މިދިޔަ މަހު ޒަކާތުގެ ގޮތުގައި 5.3 މިލިއަން، މިއީ މިދިޔަ އަހަރަށްވުރެ 2 މިލިއަން އިތުރު އަދަދެއް


14 ފެބްރުއަރީ 2025 - 10:12
ފާއިތުވި މަހު މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެހެންކަމުން މި އަހަރުގެ ޖަނަވަރީ މަހު ޒަކާތުގެ ގޮތުގައި ލިބުނު ފަިއސާއަކީ، ފާއިތުވި އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު 2 މިލިއަން އިތުރު އަދަދެކެވެ.
ފާއިތުވި އަހަރު ޖަނަވަރީ މަހުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ ، 3.6 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ތަރީޚުގައި މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ ބޮޑު ޢަދަދު ލިބުނު އަހަރެވެ. އެގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101،939،070.15 ( ސަތޭކަ އެއްމިލިޔަން ނުވަލައްކަ ތިރީސް ނުވަހާސް ހަތްދިހަ ރުފިޔާ ފަނަރަ ލާރި ) ވަނީ ލިބިފައެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެއްއަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު ޢަދަދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރު ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އިފްތިތާޙު ކުރެވިގެން ދިޔަ ޒަކާތު ހައުސްގެ ފަރާތުން ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް މުހިންމު ކަންތައްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ނަތީޖާއެއްްގެ ގޮތުން ދިވެހިން ޒަކާތުގެ ކަންކަމަށް ފަރުވާތެރިވާ މިންވަރު އިތުރުވެފައިވާކަން އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރާ އުސޫލުގެ ދަށުން، މި އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 8،800.05ރ ކަމުގައި ވަނީ ކަނޑައަޅާފައެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 9240.35ރ އެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާއި އެއްގޮތަށް އޭގެ ސާޅީސް ކުޅަ އެއްބައި ނެރުން ވާޖިބުވާނެއެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.
ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ، މޯޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. ނިޞާބު ކަނޑައެޅުމަށްފަހު ރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިޢުލާން ކުރެއެވެ. އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ.