ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑްގައި ފަށައިފި
10 އޭޕްރީލު 2026 - 11:52

ތ. ގާދިއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވާފައިވާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 އޭޕްރީލް 2026 ގައެވެ. މިއީ ގާދިއްފުށީގެ ރައްޔިތުންނަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގަންނަވާފައިވާ މުހިންމު ވަޢުދުފުޅެއް ފުއްދުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

Ad by Hajj Corporation
މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގެ ފަޅުން ގާތްގަނޑަކަށް 11 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިޔަ މަޝްރޫޢަށްޓަކައި ޖުމްލަ 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެއެވެ.
މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ ކޮންނަ ބޯޓެއް ކަމަށްވާ "ފިލިއްޕޯ ބްރޫނެލެސްކީ" އެވެ. މިއީ އެއްފަހަރާ 11,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބޮޑު ބޯޓެކެވެ. މި ބޯޓުގެ އެހީގައި މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވެއެވެ.
ގާދިއްފުއްޓަކީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށަކަށް ވުމާއެކު، ސަރުކާރުން ފެއްޓެވި މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އުންމީދީ ހައްލެއް ލިބިގެންދާނެ ކަމެކެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ ތަރައްޤީއަށްޓަކައި ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދަމުންނެވެ.

.gif&w=1920&q=75)
