ގަވާއިދާ ޚިލާފަށް ސިނގިރޭޓު ނެރުނު މައްސަލަ: 68 މިލިއަން ރުފިޔާ ހޯދުމަށް ކަސްޓަމްސްއިން ޕީޖީއަށް


11 ފެބްރުއަރީ 2025 - 11:30
ދެ ބޮންޑެޑް ވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 68 މިލިއަން ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ދެ ބޮންޑެޑް ވެއާހައުސްއެއް ފާއިތުވި މަހު ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ދެ ވެއާހައުސްއިން ގަވާއިދާ ޚިލާފަށް ސިނގިރޭޓު ނެރުނުކަން ފާހަގަކުރެވިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެގޮތުން އެގްޒޯޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ހިންގާ ވެއާހައުސް ޗެކްކުރިއިރު، އެ ބޮންޑެޑް ވެއާހައުސްގައި ހުންނަންޖެހޭ ކެމަލް ޔެލޯ ބްރޭންޑްގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި، މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑްގެ 300 ކޭސް ސިނގިރޭޓް (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވާއިދާ ޚިލާފަށް ނެރެފައިވާކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުނެއެވެ.
މީގެ އިތުރުން އެސްޖީއެމް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ހިންގާ ވެއާހައުސް ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި، އަފްޒަލް މޮލާސެސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ވެސް ގަވާއިދާ ޚިލާފަށް ނެރެފައިވާކަމަށް ކަސްޓަމްސްގެ ބަޔާނުގައި ފާހަގަކޮށްފައިއެވެ.
އެހެންކަމުން މި ދެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙްގީގް ކުރަމުން އަންނައިރު މި ދެ ބޮންޑެޑް ވެއާހައުސްގެ ރަޖިސްޓަރީ ބާޠިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޯޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47 މިލިއަން ރުފިޔާ އާއި އެސްޖީއެމް ބޮންޑެޑްވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 21 މިލިއަން ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.
ބޮންޑެޑްވެއާހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ ޢިމާރާތެއްގައި ނުވަތަ ޢިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއާހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް މިހާރު ވަނީ އިސްލާޙު ގެނެސްފައެވެ.
އިތުރު ލިޔުންތައް

ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫގައި ހުޅުވައިފި
4 މަސް ކުރިން
ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ "ކަސްޓަމްސް ގެ ފުލް ކޮންޓްރޯލް" އޮންނަ ސަރަހައްދުތަކުގައި އެކަނި
3 މަސް ކުރިން
ކަސްޓަމްސްގެ މުވައްޒަފުން ކޮރަޕްޝަނުގެ އަމަލު ހިންގާކަމުގެ ތުހުމަތު
3 މަސް ކުރިން