ކުރިއަށް އޮތް ދެ އަހަރުވެސް ޤައުމީ ދުވަސް ފާހަގަ ކުރާނީ އުތީމުގައި
28 ޖެނުއަރީ 2025 - 15:41

ކުރިއަށް އޮތް ދެ އަހަރުވެސް ގައުމީ ދުވަސް ހއ. އުތީމުގައި ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިއަދު ހަވީރު އުތީމަށް ވަޑައިގެން ވިދާޅުވީ ދިވެހީންގެ ނެޝެނަލް އައިޑެންޓިޓީ ހިމާޔަތްކުރާނަމަ އުތީމު ގަނޑުވަރު ބަލަހައްޓަން ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމަށެވެެ.

Ad by Hajj Corporation
އެގޮތުން ކުރީގެ ސަގާފަތަކީ ކޮންމެ ދައުރެއްގައި ވެސް އާދައިގެ ބަޖެޓަކުން ގައުމީ ދުވަސް ކޮންމެވެސް އެއް އަަހަރު އުތީމުގައި ފާހަގަ ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
އުތީމު ކައުންސިލް އިދާރާގައި މިއަދު ހަވީރު ބޭއްވި މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން، އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އާއި އުތީމު، އުތީމުގެ ގޮތުގައި ބާއްވައިގެން ރަށުން ދިރިއުޅުމަށް ބިން ދޫކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް ކައިރި އެހެން ރަށެއް އުތީމުގެ އިހުތިސޯސްގައި ހިމަނައިދިނުމަށް އެދެފަ އެވެ.
އަދި ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމާއި، ރަށުގައި ކުނިކޮއްޓެއް ގާއިމު ކުރުމަށް ދިމާވެފައިވާ ގޮންޖެހުން ހިއްސާ ކުރި އެވެ.
މީގެ އިތުރުން އުތީމު ގަނޑުވަރުގެ އާސާރީ ދިދަ ދަނޑި ހަލާކުވެފައި ހުރުމާއި ގަނޑުވަރަށް ޓްރީޓްމަންޓް ނުދެވި ގިނަ ދުވަސްވެފައިވާ ކަމުގެ ކަންބޮޑުވުން ކައުންސިލުން ރައީސްއާ ހިއްސާ ކުރި އެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަ ކުރި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި ޖުމްލަ ގޮތެއްގައި ފާހަގަ ކުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.