logoEN
ކުޅިވަރު

ޔޫތު ޗެންޕިއަންޝިޕްގެ ސެމީގެ އުއްމީދު އީގަލްސްއިން އާކޮށްފި

އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ.އެމް

އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ.އެމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

20 ފެބްރުއަރީ 2025 - 08:04

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ލީގުގައި ރޭގައި ކްލަބް އީގަލްސް އިން ކްލަބް ވެލެންސިޔާ 1-0 ގެ ނަތީޖާއިން ބަލިކޮށް، މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރުމުގެ އުންމީދު އާކޮށްފިއެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މި މެޗުގައި އީގަލްސްގެހަމައެަކނި ލަނޑު މެޗު ނިމެން ކައިރިވަނިކޮށް ޖަހައިދިނީ އަބްދުﷲ ޒުހާން މުހައްމަދެވެ. މެޗުގެ ދެވަނަ ހާފުގައި އީގަލްސްގެ ކީޕަރު ޒަހުރާން ހަސަން ޒިޔާދު ވަނީ ވެލެންސިޔާގެ ކެޕްޓަން ލަހުފާން އަހުމަދު ޝަހީމްގެ ނުރައްކާތެރި ހަމަލާއަކާއި، މެޗުގެ ފަހު ވަގުތުތަކުގައި ވެލެންސިޔާއަށް ލިބުނު ކޯނަރަކުން އުފެދުނު ހަމަލާއެއް ހުއްޓުވާފައެވެ.

މި ގްރޫޕްގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވަނީ ދެ މެޗުންވެސް މޮޅުވެފައިވާ މާޒިޔާއެވެ. އީގަލްސް ވަނީ ތިން މެޗުން 6 ޕޮއިންޓް ހޯދާފައެވެ. ވެލެންސިޔާ ދެ މެޗުން 6 ޕޮއިންޓް ހޯދާފައިވާއިރު، ބުރު ސްޕޯޓްސް ކުލަބުން ތިން މެޗުން ވަނީ 3 ޕޮއިންޓް ހޯދާފައެވެ. ގްރީން ސްޓްރީޓްސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

އިއްޔެ ހަވީރުގައި ބުރު ސްޕޯޓްސް ކުލަބުން ވަނީ ގްރީން ސްޓްރީޓްސް 4-1 އިން ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މި މެޗުގައި ބުރުގެ އައްފާން ބިން އަހުމަދު ވަނީ ހެޓްރިކެއް ހަދާފައެވެ. އޭނާގެ ލަނޑުތައް ޖެހީ 15، 30 އަދި 42 ވަނަ މިނެޓުގައެވެ. ބުރުގެ ހަތަރުވަނަ ލަނޑު ޕެނަލްޓީއަކުން ޖަހައިދިނީ އަޒުހަދު މުހައްމަދު ޒާހިދެވެ. ގްރީންގެ ހަމައެކަނި ލަނޑު 71 ވަނަ މިނެޓުގައި ޖަހައިދިނީ މައީޝް މުހައްމަދު ރަޝީދެވެ.

އެފްއޭއެމްގެ މި އަހަރުގެ ފުރަތަމަ ރަސްމީ މުބާރާތް ކަމަށްވާ މި މުބާރާތުގެ ދެގްރޫޕެއް ހިމެނޭއިރު، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑުގައެވެ

ކޮމެންޓް

871x217_placeholder