logoEN
ޚަބަރު

ދިވެހިރާއްޖޭގެ ތިން ވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހިއްސާކޮށްފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވަނީ ދިވެހިރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހިއްސާކުރުމަށް ބޭއްވި ވޯކްޝޮޕް ގެ ތެރެއިން

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވަނީ ދިވެހިރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހިއްސާކުރުމަށް ބޭއްވި ވޯކްޝޮޕް ގެ ތެރެއިން

ސުދާ ލަތީފްސުދާ ލަތީފް

04 ފެބްރުއަރީ 2025 - 12:59

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވަނީ ދިވެހިރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހިއްސާކުރުމަށް މިއަދު ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ޕްލޭންގައި ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ވަނީ އައު ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރުމަން އަންނަ މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށާއި، ހަރުދަނާ ކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ސްޓްރެޓެޖީތަކެއް ވަނީ އެކުލަވާލާފައެވެ.

މި ޕްލޭންއަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ޕެރިސް އެގްރީމެންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް ފަސް އަހަރަކުން އެއް އަހަރު ހުށަހަޅަންޖެހޭ ޕްލޭންއެކެވެ.

މި ވޯކްޝޮޕް ފައްޓަވައިދެއްވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައިވެއެވެ.

އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ޕްލޭން އެކުލަވާލުމަށް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާއި، ޚާއްޞަކޮށް ޕްލޭން އެކުލަވާލުމުގެ މަރުޙަލާތަކުގައި ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް، ކޮންސަލްޓޭޝަންތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ޕްލޭންގައި ބަޔާންކޮށްފައިވާ ނޭޝަނަލް އަދި ސަބް ނޭޝަނަލް އެމްބިޝަންތަކާއި އަމާޒުތައް ދެނެގަތުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިކަމަށް ހާއްސަކޮށްގެން ވޯކްޝޮޕްތަކެއް ބޭއްވި ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ކުޑަ ގައުމެއް ކަމުގައިވިޔަސް، ރާއްޖޭގެ އައު ކްލައިމެޓް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ ވަރަށް އުންމީދީ ލަނޑުދަނޑިތަކެއްކަމާއި، މި ޕްލޭނަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ލީޑަރޝިޕް ދައްކުވައިދޭ ޕްލޭނެއްކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޠާރިޤްގެ ވާހަކަފުޅުގައި، މި ޕްލޭންގައި، ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމު، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅަށްފަހު މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން ވަނީ ކްލައިމެޓް އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަރުހަލާއާއި، މި ޕްލޭންގައި ހިމަނާފައިވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް ބޭނުންކުރި މެތަޑޯލޮޖީގެ ތަފްޞީލުތަކުގެ ފަންނީ ޕްރެޒެންޓޭޝަންތަކެއް ދެއްވާފައެވެ.

މި ވޯކްޝޮޕްގައި ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް މުހިންމު ކްރޮސް ކަޓިންގ ދާއިރާތަކާ ބެހޭ ގޮތުން ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފައިނޭންސް، ޓެކްނޮލޮޖީ، ކްލައިމެޓް އެމްޕަވަރމަންޓް، ޖެންޑާ، ޗިލްޑްރަން އެންޑް ޔޫތު އަދި ކްލައިމެޓް އެޑްވޮކޭސީ، އެޑިއުކޭޝަން އެންޑް އެވެއާނެސް ހިމެނެއެވެ.

ސެޝަން ނިންމަވާލައްވަމުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުالله ދެއްކެވި ވާހަކަފުޅުގައި އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު ނިންމުމުގައި ސްޓޭކްހޯލްޑަރުންގެ ދައުރު ވަރަށް ބޮޑުކަން ތަކުރާރުކުރެއްވިއެވެ. އަދި މި ޕްލޭނުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް މާލީ، ޓެކްނޯލޮޖީ އަދި ކެޕޭސިޓީ ބިލްޑިންގ ގެ އެހީ އާއި އެއްބާރުލުން ބޭނުންވާނެކަމަށް ވިދާޅުވިއެވެ.

އަދި، ޔޫ.އެން.އެފް.ސީ.ސީ.ސީ އާއި ޕެރިސް އެގްރީމެންޓާ އެއްގޮތްވާ ގޮތުގެ މަތިން މި ޕްލޭން މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ދިވެހިރާއްޖެއަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަކާ ގުޅިގެން، މި ޕްލޭން ހަރުދަނާގޮތެއްގައި ތަންފީޒުކުރުމަށް މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

871x217_placeholder