އެމްޑީޕީގެ ވެރިކަމުގައި ސްކޫލުތަކަށް ދާންދެން މޯގޭޖްކުރި، އެންމެ ފަހުން މޯގޭޖް ކުރީ މިނިވަންކަން: ފަލާޙް

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މަޖިލިސް
.jpg&w=3840&q=75)
17 ފެބްރުއަރީ 2025 - 05:20
ނިމުނު އެމްޑީޕީގެ ވެރިކަމުގައި ލޯނުތައް ނެގިއިރު، ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ދާންދެން ރަހުނުކުރި ކަމަށާއި، އެންމެ ފަހުން ރަހުނުކުރީ ރާއްޖޭގެ މިނިވަންކަން ކަމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާހް އެފަދައިން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް އަބްދުﷲ ނާޝިދު އައްޔަނުކުރުމަށް މިއަދުގެ މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންނެވެ.
އެގޮތުން އެކަމަށް ބަހުސް ކުރުމަށް ކޮންމެ ޕާޓީއަކަށް ވެސް ހަމައެކަނި ފުރުސަތުގައި، ޕީއެންސީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ފަލާޙް ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅަށް، އެބޭފުޅުންގެ ތާޢީދުއޮތް ކަން ހާމަކުރައްވާފައެވެ. އަދި އޭސީސީއަކީ ގައުމެއްގެ ހައިސިއްޔަތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ތަނެއް ކަމުގައި ފާހަގަކުރައްވަމުން ފަލާޙް ވިދާޅުވީ، އޭސީސީއަކީ ގައުމުގައި ހިނގާ ހުރިހާ ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލައި، ތަހުގީގުކޮށް ކަމާބެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފޮނުވާ މުއައްސަސާކަމަށެވެ.
ފަލާހްގެ ވާހަކަފުޅުގެ އެހާ ހިސާބުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، އޭސީސީއަކީ މިހާރު "ހިނގާ"ތަނެއް ނޫން ކަމަށެވެ.
އެއާއެކު މެންބަރު ކުޑޫގެ އެ ވާހަކަތަކަށް އިޝާރަތްކުރައްވަމުން މެންބަރު ފަލާޙް ވިދާޅުވީ، އޭސީސީއަކީ ހިނގާ ތަނެއް ނޫންކަމުގައި ވިދާޅުވެ، ކުޑޫ ވިދާޅުވީ ތެދުފުޅެއް ކަމަށާއި، އެކަމުގެ ހަގީގަތަކީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ހިންގި އެކި ކޮރަޕްޝަނުގެ މައްސަލަތައް މިއަދާ ހަމައަށް އައިއިރު ވެސް ބެލިފައިނުވުން ކަމަށެވެ.
އެގޮތުން ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަން ހިންގިކަމުގައި ފާހަގަކުރައްވަމުން ފަލާޙް ވިދާޅުވީ، އެ މައްސަލަތައް ބެލުމުގައި ވެސް އޭސީސީއަށް ކުރެވުނު މާ ބޮޑު ކަމެއް ނެތް ކަމަށެވެ.
