އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު، މިފަދަ މަރުކަޒުތައް ރަށްރަށުގައި ގާއިމުކޮށްދިނުމަށް އެދޭ

"އިސްރަށްވެހިންގެ ނާދީ" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

17 ފެބްރުއަރީ 2025 - 12:25
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ޤާއިމުކުރެވުނު މަރުކަޒަށް މިއަދު އެއް އަހަރު ފުރުނުއިރު، މިފަދަ މަރުކަޒުތައް ރަށްރަށުގައި ވެސް ޤާއިމުކުރުމަށް 60 އަށްވުރެ ގިނަ ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެވެ.
މި މަރުކަޒަށް އެއް އަހަރު ފުރުމުން "އިސްވާރުންގެ އަހަރީ އުފާ" ގެ ނަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ، އެމީހުންނަށް އެއްވެލާ ހަރަކާތްތެރިވެލާ އުޅެވޭނެ އިޖުތިމާއި ގޮތުން ގުޅުން ބަދަހި ކޮށްދޭނެ މާހައުލެއް އޮތް ޖާގަތައް، ރާއްޖެގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް އެ ވުޒާރާއިން ކުރާ ހުރިހާ މަސައްކަތްތަކަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.
އެގޮތުން މިހާތަނަށް 60 އަށްވުރެ ގިނަ ކައުންސިލުން މިކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ވުޒާރާއިން ކައުންސިލުތަކާއި ގާތުން މަސައްކަތް ކުރައްވަމުން ދާކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްރަށްވެހިންނަކީ ކަންކަމުގައި ޝާމިލުވެ އުޅޭ ބައެއްކަން ކަށަވަރުކުރުމާއި، އެ ފަރާތްތަކަކީ އާއިލި ވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަމާއި، އާއިލީ ގުޅުންތަކުގެ ހިއްހަމަޖެހުން ލިބިގެން އުފާވެރިކަމާއި އެކު އުޅޭ ބައެއްކަން ކަށަވަރު ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގަ، އޭގެ ތެރޭގަ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއި، ހިންގޭ ޕްރޮގޮރާމުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރރާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަންކަން-އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް
މި ރަސްމިއްޔާތު ޝަރަފުވެރި ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މެޑަމް ވިދާޅުވީ ރާއްޖެގައި މިފަދަ މަރުކަޒުތައް ގާއިމުކޮށްދެއްވުމަކީ ދިވެހީންގެ އިޖުތިމާއީ ގުޅުންތައް ބަދަހިކުރުއްވަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ހާމަވާ ކަމެއް ކަމަށާއި، ދުވަސްވީ އިސްރަށްވެހިންގެ އަގުވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަން ހާމަކުރާ ކަމެއް ކަމަށެވެ.
އެހެންކަމުން މިފަދަ މަރުކަޒުތަކުގެ ސަބަބުން ދިވެހި މުޖުތަމައު އަކީ އެކަކުވެސް ބާކީނުވާ، އެންމެންގެ މުޖުތަމައު އަކަށް ބަދަލުވެގެން ދާނެ ކަމެއް ކަމަށާއި، މި ކަމުގެ ސަބަބުން އުފާވެރިކަން ފެތުރިގެން ދާނެ ކަމަށް މެޑަމް ފާހަގަކުރެްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ސަރުކާރުން އިސަރަށްވެހިންނަށް ހާއްސަ ކޮށްގެން މިފަދަ މަރުކަޒުތަކެއް ރާއްޖެގައި ގާއިމުކުރައްވަން ނިންމަވައި، އެކަން ހަގީގަތަކަށް ހައްދަވަމުން ގެންދަވާކަމީ ދިވެހީންގެ އިޖުތިމާއީ ގުޅުންތައް ބަދަހިކުރައްވަން އެމަނިކުފާނު ދެއްވާ އިސްކަން، ދުވަސްވީ އިސްރަށްވެހިންގެ އަގުވަޒަންކުރައްވަން ސަރުކާރުން ދެްވާ ސަމާލުކަން. މީ ގައުމެއްގެ ނިސްބަތުގައި ކިތަންމެހާ ވެސް މުހިންމު ކަމެއް-ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ
އިސްރަށްވެހިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އިސްރަށްވެހިންގެ ނާދީގައި ތަފާތު އެކި ޙަރަކާތްތައް އެކި މުވައްސަސާތަކާއި ގުޅިގެން އިންތިޒާމުކޮށް ވަނީ ހިންގާފައެވެ. އެގޮތުން ދީނީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތަކާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް އަހުލުވެރިކުރުވުމަށް އެކި ޖަމިއްޔާތަކާއި ގުޅިގެން ކަސްރަތާއި، ތެރަޕީތަކާއި، ކެއިންބުއިމުގެ އާދަކާދައާއި ގުޅޭ މަޢުލޫމާތުވެސް ފޯރުކޮށްދެއެވެ. މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ އިސްކަމެއްދެވިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. ހަމައެއާއެކު ޢުމުރުން ދުވަސްވީ މީހުންނަށް ބައިވެރިވެވޭނެފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުވެސް ނާދީގައި ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޝައުގުވެރިކަން ފާޅުކުރާ ރަށްރަށަށް އަމާޒުކޮށްގެން މިމަޝްރޫޢު ހިންގުމަށް ނިންމާފައިވާއިރު 5 އަތޮޅަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. އެގޮތުން ދެކުނަށް ހާއްސަކުރާ "އިސްރަށްވެހިންގެ ހިޔާވަހި" އައްޑޫ ސިޓީ ފޭދޫގައި ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ދައުލަތުގެ އެކި މުވައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން އިސްރަށްވެހިންނަށް ޚާއްސަ އެކި ޕްރޮގްރާމްތައް ހިންގަމުންދާއިރު އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް އެ ފަރާތްތަކަށް ލިބެމުންދާކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އެގޮތުން ނަފްސާނީ އެކި ނުތަނަވަސްކަން ކުރިމަތިވެފައިވާ ފަރާތްތަކުން އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކޮށް އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން އެކަމުގެ ހެޔޮ ބަދަލު ފެންނަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އިތުރު ލިޔުންތައް

ހުޅުމާލޭގައި އިސްރަށްވެހިންގެ މަރުކަޒެއް މިމަހު ހުޅުވަނީ
9 މަސް ކުރިން
ކުޅުދުއްފުށީ ސިޓީގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި
3 މަސް ކުރިން
ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފި
2 މަސް ކުރިން