logoEN
ޚަބަރު

ބޮޑު ދެ އިންތިހާބު އެއްކޮށްލުމާއެކު ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ހުށަހަޅުވާނެކަން ރައީސް އިއުލާންކުރައްވައިފި

މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: ޕްލަސް އެމްވީ

މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: ޕްލަސް އެމްވީ

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

07 ފެބްރުއަރީ 2025 - 05:35

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާއެކު، ގާނޫން އަސާސީ އަށް މައިގަނޑު ހަތަރު އިސްލާހުތަކެއް ހުށަހަޅުވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސް އެފަދައިން އިއުލާނުކުރެއްވީ، އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން ގެންނަން ނިންމާފައިވާ އިސްލާހުތަކަކީ:

  1. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން
  2. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުން
  3. ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން
  4. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުން

undefinedރިޔާސީ ބަޔާން އިއްވެވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އަދި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާންޖެހޭ ކަންކަމުގައި އެ ވޯޓު ނެގޭނެ ގޮތުގެ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ ޤާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމުގައިވާތީވެ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކުރާ ކަމުގައި ވެސް ރައީސް އިއްޔެ ވިދާޅުވިއެވެ.

މިއަހަރު މަޖިލީހަށް ހުށަހެޅުމަށް ޤަސްދުކުރާ ބައެއް ބިލްތައްވެސް މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލާނަން. މިގޮތުން ޤާނޫނުއަސާސީއަށް ގެނައުމަށް ޤަސްދުކުރާ މުހިންމު ބައެއް އިސްލާޙުތަކަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން. އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުން، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އެފަދައިން ވިދާޅުވިއިރު، ރާއްޖޭގެ އިގުތިސާދީ ހާލަތްތަށް ބަލާއިރު އަދި އިންތިހާބުތަކަށް ހިނގާ ހަރަދަށް ބަލާއިރު ދެ އިންތިހާބު އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ރައީސް ވަނީ މީގެ ކުރިން ވެސް ވިދާޅުވެ، އެކަމުގައި ޢާންމުންގެ ޚިޔާލަށް ހުށަހަޅުއްވާފައެވެ.

undefinedރައީސް މުޢިއްޒުގެ ވެރިކަމަށް އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެގޮތުން މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެކުގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި، ދެ އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުން ރުހޭނަމަ، ގާނޫނު އަސާސީއަށް އިސްލާހު ގެނެސް، 2028 ވަނަ އަހަރުގައި ދެ އިންތިހާބު އެކުގައި ބޭއްވުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތްކަމުގައެވެ.

ރައީސްގެ އެ ވާހަކަފުޅަށް، ގިނަ ފަރާތްތަކުން ތާޢީދުކުރައްވާފައިވާއިރު، އޭގެ ތެރޭގައި އޭރު އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ހުންނެވި ފުއާދު ތައުފީގު ވެސް ހިމެނިވަޑައިގަންނަވައެވެ.

އެގޮތުން އެކަމާ ގުޅިގެން ފުއާދު ވެސް އޭރު ވިދާޅުވި ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ވަކި ދެ އިންތިހާބަށް ބަޖެޓުންކުރާ ޚަރަދުގެ 45 އިންސައްތަ ފައިސާ ދައުލަތަށް ސަލާމަތްކުރެވޭނެއެވެ.

ކޮމެންޓް

871x217_placeholder