ކުނި މެނޭޖުކުރަން އަމިއްލަ ފަރާތްތަކުގެ ޒިންމާ އިތުރުކުރަންޖެހޭ: ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓާ އައިޝަތް ރަޝްފާ އާއި، އެ ވުޒާރާގެ ސީނިއާ ޕްރޮގްރާމު އޮފިސާ ސުމާ މުހައްމަދު

14 ފެބްރުއަރީ 2025 - 06:34
ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގައި އުފެދޭ ހުރިހާ ކުންޏެއް މެނޭޖުކުރުމަށް، އަމިއްލަ ފަރާތްތަކުގެ ޒިންމާ އިތުރުކުރުވަންޖެހޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓާ އައިޝަތް ރަޝްފާ ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މަޢުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރަޝްފާ ވިދާޅުވީ ކުނި މެނޭޖު ކުރުމުގެ ގާނޫނު ވުޖޫދުވުމާއި އެކު، އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ވުޒާރާއިން ފަށައިފައިވާކަމަށެވެ. އެގޮތުން މިހާރު ތިން ގަވައިދެއް އެކުލަވާލައި، އެ ގަވާއިދުތައް ފާސްކުރުމުގެ ފަހު މަރުހަލާގައި ވާކަން ރަޝްފާ ފާހަގަކުރެއްވިއެވެ.
މި ގަވާއިދުތަކުގެ ތެރޭގައި "އުފެއްދުންތެރިންގެ ދެމިންގެންވާ ޒިންމާ" (އީޕީއާރް) ގެ ނަމުގައި ގަވާއިދެއް އެކުލާވަލަމުންދާކަމަށް ރަޝްފާ ވިދާޅުވިއެވެ. މި ގަވާއިދުގެ މަގްސަދަކީ ކުނި އުފައްދާ ފަރާތްތަކުން އެ ތަކެތި ކުންޏަކަށް ވުމުގެ ކުރިން، އެ ޕްރޮޑަކްޓް ވިއްކައިގެން ހޯދާ ފައިދާއިން އެ ކުނި ނައްތާލުމުގެ ފަހު މަރުހަލާއަށް ކޮންޓްރިބިއުޓް ކުރުން ކަމަށް ރަޝްފާ ވިދާޅުވިއެވެ.
މިއީ ހަމަ އެކނަި ރާއްޖެގައެއް ނޫން، ދުނިޔޭގެ ފެންވަރުގަ ސާކިއުލާ އިކޮނޮމީ ގާއިމުކުރުމަށް ވަރަށް ގިނަ ގައުމުތަކުގަ ކުރަމުންދާ މަސައްކަތެއް. އެހެން ވީމަ، ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ގައުމެއްގަ މި އުފެދޭ ހުރިހާ ކުންޔެއް މެނޭޖުކުރުމަށް އަޅުގަނޑުމެން އެބަ ޖެހޭ އެކަހަލަ ޕްރައިވެޓް ޕާޓީތަކުގެ ވެސް ޒިންމާ ވަރުގަދަކުރަން. އެހެން ވީމަ، އޭގެ ދަށުން އަޅުގަނޑުމެން އީޕީއާރް ގަވައިދު އެކުލަވާލައިފައިވަނީ،-ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓާ އައިޝަތް ރަޝްފާ
މި ގަވާއިދުގެ އިތުރުން، "ޖެނެރަލް ރެގިއުލޭޝަން" އާއި "އާއްމު ހިދުމަތާއި ބެހޭ" ގަވައިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން ރަޝްފާ ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން "ޖެނެރަލް ރެގިއުލޭޝަން" ގަވައިދުގުގައި އަލިއަޅުވާލައިފައި ވާނި ކުނި މެނޭޖުކުރުމުގެ ހުރިހާ މަސައްކަތެއްގަ ދިމާވާ ކަންކަމާއި، ކުނި މެނޭޖުކުރުމުގައި ހިމެނޭ ފަރާތްތަކުގެ ޒިންމާތަކަށް ކަމަށް ރަޝްފާ ވިދާޅުވިއެވެ.
