logoEN
ޚަބަރު

ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވައިދިނުމަށް އަމުރު ނެރެދެވޭކަށް ނެތް: ހައި ކޯޓު

މުހައްމަދު މޫސާމުހައްމަދު މޫސާ

27 ޖެނުއަރީ 2025 - 12:53

ފުލުހުންނަށް ދީފައިވާ ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ އަމުރަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެދިފައިވީ ނަމަވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ދައުރު ނިމެން ދެ ދުވަހަށް ވެފައިވަނިކޮށް ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިން މައްސަލައެކެވެ.

އެކަން ކުރީ އަވަސް އަރުވާލައިގެން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެކަން މަޑުޖައްސަން ފުލުހުންނަށް އަންގާފައެވެ. ނަމަވެސް ފުލުހުން އެ އެންގުމަށް ޢަމަލުނުކުރުމުން އެ މައްސަލަ އޭސީސީން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އެ މައްސަލަ ނިމެންދެން ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެ ކޮމިޝަނުން އެދުނެވެ.

ނަމަވެސް އެ މައްސަލާގައި ސިވިލް ކޯޓުން ޑިސެމްބަރު، 2023 ގައި ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކުރީ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މި މައްސަލަ ނިންމައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނީ، މި މައްސަލައިގައި ހިމެނޭ ވަގުތީ އަމުރު ނެރެނުދީފި ނަމަ މައްސަލަ ހުށަހެޅި ފަރާތް (އޭސީސީއަށް) ލިބޭނެ ގެއްލުމެއް ބަޔާންކޮށްދީފައިނުވާ ކަމަށެވެ. އަދި ހުއްޓުވަން އެދުނު ޕްރޮމޯޝަންތައް ދީ، ބޮޑުކުރި މުސާރަތައް މިހާރު ދެމުންދާއިރު އިތުރު ކަމެއް ނުކުރަން އަމުރުކޮށްގެން ނުކުންނާނެ ނަތީޖާއެއް އޭސީސީ އަށް ބުނެދެވިފައިނުވާ ކަމަށް ފަނޑިޔާރުން ފާހަގަކުރަށްވާފަވެއެވެ.

ކޮމެންޓް

871x217_placeholder