15 މަސްވީ ހަނގުރާމަ ނިންމަންޖެހުނީ ޔަހޫދީންނަށް ނާކާމިޔާބުވެގެން
29 ޖެނުއަރީ 2025 - 13:00

ފަަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަންނަން މަސައްކަތްކުރާ ޔަހޫދީ ޣައިރު ގާނުނީ ދައުލަތް- އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ދެމުންދާތާ 15 މަސް ފަހުން އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލީ ނާކާބިޔާބީއާ ކުރިމަތިވެގެންކަމަށް ޣައްޒާ ހަނގުރާމަ ތަހުލީލުކުރި ފަރާތްތަކުން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާގައި ހިންގި ގަތުލުއާއްމުގެ ތެރޭގައި ހަމާސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް އަދިވެސް އިސްރާއީލު އެދުނު ގޮތަށް ފަލަސްތީނުގެ ބިމުން ހަމާސް ނައްތާލެވިފައިނުވާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި އެމެރިކާގެ ކުރީގެ ސްޓޭޓް ސެކްރެޓަރީ އެންޓޯނީ ބްލިންކެން ވޮޝިންގްޓަންގައި ދެއްކި ވާހަކަތަކުގައިވެސް ހަމާސް މުޅިން ނައްތާލުމަކީ އުނދަގޫ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް މުޅިން ނައްތާލުމަށް އަޒުމް ކަނޑައަޅާފައެވެ.

Ad by Hajj Corporation
ހަނގުރާމައިގައި ޝަހީދުވެފައިވާ ހަމާސްގެ މުޖާހިދުންގެ އަދަދު ޔަގީންކަމާއެކު ބުނަން ދަތިނަމަވެސް ހަމާސްގެ އަސްކަރީ އަދި މަދަނީ ވިންގުތަކުން 6،000 އާއި 7،000 އާ ދެމެދުގެ އަދަދެއްގެ މުޖާހިދުން ޝަހީދުވެފައިވާކަމަށް ހަމާސްއިން ބުނެފައިވާކަމަށް އީސީއެފްއާރުގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. އެހެންނަމަވެސް، އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހަމާސްގައި 25،000 މުޖާހިދުން ތިބި އިރު އެ މުޖާހިދުންގެ ތެރެއިން ގިނަ މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.
މި މަހުގެ 19 ވަނަ ދުވަހު ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ހަނގުރާމައިން ލިބުނު ނަސްރުގެ ވާހަކަ ދެއްކެވިއިރު ޝަހީދުވި ބައެއް ލީޑަރުންނަށް ތަޢުޒިޔާ ކިޔައިފައިވެއެވެ. އޭގެ ތެރޭގައި އޮކްޓޯބަރު މަހު އިސްރާއީލުން ޑްރޯން ހަމަލާއެއްދީ ޝަހީދުކޮށްލި ހަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރު، ޖުލައި މަހުގެ ފަހުކޮޅު ތެހެރާނުގައި ޝަހީދުކޮށްލި ހަމާސްގެ ސިޔާސީ އަދި އަސްކަރީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ، އަދި 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ލުބުނާނުގައި ޝަހީދުކޮށްލި ޞާލިޙް އަލްޢަރޫރީ ގެ ނަންފުޅު ފާހަގަކުރައްވާއިވެއެވެ.
ނަމަވެސް އަބޫ އުބައިދާގެ ވާހަކަފުޅުގައި އަލްޤައްސާމް ބްރިގޭޑްސްގެ ބާނީންގެ ތެރެއިން އެކަކު ކަމަށްވާ މުޙައްމަދު ދީފްގެ ނަންފުޅު ހިމަނާފައެއް ނުވެއެވެ. އިސްރާއީލުން ބުނެފައިވަނީ ޖުލައި މަހުގެ ފަހުކޮޅު ދީފް ޝަހީދުކޮށްލެވުނުކަމަށެވެ. ނަމަވެސް ހަމާސްއިން ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފައެއްނުވެއެވެ.
އިސްރާއީލުން ބޭނުންވެ އެހެންނަމަވެސް ޝަހީދުކޮށްލެވިފައިނުވާ ވަރުގަދަ މުޖާހިދުންގެ ތެރެއިން ޝަހީދުކޮށްލާފައިވާ ޔަހުޔާ ސިންވާރުގެ ކޮއްކޯފުޅު އަދި ޣައްޒާގައި ހަމާސްގެ ޑީ ފެކްޓޯ ވެރިޔާ ކަމަށް ބެލެވޭ މުޙައްމަދު ސިންވާރު ހިމެނެއެވެ. މުޙައްމަދު ސިންވާރަކީ ޔަޙްޔާ ސިންވާރަށް ވުރެ ބޮޑަށް ހަނގުރާމައިގެ ހުނަރު ލިބިފައިވާ އަދި އިސްރާއީލަށް ހުރި ބޮޑު ނުރައްކަލެއްކަމަށް ޔަހޫދީން ދެކޭ މުޖާހިދެކެވެ. މީގެ އިތުރުން އުތުރު ޣައްޒާގައި ޤައްސާމް ބްރިގޭޑްސް ބަލަހައްޓާ ޢިއްޒުއްދީން ޙައްދާދު ވެސް ދިރިހުރި މީހުންގެ ތެރޭގައި ހިމެނެއެވެ.
މި ހުރިހާ ކަމަކުން ދޭހަވާ ގޮތުގައި، ހަމާސް އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ޖަމާޢަތުގެ ލީޑަރުންގެ ތެރެއިން ބައެއް މީހުން އަދިވެސް ދިރިތިއެބަތިއްބެވެ.
ހަމާސްއަކީ ހަމައެކަނި ޖިހާދީ ޖަމާއަތެއް ނޫނެވެ. 2006 ވަނަ އަހަރުން ފެށިގެން އެއީ ޣައްޒާގެ ސަރުކާރު ހިންގަމުން އައީވެސް ހަމާސްއިންނެވެ.
ފަލަސްތީނުގެ ބިމުން ހަމާސްއަށް ލިބޭ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށް ޣައްޒާ ހަނގުރާމަ ތަހުލީލުކުރި ފަރާތްތަކުން ބުނެއެވެ.


