށް އެޅި، ގިނަ ގޯލުތަކެއް ޖަހާފައެވެ.
ރޭގެ ފުރަތަމަ ގޯލު އެމްބާއްޕޭ ކާމިޔާބުކުރީ މެޗުގެ 30 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ގޯލު ރޮޑްރީގޯގެ އެސިސްޓަކުން 57 ވަނަ މިނެޓުގައި ޖެހިއިރު، ހެޓްރިކް ފުރިހަމަ ކުރި ގޯލު ކާމިޔާބުކޮށްދިނީ 91 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއާއެކު އޭނާ ވަނީ 15 ގޯލާއެކު ލަލީގާގެ ގޯލު ޗާޓުގެ ދެވަނައަށް އަރާފައެވެ. އެއްވަނައިގައި އޮތް ލެވަންޑޮވްސްކީ ވަނީ އެއްމެޗު އިތުރަށްކުޅެ 16 ގޯލުޖަހާފައެވެ.
ތާވަލުގެ ދެވަނައިގައިވާ އެތްލެޓިކޯ ރޭގައި ވިލަރެއާލް އާއި ވާދަކޮށް 1-1 އިން ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ރޭގެ މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ 49 ޕޮއިންޓާއެކު ދެވަނައިގައިވާ އެތްލެޓިކޯއާއި ދެމެދުގައި 4 ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ. ބާސެލޯނާ އޮތީ 39 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ.
ސީޡަނުގެ ކުރީކޮޅުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު އެމްބާއްޕޭ ފޯމަކަށް އެޅުމުން ޔޫރަޕުގެ ބޮޑެތި ޓީމުތަކުން އެކަމާ ޖެހިލުންވާނެ ކަމަށް ބެލެވެއެވެ. އެގޮތުން ރެއާލްގެ ވިނީޝިއުސް ވަނީ ނިމިދިޔަ އަހަރުގެ ފީފާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. އަދި ބެލިންގްހަމް ވަނީ މިދިޔަ އަހަރުގެ ލަލީގާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމުގެ ހޯދާފައެވެ. މިިދިޔަ އަހަރުގައި އެމްބާއްޕޭ ނެތި މެޑްރިޑުން ވަނީ 5 ތަށި ހޯދާފައެވެ. މިވަގުތު ޔޫރަޕިއަން ޗެންޕިއަން އަދި ވޯލްޑް ޗެންޕިއަން އަކީވެސް ރެއާލް މެޑްރިޑެވެ. އެހެންކަމުން އެމްބާއްޕޭ ފޯމަކަށް އައުމުން މިވަގުތުގައި ޔޫރަޕުގެ އެންމެ ވަރުގަދަ އެޓޭކިން ކުޅުންތެރިން ތިބީ ރެއާލް މެޑްރިޑުގައެވެ.
އިތުރު ލިޔުންތައް

ގޯލު ފުންޏެއް ޖަހައި ބާސާގެ ސަޕޯޓަރުންނަށް އުފާވެރިކަން
8 މަސް ކުރިން
ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
6 މަސް ކުރިން
ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
6 މަސް ކުރިން