ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތަޢުލީމަށް ތަމްރީނުކުރުން ފަށައިފި


18 ފެބްރުއަރީ 2025 - 06:57
ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތަޢުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ރައްޔިތުންގެ މަޖިލީހާ ގުޅިގެން ފަށާފައިވަނީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެވެ.
1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވަރސިޓީގެ އިސްވެރިން އަދި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުންނާއެކު އިއްޔެ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގެ އިދާރާގައި ޚާއްޞަ ބައްދަލުވުމެއް ބާއްވާފައިވެއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މިފަދަ ކޯހެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ޢިލްމީގޮތުން ޤާބިލު މެންބަރުންތަކެއް ތިބި އަދި ޢިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެކެވެ. އެހެންކަމުން މެންބަރުންގެ ތަޢުލީމާއި ގުޅޭ މިފަދަ ފުރުޞަތެއް ފެށުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ލަފާފުޅާއި، ބެހެއްޓެވި ޝަޢުޤުވެރިކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.
އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ގެ 1 އަހަރުދުވަހުގެ ކޯހުގައި ޖުމުލަ 8 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގައި ޔުނިވަރސިޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު ވިދާޅުވި ގޮތުގައި ކޯހުގެ ކިޔެވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށެވެ.
ބައްދަލުވުމުގައި ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ވަޙީދާއާއި ރަޖިސްޓްރަރ އަލްއުސްތާޛް އަޙްމަދު ރައޫފް ޢަބްދުﷲ ވަނީ ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އިސްލާމިކް ޔުނިވަރސިޓީން މަޢުލޫމާތު ދެއްވި ގޮތުގައި، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލީހުގެ މެންބަރުންނަށް ބެޗްލަރ ޑިގްރީ ކޯހެއްވެސް ދާދިއަވަހަށް ފެށުމުގެ އިދާރީ މަސައްކަތްތަކެއް މިހާރު ކުރިއަށް އެބަގެންދެވެއެވެ.
އައި.ޔޫ.އެމް އަކީ ސްޓޭޓް-އޮފް-ދި އާޓް މޫޓް ކޯޓަކާއެކު ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީ.އެޗް.ޑީ އާ ހަމައަށް ކޯސް ހިންގާ ޔުނިވަރސިޓީއެކެވެ.
މި ޕްރޮގްރާމް ފެށުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ އަދި ޝަރުޢީ ހުނަރުތައް އިތުރުކޮށް، ޤާނޫނު ހެދުމުގެ މަސައްކަތުގައި އިތުރު ފުރިހަމަކަމެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
އަހަރެއް ކުރިން
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ
އަހަރެއް ކުރިން