logoEN
ޚަބަރު

މަޝްއަރު ކުންފުނީގެ ވެރިޔާ އަށް މަނީލޯންޑަރިންގެ ދައުވާ ކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

05 ފެބްރުއަރީ 2025 - 16:25

މިދިޔަ ރޯދަމަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިޔާ އަށް ދައުވާ ކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މަޝްއަރު ގްރޫޕުގެ ވެރިޔާ ޢަލީ ފާރިޝް (މ. ހަވީރީފިނި) ގެ މައްޗަށް ހަތް ދަޢުވާއެއް އުފުލާފައިވާކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެ ދެ ދަޢުވާ އަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ ހަ ދަޢުވާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ.

އަލީ ފާރިޝްގެ މައްޗަށް ކުރި ދައުވާތައް

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 6 (ހައެއް) ދަޢުވާ.

މި ދަޢުވާތައް ކުރިކަމަށް ޕީޖީން ބުނާ ސަބަބު: ޢަލީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު ޢުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން ޢުމްރާއަށް ގެންގޮސްދީފައިނުވާތީއާއި، އެ ފައިސާ އަނބުރައި ރައްދުކޮށްދީފައިނުވާތީއެވެ.

ޕީޖީން ބުނީ ދަޢުވާކޮށްފައިވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިން ކަމަށެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި ޢުމްރާއަށް ދިއުމަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނޭކަމަށް ޕީޖީން ބުންޏެވެ.

ޢަލީ ފާރިޝް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢަލީ ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދަޢުވާގައި އެދިފައިވާނެކަމަށް ވެސް ޕީޖީން ބުންޏެވެ.

2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ.

މި ދަޢުވާކުރާ ކަމަށް ޕީޖީން ބުނާ ސަބަބު: ޢަލީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު ޢުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެމީހުން އަތުން ނިގުޅައިގަނެ، އެ ފައިސާ، ޢަލީ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި، ޢަލީ ފާރިޝްގެ ޙިއްސާ އޮންނަ ޓްރިއަރ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑަރކޮށްފައިވާތީއެވެ.

ޢަލީ ފާރިޝް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރުކަމަށް ޕީޖީން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައަކީ ތަޙުޤީޤު ހިނގަމުންދާ މައްސަލައެެއްކަމަށާއި، ޢަލީ ފާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ މަޝްޢަރު ޕްރައިވެޓް ލިމިޓެޑުން ޢުމްރާއަށް ގެންދިއުމަށް މީހުން ގެންދިއުމަށްފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ޚިޔާނާތްތެރިވިބައިގެ ތަޙުޤީޤު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިގައި ޢަލީ ފާރިޝްގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފަވެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder