މަސްވެރިންގެ ގުންޒަރު، ކާމިޔާބުކަމާއެކު ނިންމާލައިފި
12 ޑިސެމްބަރު 2025 - 10:26

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ރ. ދުވާފަރުގައި 40 އަށްވުރެ ގިނަ މަސްވެރިންނާއެކު ބޭއްވި މަސްވެރިންގެ ގުންޒަރު ނިންމާލައިފިއެވެ.
މަސްވެރިންގެ ގުންޒަރު ކުރިއަށް ގެންގޮސްފައިވަނީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގައިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ގުންޒަރުގައި ރާއްޖޭގެ ނުވަ އަތޮޅަކުން 40 އަށް ވުރެ ގިނަ މަސްވެރިން ބައިވެރިވެފައިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހަތަރު އުފެއްދުންތެރިން ގުންޒަރުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ބައިވެރިވެފައިވެއެވެ.
މިމަހުގެ 10 އިން 11 އަށް މަސްވެރިންގެ ގުންޒަރު ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ދުވަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސެޝަނުގައި ވަޒީރު އަރިހުގައި މަސްވެރިކަމާބެހޭ ވުޒާރާގެ ޓެކްނިކަލް ބޭފުޅުންނާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ބައިވެރިވެވަޑައިގެންފައިވެއެވެ. ޕެނަލް ޑިސްކަޝަނުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މި ސެޝަނުގައި މަސްވެރިންގެ ފަރާތުން ގިނަ ކަންކަމުގައި ޚިޔާލާއި މަޝްވަރާ ލިބުނު ކަމަށެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ސެޝަނުގެ ތެރެއިން ވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާ އަދި މިފްކޯގެ ފަރާތުން ޖަވާބުދާރީ ވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ގުންޒަރާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ އާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިންގެ ގުންޒަރުގެ ތެރެއިން މަސްވެރިން ވަރަށް ބޮޑު ޝައުޤުވެރިކަމަކާއެކު ބައިވެރިވެ ޚިޔާލާއި މަޝްވަރާ ދެއްވާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ ބަދަލުވަމުން އަންނަ މަސްވެރިކަމުގެ ސިނާއަތެއް އޮތްއިރު ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ވެގެންދާ ކަމަށެވެ.
ގުންޒަރުގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކް އެސެސްމެންޓް ހެދުމުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގައި ކުރަމުންދާ މަސައްކަތުގެ ތަފްސީލުތައް މަސްވެރިންނާ ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ދިވެހި ޒުވާނުން މަސްވެރިކަމަށް ނެރުމުގެ މުހިންމުކަމާއި، މަސްވެރިކަމުގެ ޤާނޫނު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން މަސްވެރިކަމާއި ގުޅުންހުރި އެކި ދާއިރާތަކުން މަސްވެރިންނަށް ފޯރުކޮށްދެމުންދާ އެހީތަކާއި ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ސެޝަނުގައި ބައިވެރިވި ފަރާތްތަކުން ދައުލަތުގެ މީޑީއާ އާ ވާހަކަދައްކަމުން ވަނީ ގުންޒަރުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހިއްސާ ކުރުމަށް ފުރުސަތު ލިބިގެންދިޔަކަން ފާހަގަކޮށްފައެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ އިދާރާތަކުން ޖަވާބުދާރީވި ކަމަށާއި، މަޝްވަރާތަކުގެ އަލީގައި ކަންކަން ތަންފީޒުވާން ފެށުމުން ބަދަލެއް ފެނިގެންދާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މަސްވެރިންގެ ގުންޒަރަކީ، މަސްވެރިކަމުގައި ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައި، ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރުމަށް ބައްވާ ފޯރަމެކެވެ.

Ad by Hajj Corporation