"އެ ވާހަކަފުޅަށް ތާޢީދުކުރަން ހަމަ އަޅުގަނޑު ވެސް. އެއީ އޭސީސީ ހަގީގަތުގައި މި ގައުމުގައި މިހާތަނަށް ހިނގި އެންމެ ގިނަ ކޮރަޕްޝަނުގެ އަމަލުތައް ހިންގި މިދިޔަ ސަރުކާރުން," ފަލާޙް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މި ހަޔާތުގައި އަދި މި ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ވަބާ، ކޮވިޑުގެ މި ބަލިމަޑުކަން އެއީ. އެ ބަލިމަޑުކަމުގެ ތެރޭގައި މި ގައުމުގައި އޭރު އެ ދިމާވީ އެމްޑީޕީގެ ވެރިކަމާ. ދިމާވި އިރުގައި އެބޭފުޅުން އެއޮތް ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވެސް ޢަމަލުތައް، ވައްކަންތައް ކުރެއްވި ގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުވާނެ. އެހެންވީމާ އަޅުގަނޑު އޭސީސީއަކީ ވަރަށް މުހިންމު، މުއައްސަސާއެއްކަން މި ފާހަގަކުރެއްވީ. ބައްލަވާ ވެންޓިލޭޓަރުތަކެއް ދުބާއީ ކުންފުންޏަކަށް، އުފަން ވެސް ނުވާ ކުންފުންޏަކަށް ގަންނަން ދީފައި ދިވެހި ދައުލަތުން ރޯމާ ދުވާލު ގާތްގަޑަކަށް 33 މިލިއަން ރުފިޔާ އިނގޭތޯ، ކާލީ ހަމަ ރޯމާ ދުވާލު. މިހެން ގޮސް، އެ ސަރުކާރު ތެރޭގައި ނުހިނގާ ވައްކަމެއް މަދުވާނެ. އެހެން ނަމަވެސް އޭސީސީއަކަށް މާބޮޑު ކަމެއް ނުކުރުވުނު، - އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް
ފަލާޙް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނު އިރު، ލޯނުތައް ނެގުމަށް ތަންތަން ރަހުނުކުރަމުން ކުރަމުން ގޮސް ސްކޫލުތަކަށް ދާންދެން ވެސް ރަހުނު ކުރި ކަމަށާއި، އެންމެ ފަހުން ގައުމުގެ މިނިވަންކަން ވެސް ރަހުނު ކުރީ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ސަލާމަތްކުރި އެންމެ މުހިންމު އެކައްޗަކީ ގައުމުގެ މިނިވަންކަން ކަމުގައި ފަލާޙް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ މި ސަރުކާރުން ސަލާމަތް މިއަދާ ހަމައަށް ކުރި އެންމެ މުހިންމު އެކައްޗަކީ ގައުމުގެ މިނިވަންކަން މޯގޭޖްކޮށްފައި އޮތް އޮތުން. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ނަގައިދިނީ. މިއީ ވަރަށް ރަނގަޅު ވާހަކަައެއް، މި ގައުމުގެ މިނިވަންކަން މޯގޭޖުކޮށްފައި ދިޔަ ހަމައެކަނި ވެރިކަމަކަށް އެމްޑީޕީގެ ވެރިކަން ނޫނީ ނާދޭ، - އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް
ފަލާޙް އެފަދައިން ވިދާޅުވިއިރު ދައުލަތަށް އާމްދަނީ ހޯދުމުގެ ނަމުގައި، ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް މިދޔަ ސަރުކާރުގައި ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން 2020 ވަނަ އަހަރު، ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި އިސްލާމިކް ކޯޕަރޭޝަން ފޯ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ އެކު އޭރުގެ ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން ފިނޭންސްގެ ދަށަށް ދަރުމަވަންތަ ހޮސްޕިޓާލް ބަދަލުކުރީ، 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕޯސް ވެހިިކަލް (އެސްޕީވީ) އަކަށް ދައުލަތުގެ މުދަލެއްގެ ބެނިފިޝަލް އޯނާޝިޕް ބަދަލުކުރުމުގެ ގޮތުންނެވެ. އަދި އެ ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޕީވީގެ ބެނިފިޝަލް އޯނާޝިޕްގައިވާ މުދާ، އިޖާރާ އެއްބަސްވުމެއްގެ ދަށުން ފިނޭންސް މިނިސްޓްރީއަށް އޭރު ލީސް ކުރިއެވެ.
އެކަމާ ގުޅިގެން އޭރުގެ އިދިކޮޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ނަމަވެސް އޭރުގެ ސަރުކާރުން ބުނި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނިފިޝަލް އޯނާޝިޕް ބަދަލު ކުރުމަކީ އެއްވެސް ގޮތަކަށް އެތަން ވިއްކާލުން ނުވަތަ ރަހުނުކުރުމެއް ނޫން ކަމަށެވެ. އަދި ސުކޫކު ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ނުކުރެވޭނެ ކަމުގައި ވެސް އޭރު ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
8 މަސް ކުރިން
އެމްޑީޕީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ފަށަނީ
8 މަސް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
8 މަސް ކުރިން