މިއާއެކު "އާއްމު ހިދުމަތާއި ބެހޭ" ގަވައިދުގެ މަގްސަދަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ދަށުން މަސައްކަތްތަށް ބެލުމުގެ ކަންތައްތައް ދާނެ ގޮތާއި، ކުނި މެނޭޖުކުރުމުގެ ހިދުމަތައް ކަނޑައެޅޭނެ ޓެރިފްތަކާއި އަގުތަށް ނިޒާމުކުރުން ކަމަށް ރަޝްވާ ވިދާޅުވިއެވެ.
އެހެންކަމުން މިހާރު މިހިނގާ ރިޔާސީ ދައުރުގެ ތެރޭގައި، ކުނި މެނޭޖުކުރުމުގެ މައްސަލައަށް ވަށާ ޖެހޭ އަދި ދެމެހެއްޓެނިވި ހަލްއެއް ހޯދައި ދިނުމަކީ ވުޒާރާގެ ވަރަށް ބޮޑު ބޭނުމެއްކަމަށް ރަޝްފާ ވިދާޅުވިއެވެ.
ޕްރޮގްރާމްގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓާ އައިޝަތް ރަޝްފާ އާއި އެކު، އެ ވުޒާރާގެ ސީނިއާ ޕްރޮގްރާމު އޮފިސާ ސުމާ މުހައްމަދު ވެސް ވާހަކަފުޅު ދެއްކެވިއެވެ.
ސުމާ ފާހަގަކުރެއްވީ، މިދިޔަ އަހަރުގެ ނިޔަލަށް ކުނި މެނޭޖު ކުރުމުގެ ތަކެތި ފޯރުކޮށްދިނުމަށް ޖަޕާން އާއި، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގެ އެހީ ލިބިފައިވާ ކަމަށެވެ. އެގޮތުން ރަށްތަކުގައި ކުނި އުފުލުމަށް ބޭނުންކުރާނެ ޕިކަޕު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި، 77 އުޅަނދު 77 ރަށަކަށް ފޯރުކޮށްދީފައިވާ ކަމަށް ސުމާ ވިދާޅުވިއެވެ. މިއާއެކު އޭޑީބީ އާއި ގުޅިގެން ކުރަމުންދާ މަޝްރޫއުގެ ދަށުން، ޒޯނު ތިނެއްގެ 18 ރަށަކަށް ކުނި އުފުލާ އުޅނަދު ވެސް ފޯރު ކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
ސުމާ އިތުރަށް ވިދާޅުވެފައި ވަނީ ކުންޏާއި ވަސީލަތްތަށް މެނޭޖުކުރުމުގަ ދިމާވާ މައިގަނޑު ގޮންޖެހުމަކީ، ރާއްޖޭގެ ރަށްތައް ގުދުރަތި ގޮތުން އެކަހެރިި ވެފައިވާތީ ކުނި މެނޭޖުކުރުމުގެ ނިޒާމު ފުރިހަމަ ކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަންޖެހުމެވެ.
މިހާރު ކޮންމެ ރަށެއްގަ އެބަ ބެނުންވޭ އެ ރަށަކަށް އެކަށީގެން ވާނެ ކުނި މެނޭޖުކުރާ މަރުކަޒެއް. އަދި މީގެ އިތުރުން ރައްކާތެރި ގޮތުގަ ކުނި މެނޭޖުކިރަން މި ބޭނުންވާ މެޝިނަރީސްތަށް ބޭނުންވޭ ކޮންމެ ރަށަކަށް. އެގެ އިތުރުން ބެނުންވޭ ކުނި އުފުލާނެ އުޅަނދު.
މީގެ އިތުރުން، ކުނި މެނޭޖުކުރުމަށް ރަށްރަށުގައި ޓެކްނިކަލް ބޭފުޅުން ނެތުމަކީ ވެސް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ސުމާ ވިދާޅުވިއެވެ.
އެހެން ވީމާ، މިފަދަ ނިޒާމެއް ގާއިމުކުރުމަށް ދައުލަތުން ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކުރަން ޖެހޭކަން ސުމާ ވަނީ ފާހަގަކޮށްފައެވެ.