ޒޯނުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް މަހިބަދޫއަށް
13 ފެބްރުއަރީ 2025 - 08:25

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އދ. މަހިބަދޫއަށް ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ. މި ކާމިޔާބީ ހޯދީ އއ. ގެ ޗެންޕިއަން މަތިވެރިއާ ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން 7-5 އިން މޮޅުވެގެންނެވެ.
މީގެކުރިން މަހިބަދޫ ވަނީ އަތޯލު ފައިނަލުގައި މަންދޫއަތުން ބަލިވެފައެވެ. ނަމަވެސް ޒޯނު ބުރުގައި މަހިބަދޫ ގެ ފަރާތުން ވަރަށް ފުރިހަމަ ކުޅުމެއް ދެއްކިއެވެ. ޒޯން ބުރުގެ އެންމެ ފަހު މެޗުގައި މަތިވެރިއާ އެއްވަރުކޮށް ފައިނަލަށް ގޮސް، މި ޒޯނުގެ ޑިފެންޑިންގ ޗެމްޕިއަން މަތިވެރި ބަލިކުރީ މެޗުގެ ފުރިހަމަ ވަގުތު 3-3 އިން އެއްވަރުވުމަށްފަހު ޕެނަލްޓީ ޝޫޓްއައުޓުންނެވެ.

Ad by Hajj Corporation
ފައިނަލް މެޗުގައި މަތިވެރީގެ ގޯލުތައް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ސަފުރާޒް، އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އަދި އަލީ އަލްސަން އެވެ. އަދި މަހިބަދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އާދަމް ފަހުމާން އަދި އިބްރާހިމް އުސާމާ ހަސަން މަޖީދު އެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ، އިބްރާހިމް އުސާމާ، ސުއައިދު ސައީދު އަދި ގާސިމް ސައްމާމު ޕެނަލްޓީ ކާމިޔާބުކުރިއެވެ. މަތިވެރީގެ ފަރާތުން ކާމިޔާބުކުރެވުނީ ސަފުރާޒް އާއި އަހުމަދު ފިރާޝް (ކަހޫ) ޖެހި ޕެނަލްޓީތަކެވެ.
މިޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދީ މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު މަންދޫގެ އާދަމް އިމްރާން (އިންމި) ހޯދިއެވެ.
ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާ މަހިބަދޫގެ މިދުހަތު އަބްދުﷲ . ފޮޓޯ: ގޯލްޑަންފުޓްސަލް އެސޯސިއޭޝަން
ގަދަ 16 ބުރުގައި މަހިބަދޫ ބައްދަލުކުރާނީ ފ. ދަރަނބޫދޫއާއެވެ. މިމެޗު ކުޅޭނީ އަންނަ ހޮނިހިރުދުވަހު ރޭގަނޑު 21:00 ގައެވެ. އަދި ގަދަ 16 ގައި މަތިވެރި ބައްދަލުކުރާނީ ދ. ކުޑަހުވަދޫއާއެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 22:00 ގައެވެ.


