logoEN
ޚަބަރު

600 އަށްވުރެ ގިނަ ސެން ޓީޗަރުން ބޭނުންވޭ: އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު

އެންމެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ "ކޮމްޕްލެކްސް ލާނިން ޕްރޮފައިލް"ގެ ކުދިންނަށް ކިޔަވައިދޭން 600 އަށްވުރެ ގިނަ ސެން ޓީޗަރުން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނާއި ގުޅޭ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޝަފީޢު ވިދާޅުވީ، ރާއްޖެގައި ޓީޗަރުން މަދުކަން ދަންނަން ޖެހޭ ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުފުޅާއި ލަފާފުޅާއެކު، އުނަގަންނައިދިނުމުގެ ދާއިރާއިން ތަޢުލީމު ހާސިލް ކުރުމަށް އިތުރު ކުދިން ޓީޗިން ކޯސްތަކަށް ވަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިފަދަ ގޮތަކަށް އަޅުގަނޑުމެންނަށް ޕޮސިޓިވްކޮށް ދާއިރާ ބައްޓަންކުރެވިއްޖެ ކަމުގައިވަނީނަމަ ކުރިޔަށް އޮތް ދިހަ ވަރަކަށް އަހަރުގެ ތެރޭގަ އެކަށީގެންވާ ތަޢުލީމީ، ޤާބިލު، ޒުވާން ޓީޗިން ފޯސްއެއް އަޅުގަންޑުމެންނަށް ބިނާކުރެވިގެން ދާނެ،-އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު

މި ޕެނަލް ޑިސްކަޝަންގައި ޕްރައިމަރީ ޓީޗިންނަށް އަލިއަޅުވާލަމުން، މިހާރުވެސް 230 އަށްވުރެ ގިނަ ޕްރައިމަރީ މުދައްރިސުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއިރު، މިދިޔަ އަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ވެސް މިނިސްޓަރ ވިދާޅުވެފައިވަނީ، ތަޢުލީމީ ނިޒާމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ޓީޗަރުން މަދުވުމެވެ.

ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މި މައްސަލައަށް ރިއާޔަތްކޮށް ރައީސުލްޖުމްޙޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ޓަކައި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމެއް މިދިޔަ އަހަރު ފެށިފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުން ކަމަށާއި، ތަޢުލީމީ ދާއިރާގައި ދިވެހިރާއްޖޭގެ މުދައްރިސުން އިތުރުކުރުން ކަމަށެވެ. އެހެންކަމުން، 21 ސްކޫލަކުން ޖުމްލަ 135 ދަރިވަރުން ބައިވެރިވާ މި ޕްރޮގްރާމުގެ ބައިވެރީންނަކީ މަތީ ސާނަވީ ތަޢުލީމު ނިންމުމަށް ފަހު ނިކުންނަ ދަރިވަރުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިން. މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމާއި މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ އަޅުގަނޑުގެ ވައުދެއް،-ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިއާއެކު، "ކޮމްޕްލެކްސް ލާނިން ޕްރޮފައިލް"ގެ ކުދިން ޅަފަތުގެ އުމުރުފުރައިގައި ދެނެގަނެ، އުނގެނުމުގެ ތެރެއިން ދޭން ޖެހޭ ސަމާލުކަމާއި އަޅާލުން މުދައްރިސުންނަށް ދަސްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށި، 7 އަތޮޅަކުން، 220 މުދައްރިސުން ތަމްރީނުކުރެވިފައިވާކަން ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުމުގެ ގޮތުން އިނގިރޭސި ބަސް ކިޔަވައިދޭ 380 ޓީޗަރުން ރާއްޖޭގެ ހުރިހާ އަތޮޅަކުން ތަމްރީނުކުރެވިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

871x217_placeholder