މި އަހަރު 36 ވަދު ކަނދުފަތި އަޅާނެ: ވަޒީރު އަޙްމަދު ޝިޔާމް
11 ފެބްރުއަރީ 2025 - 06:26

މި އަހަރު އިތުރު 36 ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ބަޖެޓު ހުރި ގޮތުން މި އަހަރު 36 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ވަދު ކަނދުފަތި އަޅާނެ ކަމަށެވެ.

Ad by Hajj Corporation
ސްޕޯޓްސް ފިޝިން ކަނދުފަތިތައް އަޅައިދޭން މިހާރުވެސް 80 އަށް ވުރެ ރިކުއެސްޓް އޮތްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސްޕޯޓްސް ފިޝިންއަށް ހާއްސަ ވިއުގައެއް ގާއިމްކުރުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އަމާޒަކީ އެއް ރަށަށް ވުރެ ގިނަ ރަށްރަަށް ބޭނުން ހިފޭނެ ގޮތަކަށް ކަނދުފަތިތައް އެޅުން ކަމަށާއި ނަމަވެސް ހަ މޭލަށް ވުރެ ދުރަށް ދުއްވަން ނުޖެހޭ ގޮތަށް އެކަން ފަރުމާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ހަދާ ފެޑް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އުތުރުން ށ. ފުނަދޫގައި އެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ.


